ތުރުކީގެ ރައީސް ކަމަށް އަނެއްކާ ވެސް ޠައްޔިބް އުރުދުޣާން އިންތިޚާބުވެއްޖެ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން-- ފޮޓޯ/ އޭއެފްޕީ

ތުރުކީގެ ރައީސް ކަމަށް އަނެއްކާ ވެސް ރަޖަބު ޠައްޔިބް އުރުދުޣާން އިންތިޚާބު ވެވަޑައިގެންފިއެވެ.

ތުރުކީގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ 98.06 އިންސައްތަ ވޯޓު ގުނައި ނިމިފައިވާއިރު އެ އިންތިޚާބު، މިހާރު ވެސް އެ ގައުމުގެ ރައީސް، އުރުދުޣާން ކާމިޔާބުކުރެއްވީ 52.12 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު ކަމާލް ކެލަސްޖެރޮގްލޫއަށް ލިބިވަޑައިގަތީ 47.88 އިންސައްތަ ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ވަރަށް ފަސޭހަ ކަމާއެކު ރައީސް އުރުދުޣާން ކާމިޔާބު ކުރައްވާނެކަމަށް އޭނާގެ ޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ.

އިއްޔެ، އުރުދުޣާން ގެ ޕާޓީކަމަށްވާ "ޖަސްޓިސް އެންޑެ ޑިވެލޮޕްމެންޓް ޕާޓީ"ގެ ފަރާތުން ވާހަކަ ދެއްކެވި މެއުލުދް ކާވްސޮގްލޯ ވިދާޅުވިގޮތުގައި "ޖަސްޓިސް އެންޑެ ޑިވެލޮޕްމެންޓް ޕާޓީ" ގެ ފަރާތުން ކުރި އާންމު ޚިލާޔު ހޯދުމުގެ ސާވޭއަކުން ހާމަވި ގޮތުގައި މި އިންތިޚާބުގެ ދެވަނަ ބުރު އެރުދުޣާން ވަރަށް ފަސޭހައިން ކާމިޔާބުކުރައްވާނެއެވެ.

ވޯޓުގެ ދެވަނަ ބުރުގައި އެރުދުޣާނަށް 56 ޕަސެންޓް ލިބިވަޑައި ގަންނަވާނެކަން ސާވޭން ހާމަވެފައިވާ ކަމަށާ އިދިކޮޅު ކެންޑިޑޭޓަށް 50 އިންސައްތައާ ހަމައަށް ނުދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކާވްސޮގްލޯ ވިދާޅުވިއެވެ.

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ބުރުގައި އުރުދުޣާންއަށް ވޯޓުގެ 49.51 އިންސައްތަ ލިބިވަޑައިގެންނެވިއިރު އިދިކޮޅު މައި ލީޑަރު ކަމާލް ކެލަސްޖެރޮގްލޫއަށް ލިބިވަޑައިގަތީ ވޯޓުގެ 44.81 އިންސައްތައެވެ. ތިންވަނައަށް ދިޔަ ސިނާން އޮޣާން އަށް ލިބިވަޑައިގަތީ ވޯޓުގެ 5.25 އިންސައްތައެވެ.

ދެވަނަ ބުރު ކާމިޔާބުކުރުމުގެ ފުރުސަތު އުރުދުޣާންއަށް އިތުރަށް ބޮޑުވެގެން ދިޔައީ ތިންވަނައަށް ދިޔަ ސިނާން އޮޣާން ދެވަނަބުރުގައި އުރުދުޣާން އަށް ތާއީދުކުރަން ނިންމެވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް