ބޭބެގެ ފޯނު ކޮއްކޮ ވިއްކާލުމުން ފެށުނު ޒުވާބު ނިމުނީ މަރަކުން

ރޭގެ މާރާމާރީގައި މަރުވި ޝުއައިބު--

އައްޑޫ ސިޓީ، މަރަދޫ ފޭދޫގައި ކޮއްކޮ އޭނާގެ ބޭބެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ބޭބެގެ ފޯނު ކޮއްކޮ ވިއްކާލުމުން، އެ ދެމީހުންގެ ދޭތެރޭގައި ފެށުނު ޒުވާބަކުން ކަން އެނގިއްޖެއެވެ.

މަރަދޫފޭދޫގެ ގެއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ރޭ 23:38 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާގައި އަނިޔާވި 27 އަހަރުގެ އަޙްމަދު ޝުއައިބަށް އައްޑޫ އިއުކެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އޭނާއަށް ހަމަލާދިނީ އުމުރުން 25 އަހަރުގެ ކޮއްކޮ ފަވާދު ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

https://sun.mv/178170

މަރަދޫ-ފޭދޫން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި، ދެބައިންގެ ދެމެދުގައި ހިނގި މި މާރާމާރީ ފެށުނީ މަސްތުވާތަކެތި ގަންނަން ބޭބެގެ ފޯނު ކޮއްކޮ ވިއްކާލުމުން އެކަމާ ރުޅިއައިސްގެން ފެށި ޒުވާބަކުންނެވެ.

އެގޮތުން ބޭބެއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެކެވެ. އަދި ކޮއްކޮގެ މަސްތުވާތަކެތީގެ ރިކޯޑެއް ނެތް ނަމަވެސް އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރަށު ތެރޭގައި އަޑު ފެތުރިފައިވާ ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުނެއެވެ.

ހަމައެއާ އެކު، މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު މިއަދު "ސަން"އަށް ވިދާޅުވީ، ކޮއްކޮ އޭނާގެ ބޭބެއަށް ހަމަލާ ދިނީ ވަޅިއަކުން ކަމަށެވެ. އަދި މީގެ ކުރިން، އެ ރަށުގައި އަޑު ފެތުރުނީ، އެ ދެމީހުންގެ ދޭތެރޭގައި ޒުވާބު ފެށުނީ، ޑްރަގް ގަންނަން ކޮއްކޮގެ ފޯނު ބޭބެ ވިއްކާލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް ކަންވީ ގޮތް ބެލިއިރު އެނގުނީ، ކޮއްކޮ ކަން ބޭބެގެ ފޯނު ވިއްކާލައިގެން އުޅުނީ. އެކަމާ ހެދި ފެށުނު ޒުވާބެއް އެއީ،" އޭނާ ވިދާޅުވިއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ، ހަމަލާދިނީ ގޭ ތެރޭގައި ނަމަވެސް ބޭބެ މަރުވެގެން ވެއްޓުނީ ދިރިއުޅޭ ގޭގެ ކުރިމަތީގައި އޮންނަ ދުވާރު މައްޗަށެވެ.

މީގެ އިތުރުން، ބޭބެއަށް ވަޅިން ހަމަލާ ދިނުމަށްފަހު އެވަގުތު ކޮއްކޮ ފިލާފައިވާ ކަމަށާއި އަދި އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އަދި ހަމަލާދިން އިރު، ކޮއްކޮ ހުރީ މަސްތުގެ ހާލުގައި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ތުހުމަތު ކުރެއެވެ.

comment ކޮމެންޓް