ސޯނޫ ސޫދުގެ ފަރާތުން ޔަތީމު ކުދިންނަށް ކިޔަވައިދޭ ސްކޫލެއް

ހިންދީ ސިނަމާގެ އެކްޓަރު ސޯނޫ ސޫދުގެ ފަރާތުން އިންޑިއާގެ ބިހާރުގައި އިންޓަނޭޝަނަލް ސްކޫލެއް ބިނާކުރުމަށް ނިންމައިފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ބިހާރަށް ނިސްބަތްވާ 27 އަހަރުގެ ދެ ޒުވާނަކު ޔަތީމުކުދިންނަށް ތައުލީމު އުނގަންނައިދޭނެ ސްކޫލެއް އުފައްދާ އެ ސްކޫލަށް ސޯނޫ ސޫދުގެ ނަމާ ގުޅުވައިގެން ނަން ކިޔުމަށްވަނީ ނިންމާފައެވެ. މި ދެ ޒުވާނުންގެ މަސަކަތް ފެށުމަށް ނިންމާފައިވަނީވެސް ދެ މީހުން އަދާކުރަމުންދިޔަ އިންޖިނިއަރިންގް ވަޒީފާއިންވެސް ވަކިވުމަށްފަހުއެވެ.

ސޯނޫ ސޫދަށް މި ޚަބަރު ލިބުމާއެކު މި ދެ ޒުވާނުންނާ ބައްދަލުކޮށް މިވަގުތު އެ ކުދިން ކިޔަވަމުންދާ ތަނުގައި ފެންވަރު ރަގަޅު އިންޓަނޭޝަނަލް ސްކޫލެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. އެންމެ މުއްސަނދި މީހާއިން ފެށިގެން އާދައިގެ ދިރިއުޅުމެއް ވޭތުކުރަމުންދާ ނިކަމެތީންނަށްވެސް ތައުލީމު އުނގެނުމުގެ ހައްޤު ފަރަގުކުރުމެއްނެތި ލިބޭނެކަމަށް ގަބޫލުކުރާކަމަށް ސޯނޫ ސޫދު ވަނީ ބުނެފައެވެ. އަދި މިކަމަށް އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުންވެސް އެކްޓަރު ވަނީ ޕްރޮގްރާމްތަކެއް ފަށާފައެވެ.

ސޯނޫ ސޫދުގެ އެހީގައި ބިހާރުގައި ބިނާކުރާ ސްކޫލުން ފެންވަރު ރަނގަޅު ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތާއެކު ސްކޫލްގެ ކޮންމެ ކުއްޖަކަށްވެސް ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކެއުމެއް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސައިދޭން އެކްޓަރު ވަނީ ނިންމާފައެވެ. ތަޢުލީމީ ޙަޔާތް ނިމިގެންދާއިރު ކޮންމެ ކުއްޖަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ކުއްޖަކަށްވުމަކީ އެ ކުދިންގެ ކުރިމަގަށްވެސް ލިބިގެންދާނެ އިތުރު ބާރެއްކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ސޯނޫގެ މި އެހީތެރިކަމާއެކު ބޭނުމަކީ، ތައުލީމު އުނގެނުމަށްފަހު މުޖްތަމަޢަށް ނިކުންނަ ކޮންމެ ކުއްޖަކީވެސް ވަޒީފާގެ ބާޒާރަށް ނިކުންނަށް ތައްޔާރުވެފައިވާ ކުދިންނަށް ހެދުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ސޯނޫގެ ނަމުގައި ބިހާރަށް ނިސްބަތްވާ ދެ ޒުވާނުން އިސްނަގައިގެން ފެށި މި މަސައްކަތާއެކު ބިހާރުގައި ދިރިއުޅޭ ޔަތީމު ގިނަ ކުދިންނަށް ތަޢުލީމީ ރޮނގުން އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. ބިހާރުގެ މިކުދިންނާއެކު ސޯނޫ ވަގުތު ހޭދަކޮށްފައިވާއިރު މި ތަޖުރިބާއާ ބެހޭގޮތުން އެކްޓަރުވަނީ ސޯޝަލް މީޑިއާގައިވެސް ޕޯސްޓުތަކެއް ކޮށްފައެވެ. ސޯނޫގެ އެހީގައި ތަޢުލީމު ޙާސިލުކުރަމުން އަންނަ އިންޑިއާ ކުދިންގެ އަދަދު ދިހަ ހާހާ ކައިރިކުރެއެވެ.

comment ކޮމެންޓް