އެޕަލްގެ އެތައްހާސް ފޯނަކަށް އެމެރިކާއިން އެކްސެސްވެ ޖާސޫސްކުރާ ކަމަށް ރަޝިއާއިން ބުނެފި

މޮސްކޯ (ޖޫން 1) - އެޕަލްގެ އެތައްހާސް ފޯނަކަށް ގަވާއިދާ ޚިލާފަށް އެމެރިކާއިން އެކްސެސްވެ ޖާސޫސްކުރާ ކަމަށް ރަޝިއާއިން ބުނެފިއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން އެޕަލްގެ ފޯނުތަކަށް ގަވާއިދާ ޚިލާފަށް އެކްސެސްވުމަށް މަލްވެއާ ބޭނުންކޮށްގެން ރޭވި ރޭވުމެއް ފެނިފައިވާ ކަމަށް ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ވަނީ ބުނެފައެވެ.

ސޯވިއެޓް ޒަމާނުގެ ކޭޖީބީގެ އެންމެ އިސް ވެރިޔާ ބުނީ އެޕަލްގެ އެތައް ހާސް ފޯނަކަށް އެ މަލްވެއާގެ އަސަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ރަޝިއާގެ އެތެރޭގެ ސަބްސްކްރައިބަރުންގެ ފޯނުތައް ވެސް ހިމެނޭ ކަމަށެވެ.

މިކަމާ ގުޅިގެން އެޕަލް އިން ވެސް އަދި އެންއެސްއޭ އިން ވެސް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

ރަޝިއާގެ ޖާސޫސީ އިދާރާއިން ބުނީ ރަޝިއާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަންގައި ތިއްބެވި ބޭރުގެ ޑިޕްލޮމެޓުންގެ ފޯނުތަކަށް އަމާޒުކޮށް އެމެރިކާއިން ޖާސޫސް ކުރާ ކަމަށާއި، އޭގެ ތެރޭގައި އިސްރާއީލާއި ސީރިއާ އާއި ޗައިނާ އަދި ނޭޓޯގެ މެމްބަރުން ހިމެނޭ ކަމަށެވެ.

ރަޝިއާއިން މިފަދަ ބޮޑު ތުހުމަތެއް އެޕަލްއަށާއި، އެމެރިކާއަށް ކުރާއިރު، ޓެކްދާއިރާގެ ބޮޑެތި ކުންފުނިތަކުންވެސް މިފަދަ އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

"އެޕަލް މޮބައިލް ޑިވައިސްތައް ބޭނުންކޮށްގެން އެމެރިކާގެ ހާއްސަ ހިދުމަތްތަކުގެ އިންޓެލިޖެންސް އެކްޝަނެއް ކުރިއަށް ގެންދާކަން ވަނީ ހާމަވެފައި،" ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރަޝިއާއިން މިފަދަ ތުހުމަތެއް ކުރާއިރު، ހާވާޑް ޔުނިވާސިޓީގެ ބެލްފާ ސެންޓަރ ސައިބަރ 2022 ޕަވާ އިންޑެކްސްގައި ވާގޮތުން އެމެރިކާއާއި ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ ޕަވާ އިންޑެކްސްގައި ވާގޮތުން އެމެރިކާއަކީ ވިސްނުމާއި ޤާބިލުކަމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ސައިބާ ބާރެވެ.

އެފްއެސްބީން ބުނީ މި ޕްލޮޓުން އެޕަލް އާއި އެމެރިކާގެ ކްރިޕްޓޮގްރަފިކް އަދި ކޮމިއުނިކޭޝަން އިންޓެލިޖެންސް އެންޑް ސެކިއުރިޓީގެ ޒިންމާ އަދާކުރާ އެމެރިކާގެ އެޖެންސީ އެންއެސްއޭއާ ދެމެދު ގާތް ގުޅުމެއް އޮތްކަން ހާމަވާ ކަމަށެވެ.

ކްރެމްލިން އާއި ރަޝިއާގެ ހާރިޖީ ވުޒާރާއިން ވެސް ވަނީ މި މައްސަލައިގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފޮރުވިފައިވާ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމެރިކާއިން އުފައްދާ ފައިވާ މޯބައިލް ފޯނުތަކުގައި ހުރި ސޮފްޓްވެއާ ވަލްނަރަބިލިޓީސް މެދުވެރިކޮށް ކަމަށެވެ.

"އެމެރިކާގެ އިންޓެލިޖެންސް ސާވިސްއިން އައިޓީ ކޯޕަރޭޝަންތައް ބޭނުންކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ. އިންޓަނެޓް ބޭނުންކުރާ މީހުންގެ ބޮޑެތި ޑޭޓާތައް އެ މީހުންނަށް ނޭނގި އެއްކުރުމަށް،" ރަޝިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް