ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފިލްމު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ 10ވަނަ ފިލްމު "ފާސްޓް އެކްސް" އެޅުވިތާ ދެ ހަފުތާ ނުވަނީސް ފިލްމުގެ އާމްދަނީ 500 މިލިއަން ޑޮލަރުން މަތިވެއްޖެއެވެ.
މި މަހުގެ 19 ގައި އެޅުވި ފާސްޓް އެކްސް ވަނީ ވަރުގަދަ އޯޕަނިން އެއް ވެސް ހޯދާފައެވެ. އެގޮތުން ފިލްމު އެޅުވި ފުރަތަމަ ހަފުތާ ބަންދުގައި އެކަނި ވެސް ފިލްމަށް ވަނީ 111 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.
ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒް އަކީ އަބަދު ވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފްރެންޗައިޒް އެކެވެ. އެގޮތުން އެންމެ ފަހުން ނެރުނު ފިލްމުގެ ނުވަވަނަ ބަޔަށް ވެސް ވަނީ 700 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.
ކްރިޓީކުންނާއި ފޭނުންގެ މެދުގައި ފިލްމަށް މާ ބޮޑު ލޯތްބެއް ނެތް ނަމަވެސް މި ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ކާމިޔާބީތައް ހޯދަމުންނެވެ. ރޮޓެން ޓޮމާޓޯސްގައި ފިލްމަށް 54 ޕަސެންޓް ލިބޭއިރު މި ފިލްމަކީ ކުރީގެ ފިލްމަށް ވުރެ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވުން އެކަށީގެންވާ ފިލްމެކެވެ.
ޔުނިވާސަލް އިން 2001 އިން ފެށިގެން ދައްކަމުން އަންނަ މި ފިލްމު ފްރެންޗައިޒް މިހާރު ތައްޔާރުވަމުން އަންނަނީ ނިންމާލާށެވެ. އެގޮތުން ފާސްޓް އެކްސް އަކީ ފިލްމު ފްރެންޗައިޒްގެ ނިމުމުގެ ފެށުމެވެ. ކާސްޓުންނާއި ކްރޫއިން ބުނާ ގޮތުގައި ފާސްޓް އެކްސް އަކީ ފްރެންޗައިޒްގެ ފަހު ފިލްމުގެ އެއްބައި ކަމަށެވެ. އަދި، ބާކީ އޮންނާނީ ދެ ބަައި ކަމަށާއި އެއަށް ފަހު ފްރެންޗައިޒް ނިމިގެންދާނެ ކަމަށް ކާސްޓުންނާއި ކްރޫއިން ބުނެއެވެ.