އާސަންދަ ބަޖެޓު އެންމެ 136 މިލިއަނަށް ދަށްވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރަށް ސަރުކާރުން އާސަންދައަށް ފާސްކުރި ބަޖެޓުގެ 909 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރަށް އާސަންދައަށް ބަޖެޓުކުރީ އެއް ބިލިއަން ރުފިޔާއެވެ. ނަމަވެސް، މި އަހަރުގެ ބާކީ ހަތް މަސް އޮއްވާ އާސަންދަ ބަޖެޓުގެ 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރުމާއެކު، ބާކީ ހުރީ އެންމެ 136 މިލިއަން ރުފިޔާއެވެ.

އާސަންދައަކީ 2012 ވަނަ އަހަރު، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އިންޝުއަރެންސް އުފެދުނީއްސުރެ ވެސް، ދައުލަތަށް ބޮޑުތަނުން މާލީ ބުރަ ކުރިމަތިކުރުވި އެއް ޚިދުމަތެވެ. ވަކިން ޚާއްސަކޮށް، ވަރަށް ގިނަ އަހަރުތަކުގައި އާސަންދައަށް ފާސްކުރާ ބަޖެޓު ހުސްވެ، ސަޕްލިމަންޓަރީ ބަޖެޓުން އާސަންދައަށް ޚަރަދުކުރަން ޖެހެއެވެ.

  • 2017 ވަނަ އަހަރު: 928 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި
  • 2018 ވަނަ އަހަރު: 1.49 ބިލިއަން ރުފިޔާ ޚަރަދުކުރި
  • 2019 ވަނަ އަހަރު: އެ އަހަރު ފާސްކުރި ބަޖެޓަށް ވުރެ 84 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރި. ޖުމްލަ ޚަރަދު 1.3 ބިލިއަނަށް ވުރެ ބޮޑު
  • 2020 ވަނަ އަހަރު: 1.21 ބިލިއަން ރުފިޔާ ޚަރަދުކުރި
  • 2021 ވަނަ އަހަރު: ފާސް ކުރި ބަޖެޓަކީ 950.8 މިލިއަން ރުފިޔާ، އަހަރު ނިމުނު އިރު ޚަރަދު ކުރީ 1.56 ބިލިއަން ރުފިޔާ
  • 2022 ވަނަ އަހަރު: ބަޖެޓު ކުރީ 730 މިލިއަން ރުފިޔާ، އަހަރު ނިމުނު އިރު ޚަރަދު ކުރީ 1.6 ބިލިއަން ރުފިޔާ.

އެގޮތުން މި އަހަރުގެ ކުރިއަށް އޮތް ދުވަސްވަރަށް އާސަންދައިގެ ބަޖެޓު ހުސްވެ، ސަޕްލެމަންޓަރީ ބަޖެޓަކަށް ދިޔުން ގާތެވެ.

އާސަންދައިގެ ޚަރަދު ބޮޑުވެފައިވާއިރު، ރާއްޖޭގައި މިހާރު އާސަންދަ ދެމުން އަންނަނީ ފަގީރުންނާއި މުއްސަނދިންނަށް އެއް ހަމައަކުން ކަމަށާއި ރާއްޖޭގެ ސަބްސިޑީ ނިޒާމު މިހާރު ބައްޓަންވެފައި އޮތީ ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ސަރުކާރުގެ އިސް ބޭފުޅުން މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

އަދި އެކަން ހައްލު ކުރުމަށްޓަކައި އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް" އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ އަލި މަގެއް އަދި ނުއެއް ފެނެއެވެ.

އާސަންދައިގެ އިތުރުން، ރާއްޖޭގެ ޚަރަދު ކުޑަ ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ނަސޭހަތްތެރިވަމުން އަންނަ އިރު، އެކަމަށް މާ ބޮޑު އަޅާލުމެއް ސަރުކާރުގެ ފަރާތުން ދޭ ތަނެއް ނުފެނެއެވެ.

comment ކޮމެންޓް