ޗެންނާއީ އިން ފަސްވަނަ ފަހަރަށް އައިޕީއެލް ކާމިޔާބުކޮށްފި

ޗެންނާއީ ސުޕަ ކިންގްސް އިން އައިޕީއެލް ކާމިޔާބުކުރުން -- ފޮޓޯ/ ސީއެސްކޭ

އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް ބަލިކޮށް، ޗެންނާއީ ސުޕަ ކިންގްސް އިން ފަސްވަނަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލުން ޗެންނާއީ މޮޅުވުމާއެކު އެޓީމު ހިމެނިގެން ގޮސްފައިވަނީ އައިޕީއެލްގެ އެންމެ ކާމިޔާބު ދެ ޓީމުގެ ތެރޭގައެވެ. ޗެންނާއީ އަދި މުމްބާއީ އިންޑިއަންސް އިން ވެސް ވަނީ، ކޮންމެ ޓީމެއް ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ފުރަތަމަ ތާވަލުކޮށްފައިވަނީ އާދިީއްތަ ދުވަހަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެ މެޗު ރޭ ކުޅުމަށް ފަސްކުރިއެވެ.

ސަރުދާރު ޕަޓޭލް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ގުޖުރާތުގެ މައްޗަށް ޗެންނާއީ އިން ކުރި ހޯދާފައިވަނީ ފަސް ވިކެޓުންނެވެ. އެ މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީ އިން ގަސްދުކުރީ ފީލްޑް ކުރުމަށެވެ.

ގުޖުރާތުން ކުޅެން އަރައި، ހަތަރު ކުޅުންތެރިން ނަބައިވި އިރު، 20 އޯވަރުގެ ތެރޭގައި އެޓީމަށް ހެދުނީ 214 ލަނޑެވެ. ޖަވާބުގައި ޗެންނާއީ އިން ކުޅެން އަރައި، 15 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 171 ލަނޑުގެ ޓާގެޓު ހާސިލުކޮށް މެޗު ކާމިޔާބުކުރިއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 25 ބޯޅައިން 47 ލަނޑު ހެދި ޗެންނާއީގެ ޑެވޮން ކޮންވޭއެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގުޖުރާތު ޓައިޓަންސްގެ ޝުބްމަން ގިލްއެވެ. ފައިނަލް މެޗުގައި ވެސް ގުޖުރާތަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ތިން ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނިގެންދިޔައެވެ. އެ މެޗުގައި ގިލް ވަނީ 20 ބޯޅަ އިން 39 ލަނޑު ހަދައިފައެވެ. އެ މެޗުގައި ގުޖުރާތަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 47 ބޯޅައިން 96 ލަނޑު ހެދި ސައި ސުދާސަންއެވެ.

comment ކޮމެންޓް