ކިޔެވުން މުހިއްމު ކަމަށް ނުދެކުމަކީ ރަނގަޅު ވިސްނުމެއްތަ؟

ދަރިވަރުން ކިޔަވަނިކޮށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރާވަރުންސުރެ ސާނަވީ ގްރޭޑުތައް ނިމުމާ ހަމައަށް އޭނާ ސްކޫލަށް ދިޔައީ އަމާބުނީތީ ފަރަށްދާ އުސޫލުންނެވެ. ކިޔަވާ މާއްދާތައް މުހިއްމެއް ނުވިއެވެ. އޭރު މުހިއްމުވީ، މަޖުބޫރު މާއްދާއެއް ގޮތަށް މަންމަ ބުނީމަ ސްކޫލަށް ދިއުމެވެ.

އެއީ ނުކިޔަވާނަމަ ބޭނުންހާ އެއްޗެއް ނުހޯދައިދޭނެ ކަމުގެ ބިރު ދައްކާތީއެވެ. ސްކޫލަށް ގަޑިޖެހޭނަމަ ކުރަން ބޭނުންވާ އެހެން ކަންކަން އެދުވަހަކަށް އެއްކޮށް މަނާކުރާތީއެވެ. ގަދަ ބާރުން ސްކޫލަށް ގޮސްގެން ވެސް ނުކިޔަވައެވެ.

އެންމެ ފަހުން ގްރޭޑް އަށަކުން ފެށިގެން ކޮންމެ ގްރޭޑެއްގައި ރިޕީޓުވަމުން ގޮސް، އޯލެވެލް ނިންމާލިއިރު، ހީވީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބުނު ހެނެވެ. އަދި ވިސްނާ ގޮތްވެސް ތަފާތެވެ. ސަބަބަކީ މަންމަ ކިޔަވާށޭ ބުނަނީ ކާމިޔާބު މީހަކަށް ވުމަށެވެ. ނަމަވެސް ނުކިޔަވައި ވެސް ކާމިޔާބު މީހަކަށް ވާނެކަމުގައި އޭނާ ދެކުނީމައެވެ.

ސްކޫލެއްގައި ކިޔަވައިދިނުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލުގައި އެކި މާއްދާތައް ކިޔަވާއިރު، އެ މާއްދާތައް ކިޔަވައިދިނުމަށް މުދައްރިސުން ބޭނުންކުރާ ފޮތްތަކުގައި އާއްމު ދިރިއުޅުމަށް ބޭނުންތެރި ފިލާވަޅެއް ހާހަކުން ފަހަރަކުވެސް ނުހުންނަ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

އޭނާ ބޭނުން ވަނީ ވިޔަފާރިއަކަށް ވުމަށެވެ. ދުނިޔޭގެ އެއްވެސް ކާމިޔާބު ވިޔަފާރިވެރިއަކީ ކިޔަވައިގެން ހުރި މީހެއް ކަމަށް އޭނާ ނުދެކެއެވެ. އެހެންވެ، ގްރޭޑް 10 ނިންމާލުމަށް ފަހު އެއްވެސް ވަރަކަށް މަތީ ތައުލީމް ހާސިލް ކުރާކަށް ނޫޅެއެވެ. ބެލީ އެކި ގޮތްގޮތަށް ވިޔަފާރިއެއް ފަށައި ކުރިއެރުވޭތޯއެވެ.

އޭނާ ބޭނުންވާ ގޮތަށް ވިޔަފާރިއެއް ފަށައި މިހާރު އެ ވިޔަފާރި ރަނގަޅު މަގާމެއްގައިވާއިރު، އެކަން ކުރުމަށް ހޭދަކުރި މުއްދަތުގެ ދަތިކަން މިއަދު ޚުދު އޭނާއަށް ވެސް އިހުސާސުވެއެވެ. މިހާރު އޭނާގެ އުމުރުން 27 އަހަރުވެފައިވާއިރު އަދިވެސް ގްރޭޑް 10 ނިންމި ސެޓްފިކެޓް ފިޔަވައި އިތުރު ލިޔުމެއް ނެތެވެ.

