ކުށްތަކާ ދުރު މުޖުތަމައެއް ބިނާކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ނައިބު ރައީސް ގޮވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް އިންމޭޓް ކުރިއޭޓިވިޓީ ފެއާގައި ވާހަކަދައްކަވަނީ --- ފޮަޓޯ/ ރައީސް އޮފީސް

ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރާން އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އިންތިޒާމުކޮށްގެން ބޭއްވި ކ. މާފުށީ ސްކޫލުގައި "އިންމޭޓް ކްރިއޭޓިވިޓީ ފެއާ 2023" ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަލުތަކުގެ ކަންކަން ރަނގަޅު ކުރުމަށާއި ގައިދީންގެ ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށް ގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އިންމޭޓް ކުރިއޭޓިވިޓީ ފެއާގެ މަގުސަދަކީ ގައިދީން ރިހެބިލިޓޭޓުކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ. މި ފެއާގައި 40 އަށް ވުރެ ގިނަ ގައިދީން ބައިވެރިވެފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

ކަރެކްޝަނުން ބުނި ގޮތުގައި މި ފެއާގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރިކޮށްފައިވެއެވެ. މި ފެއާ ހުޅުވައިދެއްވުމަށް ފަހު ނައިބު ރައީސް ވަނީ ފެއާގެ އުފެއްދުންތައް ބައްލަވައިލައްވާފައެވެ.

comment ކޮމެންޓް