ގަން އެއާޕޯޓު މަޝްރޫއު އިފްތިތާހުކުރައްވަން ރައީސް އައްޑޫއަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އަންނަ ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް އައްޑޫއަށް ވަޑައިގަންނަވަނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އިފްތިތާހުކުރައްވާށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ދަތުރުފުޅުގައި އައްޑޫގައި ކުރިއަށްދާ ބޮޑެތި އަދި މުހިންމު މަޝްރޫއުތައް އެ މަނިކުފާނު ބައްލަވާލައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ފަސްވަނަ ދުވަހުއެވެ.

އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ)ގެ ލޯނެއް ބޭނުންކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް