އެމްޑީޕީ ހަރުގެ ހުސްކުރުން ހުއްޓުވުމުގެ އަމުރެއް ކޯޓުން ނުދިން

އެމްޑީޕީ ހަރުގެ ހުރި ތަނުގައި އަޅުވާފައި ހުރި ރައީސްގެ ޕޯސްޓަރު ނައްޓާލަނީ --- ސަން ފޮޓޯ/މުހައްމަދު ޝާތިއު އަބްދުﷲ

އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ، އެ ބިމުގެ ވެރިފަރާތުން އަތުލުން ހުއްޓުވަން އެ ޕާޓީން އެދިފައިވާ އަމުރު ނެރޭނެ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

އެމްޑީޕީން މި މައްސަލަ ކޯޓަށް ހުށަހަޅަމުން ބުނެފައިވާ ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގެ ނިޔަލަށް އެ ޕާޓީން މިތަން ބޭނުންކުރަން މި ބިމުގެ ވެރިފަރާތް ކަމުގައިވާ ޝަފިއްޔާ ޒުބައިރުއާ ވަނީ އަނގަ ބަހުން އެއްބަސްވެވިފައެވެ. އެއީ ފޯނުން ކުރެވުނު މުއާމަލާތެއްގެ ތެރެއިން އެއްބަސްވެ ނިމިފައިވާ ކަމެއް ކަމަށް އެ ޕާޓީން ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވެއެވެ.

މިކަންކަމުގެ މައްޗަށް ބިނާކޮށް އެ ޕާޓީން ސިވިލް ކޯޓުގައި އެދުނީ އެއްބަސްވުމާ ޙިލާފަށް ތަނުގެ ވެރިފަރާތުން އެތަން އަތުލައި، އެމްޑީީޕީގެ މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާތީ އޭނާގެ ޢައިރު ހާޒިރުގައި އަމުރެއް ނެރެން އެދޭ ކަމަށެވެ. އަދި މި އަމުރު ނެރެނުދީފިނަމަ އެ ޕާޓީއަށް ލިބިފައިވާ ގާނޫނީ ރައްކާތެރިކަން ގެއްލި، އެއީ އެ ޕާޓީގެ ހައްގުތަކަށް އަރައިގަންނަން ލިބޭ ހުއްޖަތެއް ކަމަށް ގޭގެ ވެރިފަރާތަށް ވިސްނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީން މިހެން ބުނި ނަމަވެސް މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްގެ ނިންމެވުމުގައި ވަނީ، އަނގަ ބަހުން ވެވުނު ކަމަށް ބުނާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް އަމުރެއް ނެރެދިނުމަކީ، އަސްލު ދައުވާއާ މެދު ގޮތެއް ނިންމުމަށް އޮތް ހުރަހަކަށް ވެގެން ދާނެ ކަމެއް ކަމަށެވެ. އަދި މިހާރު ދެ ފަރާތުގެ މެދުގައި ޤާއިމުވެފައިވާ ޤާނޫނީ މަރުކަޒެއް (އެއްބަސްވުމެއް) ނެތުމުން ގާޒީ ވަނީ ވަގުތީ އަމުރު ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމަވާފައެވެ.

ކޯޓުން މި އަމުރު ދޭން ދެކޮޅު ހަދާފައިވާއިރު، އިއްޔެގެ ވަގުތެއްގައި ހަރުގެ ހުޅުވައިގެން އެތަނުގައި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ޖަގަހައެއް ހުޅުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް މުހައްމަދު ނަޝީދާއި އުފެދުނު މައްސަލަގަނޑުގެ ތެރެއިން، އެމްޑީޕީން ވަކިވީ ނަޝީދުގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު