ޗައިނާގެ އޮފިޝަލުންނާ ބައްދަލުކުރުމަށް އީލޮން މަސްކް މިހަފުތާގައި ޗައިނާއަށް ވަޑައިގަންނަވަނީ

ޗައިނާގެ އޮފިޝަލުންނާ ބައްދަލުކުރުމަށް އީލޮން މަސްކް މިހަފުތާގައި ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޓެސްލާ ޗީފް އެގްޒެކެޓިވް އަދި ޓްވިޓާގެ ވެސް ވެރިޔާ އީލޮން މަސްކް މި ހަފުތާގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް އެ ކަމާ ބެހޭ މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ރޮއިޓާސްއިން ޚަބަރު ފަތުރާފައިވާއިރު، މަސްކް ޗައިނާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ޓެސްލާގެ ޝަންހާއީ ޕްލާންޓަށް ޒިޔާރަތް ކުރައްވާނެ ކަމަށް ބުނެފައިވެއެވެ.

މަސްކް ބައްދަލު ކުރާނީ ކޮން ބަޔަކާ ކަމެއް އަދި އެ ބޭފުޅުން މަޝްވަރާ ކުރައްވާނީ ކޮން ކަމަކާ ކަމެއް އަދި ސާފެއް ނުވެއެވެ. މަސްކްގެ އެ ދަތުރަކީ ސިއްރު ކުރެވިފައިވާ ދަތުރެއްކަމުން ރަސްމީ އެއްވެސް ފަރާތަކުން މިދަތުރާ ބެހޭ މާބޮޑު ތަފްޞީލެއް އަދި ދީފައެއް ނުވެއެވެ.

ރޮއިޓާސް އިން މިދިޔަ މާޗް މަހު ރިޕޯޓްކުރި ގޮތުގައި މަސްކް ޗައިނާއަށް ދަތުރުފުޅެއް ކުރައްވަން ގަސްތުކުރައްވާ، ޗައިނީސް ޕްރިމިއާ ލީ ކިއާންގްއާ ބައްދަލުކުރެއްވުމަށް އެޕްރީލް މަހުގެ ކުރީކޮޅު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެމެރިކާއަށްފަހު ޓެސްލާގެ ދެވަނައަށް އެންމެ ބޮޑު މާކެޓަކީ ޗައިނާ ކަމަށްވާއިރު، އެ ގައުމުގެ ޝަންހާއީ ޕްލާންޓަކީ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނީގެ އެންމެ ބޮޑު ހަބެވެ.

ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) މެދުވެރިކޮށް ބައެއް މީހުން އެ ޕްލެޓްފޯމް އަށް އެކްސެސް ކުރި ނަމަވެސް ޗައިނާގައި މަނާކޮށްފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާގެ މިލްކުވެރިޔަކީ ވެސް މަސްކްއެވެ.

މި ދަތުރަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ޓެސްލާގެ ޝަންހާއީ ފެކްޓްރީގައި ބޭއްވި ހަރަކާތެއްގައި ސްޓޭޖުގައި ނަށާލައިގެން މަސްކްގެ ޚަބަރުތައް އިންޓަނެޓްގެ ފަލަސުރުޚީތަކަށް އަރައި، އެއަޑު ގަދަވި ފަހުން މަސްކް ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު އޮޓޯ މާކެޓުގައި ޑިމާންޑް ބަލިކަށިވެ، ޗައިނާގައި އުފައްދާ އިލެކްޓްރިކް އުޅަނދުތައް އެކްސްޕޯޓް ކުރާ ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަވެރިކަން ބޮޑުވުން ފަދަ ގިނަ މައްސަލަތަކަކާ ޓެސްލާ އަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުުރެއް ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

މެގަޕެކް ހަކަތަ ރައްކާކުރާ އުފެއްދުންތައް އުފެއްދުމަށް ޝަންހާއީގައި ފެކްޓްރީއެއް އަޅާނެ ކަމަށް ޓެސްލާ އިން މިދިޔަ އޭޕްރީލް މަހު ބުނި ނަމަވެސް، އެ ކުންފުނީގެ ޝަންހާއީ ޕްލާންޓްގައި އަހަރަކު 450،000 ވެހިކަލް އުފެއްދުން އިތުރުކުރަން ނިންމާފައިވާ ކަމުގެ އެއްވެސް އަޕްޑޭޓެއް ޓެސްލާ އިން އަދި ދީފައެއް ނުވެއެވެ.

ޝަންހާއީ ޕްލާންޓްގައި ޕަވާޓްރެއިން އުފެއްދުމުގެ ކެޕޭސިޓީ އަހަރަކު 1.75 މިލިއަން ޔުނިޓަށް އިތުރުކުރުމަށް އެ ކުންފުނިން ވަނީ ލޯކަލް އޮތޯރިޓީތަކަށް ހުށަހަޅައިފައެވެ.

މިމަހުގެ ކުރީކޮޅު ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި މަސްކް ވިދާޅުވީ "ޗައިނާގައި ވިޔަފާރި ފުޅާކުރުމުގެ ގާބިލުކަމަށް ހުރަސްތަކެއް އެބަހުރި" ކަމަށެވެ. އަދި އެއީ ޑިމާންޑްގެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެ އިންޓަވިއުގައި މަސްކް ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަކީ "އެންމެންގެ ވެސް ކަންބޮޑުވުމަކަށް ވާން ޖެހޭ" ކަމަށެވެ.

comment ކޮމެންޓް