އެކަން ވެގެން ދިޔައީ ވިޔަފާރި ކުރިއެރުވުމަށް ކުރިމަތިވި ހުރަހަކަށެވެ. އެއީ ވިޔަފާރި ރަނގަޅު ހާލަތެއްގައި ވީނަމަވެސް އެ ކުރިއަށްދާން ބޭނުންވާ ދާއިރާއިން ތައުލީމާއި މައުލޫމާތު ބޭނުންވާ ކަން އަމިއްލައަށް އިހުސާސުވީމައެވެ. މިއަދު އޭނާގެ ވިޔަފާރި ރަނގަޅު ހަރުފަތެއްގައި ވީނަމަވެސް، ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން އޭނާއަށް ކުރިއަށް ދިއުމަށް މިއަދު ބައިވަރު ދަތިތައް އެބަހުއްޓެވެ.

ކްލާސް ރޫމެއްގައި ކިޔަވައިދެނީ --- ސަން ފައިލް ފޮޓޯ/

މިއީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ކިޔެވުމަކީ މުހިއްމު ކަމެއް ކަމުގައި ނުދެކި، ސާނަވީ ތައުލީމް ނިންމި ގޮތަށް ވިޔަފާރިއެއް ފުޅާ ކުރުމުގެ މަސައްކަތް ކުރި 27 އަހަރުގެ ޒުވާނެއްގެ ވާހަކައެވެ.

މި ވާހަކަ އޭނާ ހިއްސާކުރީ، އޭނާ ބުނާ ގޮތުން ނަމަ، ނުހަނު ގިނަ "ރިގްރެޓްސް"އާ އެކުގައެވެ. އެއީ ކިޔެވިއިރު ވިސްނުން ގެންގުޅެވުނު ގޮތުގެ ސަބަބުންނެވެ. މިއަދު އޭނާގެ ވިޔަފާރި ކުރިއަރަމުންދާއިރު، އޭނާ ބުނި ގޮތުގައި ތައުލީމާ ނުލައި ކުރިއަށް ދިއުމަކީ ވޭނެކެވެ. އަދި ކުރަން ބޭނުންވާ ކަމެއް ހާސިލުވި ނަމަވެސް، ނުކިޔަވާ ހުރުމުގެ ސަބަބުން ބައިވަރު މުހިއްމު ފުރުސަތުތައް ގެއްލި، ނިންމަންޖެހޭ މުހިއްމު ނިންމުންތަކަށް ބުރޫއަރައެވެ.

"އަހަރެން ބޭނުންވީ ނުކިޔަވާ ވިޔަފާރިއެއް ފަށަން. ކުރަން ބޭނުންވާ ކަމެއް ކުރެވޭނެއޭ ކިޔާފަ އެ ވިސްނުމުގަ. އެކަން ވެއްޖެ. އެކަމު މިދިޔަ މުއްދަތަކީ ދަތި އަދި އުނދަގޫ މުއްދަތެއް. އަނެއްކާ ހަމައެކަނި އެންމެ ސެޓްފިކެޓް ގަނޑެއް އޮވެގެން ވިޔަފާރިކުރަން ކިތަންމެ މޮޅު މީހަކަށް ވެސް ބައިވަރު ފުރުސަތު ގެއްލޭ. އަހަރެން އެކަން އެތައް ފަހަރެއްގެ މަތިން ތަޖުރިބާ ކުރިން،" އޭނާ ބުންޏެވެ.

ދަރިވަރުން އެސެމްބްލީއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު އޭނާ ބޭނުމީ، އެ ދާއިރާއިން ކުރިއަށްދެވޭނެ ގޮތަކަށް އެންމެ މަދުވެގެން، ޑިގްރީ ސެޓްފިކެޓެއް ހޯދާށެވެ. އެކަމަށްޓަކައި، އޭރު އެންމެ ކުރާ ހިތް ނުވި ކަންތައް ކުރަން އޭނާ މިއަދު ތައްޔާރެވެ. މިއަދު އޭނާ ބޭނުންވަނީ ކިޔަވާށެވެ. އެ ދާއިރާގައި ކުރިއަށް ދިއުމަށް ބޭނުންވާ އިލްމާއި ތަމްރީނު ހޯދާށެވެ.

