ކުޑަ ކުދިންނަށް ކުރާ ގޯނާގެ 99 މައްސަލަ އެޕްރީލް މަހު ޖެންޑާއަށް ހުށަހަޅާފައިވޭ

ރޭޕް ކުރުމާއި ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 99 މައްސަލައެއް މިދިޔަ އެޕްރިލް މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ އާންމުކުރި އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އެޕްރިލް މަހު އެ މިނިސްޓްރީއަށް މުޅި ޖުމްލަ 236 މައްސަލައެއް ރިޕޯޓުކޮށްގެން އެޓެންޑުކޮށްފައި ވެއެވެ.

އޭގެ ތެރެއިން 99 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއަށް ވާއިރު، އޭގެތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. ކުޑަކުދިންނަށް އިހުމާލު ވުމުގެ 23 މައްސަލައެއް އެޕްރިލް މަހު ޖެންޑާއަށް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ކުޑަކުދިން ކުރާ ޖިންސީ ހާނިއްކައިގެ 21 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުޑަކުއްޖަކަށް ދެއްކުމުގެ ނުވަތަ ފެނުމުގެ 17 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި ނަފުސާނީ ހާނިއްކައިގެ 15 މައްސަލައެއް ހުށަހަޅާފައި ވާއިރު ޖިސްމާނީ ހާނިއްކައިގެ 15 މައްސަލައެއްގެ އިތުރުން އެހެންކުދިންގެ ފަރާތުން ބުލީ ކުރުމުގެ ތިން މައްސަލައެއް ހުށަހަޅާފައި ވެއެވެ.

ޖެންޑާ މިނިސްޓްރީއަށް އެޕްރިލް މަހު ހުށަހައިފައިވަ އާއިލީ މައްސަލައިގެ އަދަދަކީ 29އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 10 މައްސަލައަކާއި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލައެއް އަދި ހަޟާނަތުގެ އަށް މައްސަލައެއްގެ އިތުރުން ޚަރަދު ދިނުމުގެ މައްސަލައެއް ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުން ބޭނުންވެގެން އެޕްރިލް މަހު ހުށަހަޅާފައި ވަނީ 20 މައްސަލައެކެވެ. އޭގެތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުން ބޭނުން ވެގެން ހުށަހަޅާފައިވާ 19 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 186 ކުދިންނެވެ. އޭގެތެރެއިން އެޕްރީލް މަހު އެ ކުއްޖަކު ފޮސްޓާކޮށްފައި ވާއިރު ދެ ކުއްޖަކާ އާއިލާއިން ހަވާލު ވެފައި ވެއެވެ. އެ މަހު އިތުރު ތިން ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ.

comment ކޮމެންޓް