ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މިރެއިން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު، ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފިއެވެ.
މި ކަމާ ގުޅިގެން 'ސަން'އާ ވާހަކަ ދައްކަވަމުން މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ހުރިހާ ހިސާބަކަށް ވެސް ކުރާނެ ކަމަށެވެ.
އެހެންނަމަވެސް ޚާއްސަކޮށް އުތުރުގެ ރަށްތަކާއި މެދު ރާއްޖެތެރޭ ރަށްތަކަށް ވައި ބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެގޮތުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރު މިނަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް މޫސުން ލަފާ ކުރާ ގޮތް -- ފޮޓޯ/ މެޓް އޮފީސް
މެޓް އޮފީހުން ބުނީ ވިއްސާރައިގެ އަސަރު ކުރާ ބައެއް ސަރަހައްދުތަކަށް އެލާޓު ނެރެން ޖެހުން ވެސް އެކަށީގެންވާ ކަމަށެވެ.
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ހުރިހާ ފަރާތްތަކުން ވެސް އަދި ޚާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ބުނެފައެވެ.