މި ނޫނަސް މިއަދު ދިވެހިންގެ ތެރޭގައި، ކިޔެވުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ދެކޭ މީހުންގެ އަދަދު މަދެއް ނޫނެވެ. އަދި ވަރަށް ފަސޭހައިން ކީއްކުރަން ހޭ ކިޔަވަނީ ބުނެ، އެކަމުގެ މަގުސަދު ނަގާލައެވެ.

މިއީ މިއަދު ދިވެހިންގެ ތެރޭގައި އޮތް އާއްމު ވިސްނުމަކަށް ވާއިރު، ތައުލީމީ ދާއިރާގައި އުޅުއްވާ ބޭފުޅުން ދެކޭ ގޮތުގައި، އެގޮތަށް މީހުންގެ ވިސްނުން ހުންނަނީ އެކަމުގެ ހަގީގަތް އެންމެ ރަނގަޅަށް ނޭނގޭތީއެވެ. ނުވަތަ އެންމެ ރަނގަޅު މައުލޫމާތު އެކަމާ ބެހޭ ގޮތުން ނެތުމުންނެވެ.

އެއީ ދުނިޔޭގެ ބޮޑެތި މަހުޖަނުންނާއި ކާމިޔާބު މީހުންގެ މިސާލު ނަގައި، އެ މީހުންނަކީ ވެސް މާ މޮޅަށް ކިޔެވި ބައެއް ނޫން ކަމަށް ބުނެ، ބައެއް މީހުން ވާހަކަދައްކާތީއެވެ. އެ ލިސްޓުގައި އެންމެ އާއްމު މީހުންގެ ތެރޭގައި ބިލް ގޭޓްސް އާއި ސްޓީވް ޖޮބްސް އާއި މާކްޒަކަބާކް އާއި އެލަން މަސްކް ފަދަ މީހުން ހިމެނެއެވެ.

ނަމަވެސް ހަގީގަތަކީ އޭގެން ކޮންމެ މީހަކީ ވެސް ދުނިޔޭގެ ބޮޑެތި އަދި ނަން މަޝްހޫރު ޔުނިވާސިޓީތަކުން ކިޔެވުން ހުއްޓާލި މީހުންކަމެވެ. އެހެންވެ، އެ މީހުންގެ ތައުލީމީ ފެންވަރަކީ އާދައިގެ މިންވަރު ކަމަށް ދެކުން ވާނީ ކުރެވޭ ކުށްހީއަކަށެވެ.

ދަރިވަރުންތަކެއް ކްލާހުގައި ކިޔަވަނީ--- ސަން ފޮޓޯ

އެ މީހުން މިސާލަކަށް ބަލައިގެން، އެއީ "ޑްރޮޕްއައުޓްސް"އޭ ބުނެ، ކާމިޔާބު މީހަކަށް ވުމަށް ކިޔެވުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ދެކޭ މީހުން ނިސްބަތުން ގިނައިރު އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ދެކެއެވެ.

އެއީ ކުރިއަށްދާ ދާއިރާތަކުން ވެސް ތަންދޮރު އެނގޭނީ ތައުލީމީ ފެންވަރު ވަކި ވަރަކަށް ހުރެގެން ކަމަށްވާތީއެވެ. މަސައްކަތްކުރާ ދާއިރާއިން ވެސް އިތުރަށް ކުރިއަށް ދިއުމަށްޓަކައި، އިތުރު މައުލޫމާތާއި އިލްމު ލިބި ދަސްކުރަން ޖެހޭނެތީއެވެ.

"ކިޔެވުން މުހިއްމު ނޫން ކަމަށް ބުނެ އެ ވިސްނުމުގައި ކުރަން ބޭނުންވާ ކަމެއް ކުރެވިދާނެ. އެކަމު ފުދެން ޖެހޭ ވަރަށް އިލްމުނެތްކަމުގެ ދަތި ދައްކާނެ. އެގޮތަށް ވިސްނުން ބަހައްޓައިގެން ކުރިއަށް ދިޔަ ކުދިން މިހާރު ރިގްރެޓް ކުރޭ. މިހާރު ބޭނުންވަނީ ކިޔަވަން. އެއީ ކުރިއެރެން އޮތް ހަމައެކަނި ގޮތް ކަމުގައިވީމަ،" ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމެންޓްގެ ޑީން އަބްދުﷲ ނާފިޒް ވިދާޅުވިއެވެ.

ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާފިޒް ވިދާޅުވި ގޮތުގައި، މިހާރު ހުރި ހިސާބަށްވުރެ ކުރިއަށްދެވޭނީ އަބަދުވެސް ކަންކަމުގެ ރަނގަޅު ގޮތް އެންމެ ފުރިހަމައަށް ރޯފިލައި، އަަބަދުވެސް އުނގެނެން ޖެހޭ އިތުރު ތައުލީމް އުނގެނިގެންނެވެ. އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް މީހާ ބަލައިގަންނަނީ ކުރިއަށްދާ ރޮނގުން ތައުލީމީ ރަނގަޅު ސެޓްފިކެޓެއް އޮވެގެން ކަމަށް ނާފިޒް ވިދާޅުވިއެވެ.

ކަން މިހެން އޮތްއިރު، އާއްމުންގެ ތެރޭގައި ކިޔެވުމާ ގުޅިގެން އޮތް ދެރަ އަދި ގޯސް ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ގިނަ ބަޔަކުދެކެއެވެ. އެއީ، އެ ވިސްނުމަކީ މީހުންނަށް ހީވާ ހީވުމެއްގެ މައްޗަށް ބިނާ ކޮށް ރަނގަޅު މައުލޫމާތު ނުލިބި ހުރެ ގެންގުޅޭ ވިސްނުމަކަށް ވާތީއެވެ. އަދި ބޮޑުވަމުން އަންނަ ޅަދަރީންނަށް ދެވޭ ގޯސް މެސެޖަށް ވާތީއެވެ.

"ތައުލީމް ލިބިގަތުމަކީ މުހިއްމުކަމެއް. އެއީ ނުކިޔަވާ ކަމެއްގަ ކުރިއަށް ދާން އުޅުނު ކަމުގަ ވީނަމަވެސް އިލްމު ނެތުމުގެ އުނދަގޫ ދައްކާނީ އެންމެ ބޭނުންވާ ވަގުތު. އަބަދުވެސް ނޭނގޭ އެއްޗެއް ދަސްކޮށް، ކުރާ ތަޖުރިބާގެ އިތުރުން، އިތުރަށް މައުލޫމާތު ހޯދައި، ދަސްކޮށް އަދި އިލްމު ލިބިގަތުމަކީ މުހިއްމު ކަމެއް،" ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ އަފީފް ހުސައިން ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކިޔެވުމަކީ މުހިއްމުކަމެއް ނޫން ކަމަށް ބުނެ ގެންގުޅޭ ވިސްނުން އާއްމު ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިލްމީ، ރަނގަޅު ޅަދަރީންތަކެއް ބިނާ ކުރުމަށް ވެސް އެފަދަ ވިސްނުންތައް ދޫކޮށްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފީފް ދެކިލައްވާ ގޮތުގައި، އަބަދުވެސް އިލްމު ލިބިގަނެ، އެ އިލްމު އުނގަންނައި ދެވޭ މީހުންނަކީ އެންމެ ކާމިޔާބު މީހުންނެވެ.

ދަރިވަރުންތަކެއް ---

އެހެންވެ، ތަހުޒީބު އަދި ބިނާކުރެވެނިވި ވިސްނުމުގެ މަތިން ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި ވެސް، ދިވެހިން ގެންގުޅެން ޖެހޭ މިފަދަ ވިސްނުންތައް މުޅިން ދޫކޮށްލަން ޖެހެއެވެ. އެއީ ކޮންމެ މީހަކީ ވެސް އެ މީހެއްގެ ގާބިލުކަން ހުރިވަރަކުން ކިޔެވޭނެ މީހަކަށްވާތީއެވެ. އަދި އެ މީހަކު މަސައްކަތް ކުރާ ދާއިރާއަކުން މައުލޫމާތު މުއްސަނދި މީހަކަށް ވެވޭނެތީއެވެ.

އެންމެ މުހިއްމު ކަމަކަށް، ދިރިއުޅުމުގެ ކޮންމެ މަރުޚަލާއަކުން ލިބޭ ތައުލީމާއި، އުނގެނޭ އިލްމަކީ، މީހާ އިތުރު ކާމިޔާބީތަކަށް ކޮށައިދޭ މަގަކަށް ވާނެތީއެވެ.

comment ކޮމެންޓް