މެގަ މޯލްޑިވްސްއިން ލިބެންޖެހޭ ބައި މިލިއަން ރުފިޔާ ނުލިބޭނެކަމަށް އޮޑިޓަރުން ހިސާބު ޖަހައިފި

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ/ މެގަ މޯލްޑިވްސް

މެގަ މޯލްޑިވްސްއިން އެއާލައިނުން ސިވިލް އޭވިއޭޝަނަށް ލިބެންޖެހޭ 5 ލައްކައަށް ވުރެ ގިނަ ރުފިޔާއަކީ ދެން ނުލިބޭނޭ އެއްޗެއްކަމަށް ބަލައި، އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ ހިސާބު ޖައްސަވައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ވައިގެ ދަތުރުފަތުރުގައި ހަރަކާތްތެރިވާ އެކި ވިޔަފާރިތަކުން ސިވިލް އޭވިއޭޝަނަށް 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހެއެވެ.

މީގެ ތެރެއިން ދެބައިކުޅަ އެއްބައި ދައްކަން ޖެހެނީ މެގަ މޯލްޑިވްސް އެއާލައިނުންނެވެ. އެ އެއާލައިނުން ސިވިލް އޭވިއޭޝަނަށް 533،132 ރުފިޔާ ލިބެންޖެހެއެވެ.

މިކަމާއި ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މެގަ މޯލްޑިވްސް އުވާލުމުގެ މަރުހަލާގައި ވާތީ، އެ ކުންފުނިން ލިބެންޖެހޭ ފައިސާ ލިބުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށާއި، އެހެންކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ލިބެންޖެހޭ ފައިސާގެ ބައިން އެ އަދަދު އުނިކޮށްފައި ވާކަމަށެވެ.

މެގަ މޯލްޑިވްސްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވުޖޫދަށް އައި އެއާލައިނެކެވެ. މެގަ މޯލްޑިވްސް ހިންގާ ކުންފުނި މެގަ ގްލޯބަލް އެއާގެ ވިޔަފާރީގެ ހަރަކާތަށް ބަލާއިރު، އެ ކުންފުނީގެ ދަށުން ހިންގުމަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ހުއްދަތަށް ހުރީ މުއްދަތު ހަމަވެފައެވެ.

މެގަ ގްލޯބަލް އެއާ އުވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ކުންފުނިން ދައުލަތަށް ޓެކްސްގެ ގޮތުގައި 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި ފައިސާ ދައްކާފައިވާ ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވެބްސައިޓުގައިވާ ތަފާސްހިސާބުތަކުން ނުދައްކައެވެ.

މެގަ މޯލްޑިވްސް އެއާލައިނަށް ކުރިމަތިވި މާލީ މައްސަލަތަކާއި ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް ވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅު ހުއްޓާލާފައެވެ. އޭރު އެ އެއާލައިން އޮތީ ވަރަށް ގިނަ ކުންފުނިތަކަކަށް ދަރާފައެވެ.

އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށި ފަހުން ހަތް އަހަރުގެ ތެރޭގައި ބޭރުގެ 50 އަށް ވުރެ ގިނަ ތަފާތު މަންޒިލުތަކަށް، 1.1 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދީފައި ވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް