ބިރުވެރި ތަޖުރިބާއެއް: މުޅި ބޯޓުގައި ރޯވީ ބޯޓުން ފޭބިތާ އިރުކޮޅެއް ތެރޭ!

ހޮރައިޒިއާ 2 ބޭނުންނުކުރެވޭ ވަރަށް އަނދާފައި

ވީޑިއޯތަކާއި ފޮޓޯތަކުން ގައިމު ވެސް ފެންނަނީ ބިރުވެރި މަންޒަރެކެވެ. އެ ކަން ތަޖުރިބާކުރި މީހުންނަށް އެ ހާދިސާ މާ ބިރުވެރިއެވެ.

މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2"ގައި އަލިފާން ރޯވެ، އެ ބޯޓު ރޭ އަނދައި ހުލިވީއެވެ. އެމްއެންޑީއެފްއިން ބުނިގޮތުގައި މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންނެވެ.

ބޯޓުގެ ކައްޕި އަހްމަދު ނިޔާޒް "ސަން"އާ ވާހަކަ ދައްކަމުން ބުނީ ބޯޓުގައި ރޯވީ ބެޓެރިން ކަރަންޓު ދޭ ބޯޑެއްގައި ރޯވެގެން ކަމަށެވެ. އެންމެ ފުރަތަމަ ފެނުނީ އޭގައި ރޯވެފައި ހުއްޓާ ކަމަށް އޭނާ ކިޔައިދިނެވެ.

"އިންޖީނު ސްޓާޓް ކުރުމަށް ބޭނުންކުރާ ބެޓެރި ސްވިޗްގައި އަލިފާން ހިފީ،" ނިޔާޒް ކިޔައިދިނެވެ.

ވަގުތުން ބޯޓު ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ގުޅައި އެ ކަން އެންގިއެވެ. އެ ފަރާތުން ވަނީ ބޯޓު އޮތްތަނާ ކައިރީގައި އޮތް ލަނޑާގިރާވަރާ ކޮންޓެކްޓްކޮށް އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

ބޯޓުގައި ތިބީ ފަސް ދިވެހީންނާއި ފަސް ބިދޭސީންނެވެ. މާ ބޮޑަށް ބޯޓުގައި އަލިފާން ހިފުމުގެ ކުރިން ލޯންޗު އައިސްފިއެވެ. އޭރު ވެސް ބޯޓުގައި ތިބި އެންމެން ވެސް އުޅުނީ އަލިފާންގަނޑު ނިއްވައިލެވޭތޯއެވެެ. ނަމަވެސް، އަލިފާންގަނޑު ފެތުރިގަތްލެއް މާ އަވަހެވެ.

ގާތްގަނޑަށް 85 ވަރަކަށް ފޫޓު ހުންނަ އެ ބޯޓުގައި އަލިފާންގަނޑު ފެތުރިގަތީ އެ މީހުން ބޯޓުން ފޭބިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

އެ ބޯޓުން ދަތުރުކުރި މީހަކު ކިޔައިދިން ގޮތުގައި އެއީ ބިރުވެރި ތަޖުރިބާއެކެވެ. ރިސޯޓުގެ ލޯންޗެއް އެެެހާ އަވަަހަށް އެ ތަނަށް އައިސް އެ މީހުން ސަލާމަތް ކުރިކަން އެއީ ނަސީބެވެ.

އަލިފާންގަނޑު ނިއްވާލަން އުޅުމުގެ ތެރޭގައި އެ ތަނުން އެކެއްގެ ލޮލަށް ވަނީ އަނިޔާވެފައެވެ. އަދި އެކަކު ވެއްޓި އޭނާގެ ފަޔަަށް ވެސް ވަނީ އަނިޔާވެފައެވެ.

އެ ބޯޓަކީ ހދ. މަކުނުދޫ، އަބްދުﷲ ހަމީދު ކުއްޔަށް ނަގައިގެން އުޅޭ ބޯޓެކެވެ.

ސައީދު ބުނި ގޮތުގައި ބޯޓު ކުއްޔަށް ހިފައިގެން އުޅޭތާ އަށް ވަރަކަށް މަސް ވެދާނެއެވެ. އޭގައި ރަށްރަށަށް ގެންދާ ގިނަ މުދަލެއް އުފުލައެވެ. ކާބޯތަކެއްޗާއި، ހިލަވެއްޔާއ ހިލައާއި ފިލައާއި ދަގަނޑުފަދަ އެތައް މުދަލެކެވެ.

"ރަސްގެތީމަށާ މަކުނުދުއަށް އާއްމުކޮށް ދަނީ. އެކަމަކު މި ދަތުރުގައި އަލިފުށީ މުދާ ވެސް ހުރި،" އޭނާ ކިޔައިދިނެވެ.

އެ ތިން ރަށުގެ މުދަލާއެކު މި ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް މިލިއަނަކާ ގާތްކުރާ ވަރަށް އަރާނެކަމަށް އޭނާ ބުންޏެވެ.

ބޯޓުގައި ރޯވި އިރު އަގުބޮޑު ޖަނަރޭޓަރަކާއި ދެ ސައިކަލު ވެސް އޭގައި ހުރި ކަމަށް ބޯޓުގެ ކެޕްޓަން ކިޔައިދިނެވެ.

ބޯޓު މުޅިން އަނދައި ހުލިވެ، މިހާރު އަޑިއަށް ވެސް ގޮސްފިއެވެ. ނަސީބު ރަނގަޅުކަމުން މީހުން ސަލާމަތްވިއެވެ. އެކަމަކު، ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރަމުންދިޔަ ވަގުތު ފެނުނީ އިރުކޮޅެއް ކުރިން ދަތުރުކުރި ބޯޓު އަނދައި އަޅިއަށް ވަމުންދިޔަ މަންޒަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް