އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީތައް ކަމަށް ތަމަޅަ އަދި ތެލުގޫ ފިލްމުތަކުގެ ހިންދީ ރިމޭކް އުފެއްދުމަކީ އާއްމުކަމެއް ނަމަވެސް މި ފަހަރު އޭގެ ބަދަލުގައި ހިންދީ ފިލްމެއްގެ ރިމޭކްއެއް މި ގެނެސްދެނީ ތަމަޅަ އިންޑަސްޓްރީންނެވެ.
މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޫލް ބުލައްޔާ2"ގެ ތަމަޅަ ރިމޭކްއެއް އުފައްދަން ނިންމާފައިވާއިރު މި ފިލްމު އުފައްދަނީ ކާމިޔާބު ތަމަޅަ ފިލްމު ސީރީސް "ސިންގަމް"ގެ ޕްރޮޑިއުސަރެވެ.
ތަމަޅަ ފިލްމު "ސިންގަމް"އަކީ ހިންދީ ރިމޭކް "ސިންގްހަމް"ގެ އަސްލު ފިލްމެވެ. ތަމަޅަ ޕްރޮޑިއުސަރު ގްނަންވެލް ރާޖާ "ބޫލް ބުލައްޔާ2"ގެ ކޮޕީ ރައިޓްސް ގަނެފައިވާއިރު މި ފިލްމުގެ ކޮޕީ ރައިޓްސް ގަންނަން ބޭނުންވި އިތުރު އެހެން ޕްރޮޑިއުސަރުން ވެސް ކިއުގައި ތިބި ކަމަށް ގްނަންވެލް ވަނީ ބުނެފައެވެ. މި ފިލްމަކީ ވަރަށް ރީތި ވާހަކައަކަށްވެފައި އެހެން ބަހުރުވައުކުން ފިލްމުގެ ރިމޭކްއެއް އުފެއްދުމަކީ ވަރަށް ބޭނުންވި ކަމެއް ކަމަށް ޕްރޮޑިއުސަރު ގްނަންވެލް ވަނީ ބުނެފައެވެ.
ފިލްމުގެ ކާސްޓާއި ކްރޫއިން ހަމަޖެއްސުމުގެ މަރުހަލާ ކުރިއަށް އޮތްއިރު ތަމަޅަ ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ އެކްޓަރު ކާތިކް އާރްޔަންއާއި ބަތަލާ ކިއާރާ އަދްވާނީއެވެ.
ފިލްމު "ބޫލް ބުލައްޔާ"ގެ ފުރަތަމަ ބައި 2007ވަނަ އަހަރު ރިލީޒްވިއިރު މި ފިލްމަކީ 1993ވަނަ އަހަރު ރިލީޒްވި މަޅަޔާލަމް ފިލްމެއްގެ ރިމޭކްއެކެވެ. ނަމަވެސް ފިލްމު "ބޫލް ބުލައްޔާ2"އެއީ އަސްލު ހިންދީ ފިލްމެކެވެ. ފިލްމު "ބޫލް ބުލައްޔާ3" އުފައްދާނެކަން އިޢުލާނު ކޮށްފައިވާއިރު އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށް ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. ކާތިކްއާއި ކިއާރާ އަދްވާނީގެ ފިލްމު "ސަތުޔަޕްރޭމްކީ ކަތާ" މި މަހުގެ 29ގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު މިއީ ދެ ތަރިން އެކީގައި ސްކްރީނުން ފެންނާނެ ދެވަނަ ފިލްމެވެ.