ގަމުން ދޫކުރާ ގޯތީގެ ބޮޑުމިން 4000 އަކަފޫޓަށް އިތުރުކޮށްފި

ލ. ގަން (ފޮޓޯ/ވިޒިޓް ލާމު/ފޭސްބުކް)

ލ. ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ބޮޑުމިން 4،000 އަކަފޫޓަށް ބޮޑުކުރުމަށް ނިންމައިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ގަމުން 400 ގޯތި ދޫކުރަން ނިންމައި އެ ކަން އެ ރަށު ކައުންސިލުން އިއުލާނުކުރީ 2021ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އެ 400 ގޯތި ދޫކުރަން ނިންމީ ގޯއްޗެއް 2،000 އަކަފޫޓުގެ ބޮޑުމިނުގައެވެ.

މި ނިންމުމަށް ބަދަލު ގެންނަށް އެ ރަށު ކައުންސިލުން ނިންމީ ގޯތި ލިބުނު މީހުންގެ ކަންބޮޑުވުންތަކާ ގުޅިގެންކަމަށް "ސަން"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލް ރައީސް އަހްމަދު ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ ގޯތި ލިބުނު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގޯތީގެ ސައިޒު ކުޑަވުން ކަމަށެވެ. އެހެންވެ ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ކުރެހުންތަކަށް ބަދަލު ގެނެސް 4،000 އަކަފޫޓަށް ގޯތި ބޮޑުކުރެވޭނެ ގޮތެއް ހޯދީ ކަމަށް ޒަކީ ވިދާޅުވިއެވެ.

"އަަޅުގަނޑުމެން އަސްލު މިހެން ނިންމީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން. މިހާރު މި އޮތީ ސައިޒު ބޮޑުކުރެވިފައި. ދެން އަޅުގަނޑުމެން މި އުންމީދުކުރަނީ މީގެ ފައިދާ ގޯތި ލިބޭ ފަރާތްތަކަށް ކުރާނެކަމަށް،" ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި 1،200 މީހަކު ގޯއްޗަށް އެދި ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ހޮވައިފައިވަނީ އެންމެ މަތިން މާކްސް ލިބުނު 400 މީހުންނެވެ.

ރަށުން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭއިރު ގޯތި ލިބޭ މީހުންގެ ތެރޭގައި ވެސް ރަށުން ބޭރު މީހުން ހިމެނޭކަމަށް ޒަކީ ވިދާޅުވިއެވެ. ގަމުގެ ތިން ސަރަހައްދަކުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ޒަކީ ވިދާޅުވިއެވެ.

comment ކޮމެންޓް