ބިން ހިއްކުމުގެ މަޝްރޫއު ގުޅެނީ އައްޑޫގެ ޓޫރިޒަމް ތަރައްގީއާ: ރައީސް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވުމަށްފަހު ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ގުޅިފައިވަނީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީއާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވެފައިވާއިރު މިއީ ދިވެހި އިގްތިސާދުގެ އެންމެ މުހިންމު ތަނބު ކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓް ޓޫރިޒަމާއި އިންޓަގްރޭޓެޑް ޓޫރިޒަމާއެކު އައްޑޫ ރައްޔިތުންނަށް ވެސް ބޮޑެތި ފައިދާތަކެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަންކެޑެއަކީ އެކަމަށް އެންމެ ރަނގަޅު ސަރަހައްދު ކަމަށެވެ. އެގޮތުން އެކި ފަންތީގެ އެކި ފެންވަރުގެ ފަތުރުވެރިކަމަށް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެ ކަން ކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އިންޓަގްރޭޓެޑް ރިސޯޓް، ސިޓީ، ހޮޓާ، ގެސްޓް ހައުސް، އަދި ވޯޓާ ވިލާ އެކުލެވޭ ވަށައިޖެހޭ ޕްރޮޖެކްޓެއް. މިހާރުވަނީ އެ މަޝްރޫއު ފެށުމުގެ މަރުހަލާގައި، މުޅި މަޝްރޫއުު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ޑިޒައިންކޮށް ކުރިއަށް ގެންދަނީ ހަންކެޑެ މަޝްރޫއު ނިމުމުން އެ ތަނާ ގުޅޭނެ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެ މަޝްރޫއު ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް 600 ޓޫރިސްޓު އެނދު އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއެއް ނިމުމުން ޖުމްލަ 7000 ޓޫރިސްޓު އެނދު ހަމައެކަނި އައްޑޫގައި ވެސް އޮޕަރޭޓު ކުރަން ފަށާނެ ކަމަށެވެ.

އެއާއެކު ޝަންގްރިއްލާ ރިސޯޓު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް. އެ ފަރާތާއެކު އޮތް ޒަމާޏްވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސްކަމުގައިވުމަކަށް އަަޅުގަނޑު ނުހަދާނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާޗު މަހުގެ ތެރޭ ހިއްސާ ބަދަލުކުރުމުގެ ލިޔެކިޔުންތައް ބަދަލުކުރެވިފައިވާއިރު އެ މަސައްކަތް ނިިމުމާއެކު ބޭނުންވާ ބަދަލުތަކާއެކު ޝަންގްރިއްލާ ހިނގަން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފާހަގަ ޖެހޭ އެންމެ ފުރަތަމަ ތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އެއީ ކުރިން ވެސް އެމަނިކުފާނު ވިދާޅުވާ ވާހަކައެެއްް ކަމަށް ވިދާޅުވިއެވެ.

"މިއަދު އޮތީ މި ފެންނަ އަމަލީ މަންޒަރު ދެކި އެ ކަމަށް ހެކިވުން. މިއަދަަކީ ތަރައްގީގެ ހެޔޮ ފާހަގަ ފެށޭ އައްޑޫ ސިޓީގެ މި ބިމަށް ތަރައްގީގެ ހެޔޮ ބަދަލު އަމަލީ ގޮތުން އައުމުގެ ދުވަސް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ދުނިޔެ ބަލައިގަންނަ ތަހުޒީބީ ސިޓީއަކަށް އައްޑޫ ހެދުމަކީ މީގެ ކުރީއްސުރެ ދެކެވެމުން އައި ވާހަކައެއް ކަމަށެވެ. މިއަދު މި ސަރުކާރުން ފެށީ އެކަމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބަދަލަށް އެންމެ މުހިންމީ އައްޑޫގެ ބިމުގެ ބައްޓަމަށް ބަދަލު ގެނައުން ކަމަށެވެ..

"މިއަދު ތިޔަ ބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު. އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާ ގުޅޭ އެންމެ ބޮޑު މަޝްރޫއު މިހާރު އެ ވަނީ މެކުހަށް ޖަހައިލައިފައި. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން 190 ހެކްޓަރުގެ އިތުރު ބިން ތިޔަ ބޭފުޅުންގެ މި އައްޑޫއަށް އެ އަންނަނީ އިތުރުވަމުން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް