ސާރާގެ ފިލްމު 'ސްކައި ފޯސް'ގައި ކުރީގެ ލޯބިވެރިޔާ

ޑައިރެކްޓަރު ސަންދީޕް ކީލާނީއާއި އަބީޝެކް ކަޕޫރުގެ ފިލްމު "ސްކައި ފޯސް"އިން ބަތަލާ ސާރާ އަލީ ޚާންއާ އެކު ސާރާގެ ކުރީގެ ލޯބިވެރިޔާ ވީރު ޕަހަރިޔާ ފެންނާނެކަން ކަށަވަރު ވެއްޖެއެވެ.

ވީރް ޕަހަރިޔާއަކީ އިންޑިއާގެ ކުރީގެ ސިޔާސީ ލީޑަރު ސުޝިލް ކުމާރު ޝިންޑޭގެ ކާފަ ދަރިފުޅެވެ. ފިލްމީ ދާއިރާއާއި މިއުޒިކީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ވީރް ޕަހަރިޔާއަކީ ޒުވާން ވިޔަފާރިވެރިއެއް ވެސް މެއެވެ.

މިދިޔަ މެއި މަހު ފިލްމުގެ "ސްކައި ފޯސް"ގެ މަސައްކަތް ފަށާފައިވާއިރު މި ފިލްމުގެ ލީޑް ރޯލް ކުޅޭނީ އެކްޓަރު އަކްޝޭ ކުމާރުއެވެ. އިންޑިއާގެ ގިނަ ސަރަޙައްދުތަކުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވާއިރު މި ވަގުތު ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. ފިލްމުގައި ސާރާ ކުޅެނީ ކޮންކަހަލ ރޯލެއްކަން އަދި ވަނީ ސިއްރުކުރެވިފައެވެ.

ފިލްމު "ސްކައި ފޯސް"އަކީ އިންޑިއާގެ އެއަފޯސްގައި މަސައްކަތްކުރާ އޮފިސަރުންގެ ޙަޤީޤީ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. މީގެ އިތުރުން މިހާތަނަށް އިންޑިއަން އެއަ ފޯސްއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފިލްމު މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭނެއެވެ. ކުރިއަށް އޮތް އަހަރު ފިލްމު "ސްކައި ފޯސް" ރިލީޒް ކުރުމަށް ނިންމާފައިވާއިރު މިއީ ވީރް ޕަހަރިޔާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފު ކުރާނެ ފިލްމު ވެސް މެއެވެ.

ވީރް ޕަހަރިޔާގެ ޢާއިލާއަކީ އިންޑިއާގެ އެންމެ މުއްސަނދި އަމްބާނީ ޢާއިލާއާ ވެސް ގާތް ގުޅުމެއް އޮންނަ ޢާއިލާއެކެވެ. ސާރާއާއި ވީރު ޕަހަރިޔާގެ ލޯބީގެ ގުޅުން ފެށުނީ 2016ވަނަ އަހަރުއެވެ. ނަމަވެސް ދެ މީހުން ވެސް ވަނީ އޭގެ ދުވަސްކޮޅެއް ފަހުން ވަކިވެފައެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން"ގެ ސީޒަނެއްގައި ބަތަލާ ސާރާއާއި ޖާންވީ ކަޕޫރު ވަނީ ވީރް ޕަހަރިޔާއާއި ޝިކްހަރު ޕަހަރިޔާގެ ލޯބީގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ސާރާއާއި ވީރުގެ ގުޅުން ނިމުމަކަށް އައި ނަމަވެސް ޖާންވީއާއި ވީރުގެ ކޮއްކޮ ޝިކާރު ޕަހަރިޔާގެ ގުޅުން މިހާރު ވެސް އޮވެއެވެ. ޝިކްހަރު އެކި ފަހަރު މަތިން ޖާންވީގެ ބައްޕަ ބޮނީ ކަޕޫރާ އެކު ވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް