އެންމެ ފޮނި ކަރާ ހޯދާނީ ކިހިނެއް؟

ކަރަލަކީ ދިވެހިންނަށް އެންމެ ކަމުދާ މޭވާތަކުގެ ލިސްޓުގެ ވަރަށް ކުރީގައި އޮންނާނެ މޭވާއެކެވެ. ރޯދަ މަހަށް އެކަނި ބަލައިލި ނަމަވެސް މިއަށް އޮންނަ ޑިމާންޑު އެނގިގެން ދާނެއެވެ. ދިވެހިންގެ މޭވާގެ ލިސްޓުގައި ކަރާ އެހާ ކުރީގައި އޮންނަ އިރު ކަރާތަކެއްގެ ތެރެއިން އެންމެ ފޮނި ކަރާ ވަކި ކުރަން އެނގޭ ހެއްޔެވެ؟

ރޯދަ މަހަށް ފަހުގައި ވެސް ގިނަ ގޭގޭގައި، ޑައިޓުގައި ކަރާ ހިމެނުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ނަމަވެސް މާރުކޭޓަށް ގޮސްލައި ރަނގަޅު ކަރަލެއް ހޯދުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.

މާރުކޭޓުގައި ތިބޭ ހުރިހާ އެންމެން ވެސް ބުނާނީ އެ ތަނުގައި ހުންނަ ހުރިހާ ކަރަލެއް ފޮނިވާނެ ކަމަށެވެ. ނަމަވެސް ގެއަށް ގެނެސް ކަރާ ކާން ބަލާއިރު ކަރަލުގައި ފެން ރަހަ ލާ ފަހަރު ވެސް މަދެއް ނުވާނެއެވެ.

އެހެންވީމާ އެންމެ ފޮނި ކަރަލެއް ދެނެގަތުން މުހިއްމެވެ. މިއީ ފަސޭހައިން ދެނެގަނެވޭނެ ކަމެއް ކަމަށް ލިޔުންތެރިޔާ އަދި އަމިއްލަ ކުކް ބުކް އެއް ވެސް ނެރެފައިވާ ސޫޒީ ކަރާޗީ ބުނެއެވެ.

މޮޅު ކަރަލެއް ދެނެގަތުމަށް އޭނާ ބޭނުން ކުރަނީ މައިގަނޑު ތިން ފިޔަވަޅެކެވެ. ސޫޒީ ބުނާ ގޮތުގައި އެންމެ ރަނގަޅު ކަރަލެއް ނެގުމަށް އޭނާއަށް ދަސްވެފައިވަނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ.

ސޫޒީ އޭނާގެ ބައްޕަގެ ގާތުން ދަސްކޮށްފައިވާ މައިގަނޑު ތިން އުކުޅަކީ:

  1. ކަރާގެ ބޮޑު މިނާއި އޭގެ ބަރުދަން: ކަރާ ބަލާ ބެލުމަށް އޮންނަ ސައިޒަށް ވުރެ ކަރާ ބަރުހެން ހީވާ ނަމަ އެ ކަރަލަކީ ފެން ގިނަވާނެ ކަރާއެއް ކަމަށާއި މިއީ ރަނގަޅު ކަރަލެއްގެ ސިފައެއް ކަމަށް ސޫޒީ ބުނެއެވެ.
  2. ގޮވާ އަޑުން: ކަރާ އުފުއްލާލުމަށް ފަހު އޭގައި ކުޑަކޮށް ޓަކި ޖަހާލާށެވެ. އެތެރެއިން ތަންކޮޅެއް ބަރު އަޑެއް އިވޭ ނަމަ އެއީ ރަނގަޅު ކަރަލެއް ކަމަށް އޭނާ ބުނެއެވެ. އެންމެ ރަނގަޅަަށް ކަރާ ދޮންވެ ފައްކާ ވެފައި ނުވާ ނަމަ ކަރާގައި ޓަކި ޖަހާލާއިރަށް އިވޭނީ ލުއި އަޑެކެވެ.
  3. ކަރާގެ ކުލަ: ކަރަލުގެ ކުލައަށް ބަލާނަމަ އޭގެ އެއް ފަޅީގެ ކުލަ އަކީ އަނދިރި ކުލައަކަށް ވެފައި އަނެއް ފަޅީގެ ކުލައަކީ އަލި ކުލައަކަށް ވެއްޖެ ނަމަ އެއީ ދަނޑުގައި އޮވެ ދޮންވެފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ސޫޒީ ބުނެއެވެ. މިގޮތަށް ދޮންވާ ކަރާތައް މީރުވެފައި ފޮނިވާނެއެވެ.
comment ކޮމެންޓް