ރަންވީރު ސިންގް ހޮލީވުޑްގެ ފިލްމު އެޖެންސީ ޑަބްލިއުއެމްއީއަށް

އެކްޓަރު ރަންވީރު ސިންގް ހޮލީވުޑްގެ މަޝްހޫރު ޓެލެންޓު އެޖެންސީ، ވިލިއަމް މޮރިސް އެންޑެވާ (ޑަބްލިއުއެމްއީ)އާ ގުޅިއްޖެއެވެ.

ބައިނަލް އަޤްވާމީ ދުނިޔޭގައި މަގުބޫލު މި އެޖެންސީއާއެކު މަސައްކަތްކުރާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެތެރޭގައި، ބެން އެފްލެކް، މިޝޭލް ވިލިއަމްސް، މެޓް ޑެމޮން، ކްރިސްޓިއަން ބޭލް އަދި ޖެނިފަރ ގާރނާ ހިމެނެއެވެ. ޑަބްލިއުއެމްއީއަށް ސޮއިކުރުމާއެކު ރަންވީރު މި އެޖެންސީ ރަމްޒުކޮށްދިނުމުގެ މަސައްކަތުގައި މަޝްއޫލުވާނެއެވެ. ހަމައެއާއެކު މި އެޖެންސީއާއި ގުޅިފައިވާ އިންޑިއާއަށް ނިސްބަތްވާ އިތުރު ފަންނާނުންނާއެކު ގާތުން މަސައްކަތް ކުރާނެއެވެ.

ރަންވީރުގެ ފިލްމީ ކެރިއަރަށް ލިބުނު މިކުރިއެރުމާއެކު ބައިނަލްއަޤްވާމީ ދުނިޔޭގައި ރަންވީރުގެ މަގުބޫލުކަން އިތުރުވެ ބޭރު ޤައުމުތަކުގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި އެޖެންސީއިން މަސައްކަތް ކުރާނެއެވެ.

ރަންވީރު ސިންގްއަކީ، ހިންދީ ސިނަމާގައި މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ. ފިލްމު ކުޅުމުގެ އިތުރުން ހަމައެކަނި ބްރޭންޑްތަކުގައި މަސައްކަތްކޮށްގެން އެކްޓަރަށް ލިބޭ އާމްދަނީގެ އަދަދު 181.7 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. ރަންވީރު ސިންގްގެ އިތުރުން ޓެލެންޓު އެޖެންސީ ވިލިއަމް މޮރިސް އެންޑެވާއާ ގުޅިފައިވާ އިތުރު ފަރާތްތަކުގެތެރޭގައި ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހިމެނެއެވެ.

މިދިޔަ އަހަރު ފިލްމު "ސާކަސް"އިން ފެނުނު އެކްޓަރު ދެން އެންމެ އަވަހަށް ފެންނާނީ ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިންނެވެ. މި ފިލްމުގެ ޕޯސްޓަރުތަކެއް ނެރެފައިވާއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 28ވަނަ ދުވަހުއެވެ. ރަންވީރު ސިންގް ހޮލީވުޑްގެ އެޖެންސީއަކަށް ސޮއިކޮށްފައިވާއިރު އަންހެނުން އަދި ބަތަލާ ދިޕިކާ ޕަދުކޯން ވެސް ވަނީ ހޮލީވުޑްގެ ޓެލެންޓް އެޖެންސީ އައިސީއެމްއަށް ސޮއިކޮށްފައެވެ.

comment ކޮމެންޓް