ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް

ލޯފަން މީހުންގެ ޖަމިއްޔާއިން މިއަދު މަޖިލީހުގައި -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އިތުރު އެހީތެރި ކަމަކާ ނުލައި، އިންތިޚާބުތަކުގައި އަމިއްލައަށް ވޯޓު ލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ, މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ، އެ ގާނޫނުގައި ވާ ގޮތުން ފެނުމުން މަހުރޫމް ވެފައިވާ މީހުންނާއި ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލް ކުރާ އެންމެން ވޯޓު ލަމުން އައިސްފައިވަނީ އެހެން މީހެއްގެ އެހީތެރި ކަމާ އެކު ކަމަށެވެ. އެކަމުގެ ސަބަބުން ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ގާނޫނުން ކަށަވަރު ކޮށްދޭ އެތައް ހައްގެއް ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްލާހާއެކު ސަރުކާރުން ވަނީ ވޯޓު ކަރުދާހާ އެއްވަރުގެ އެތެރެ ފެންނަ ޓެމްޕްލޭޓެއް ތައާރަފްކޮށްފައެވެ. އެ ފައިލުގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ކަނޑާފައި ހުންނަ އިރު، އަތްލުމުން އިހުސާސްވާނެ ފަދައިން ކެންޑިޑޭޓު ނަމްބަރު ވެސް ހިމަނާފައިވެއެވެ. އެއީ އޭގެ ތެރެއަށް ވޯޓު ކަރުދާސް ލައްވާ ލެވޭ، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ބާއްވާ ލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި, މުޅި މަޖިލީހުގެ ކޮމިޓީއަށް މި އިސްލާހު ފޮނުވަން ފާސްވީ ވެސް 51 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ޖަލްސާއަށް ފަހު އެ ބިލުގެ ބަހުސް މަރުހަލާވެސް ކުރިއަށް ގެންގޮސްފައިވާއިރު, އެ އިސްލަހު އަވަހަށް ފާސް ކުރުމުގެ މުހިންމުކަން ހުރިހާ މެމްބަރުންވެސް ފާހަގަކުރެއްވިއެވެ.

ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ, މަޖިލީހުގައި, މެމްބަރުންގެ މެދުގައި ކިތަންމެ ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް, މިފަދަ މައްސަލަތަކުގައި ހުރިހާ މެމްބަރުން އެއްކޮށް މަސައްކަތް ކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

އިސްލާހާ އެކު ހުށަހަޅާފައިވާ ޓެމްޕްލޭޓަކީ ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ފެނުމުން މަހުރޫމް ވެފައިވާ މީހުންނަށް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބޭނުން ކުރަމުން އަންނަ ޓެމްޕްލޭޓެކެވެ.

ޓެމްޕްލޭޓު ބޭނުން ކުރެވޭނެ ހާލަތާއި, އަމަލު ކުރަން ޖެހޭނެ އުސޫލު އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހަކީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ކުރި މަސައްކަތުން ދީފައިވާ ލަފާގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ލޯފަން މީހުން އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެމްބަރުން ވަނީ މީގެކުރިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ބައްދަލު ކޮށްފައެވެ.

comment ކޮމެންޓް