އަގު ހެޔޮވެފައި ފަސޭހައިން ލިބޭ، ބޭނުންތައް ގިނަ އެއްޗެއް!

ވަރަށް އާދައިގެ އެއްޗެތީންވެސް ގިނަ ފައިދާތަކެއް ހޯދިދާފަދަ ކިތަންމެ އެއްޗެއް ހުރޭ -- ފޮޓޯ / ފުޑް52.ކޮމް

ބޭނުންވާ އެތި އަގު ހެޔޮވެފައި ފަސޭހައިން ލިބޭނަމަ އެ ބޭނުންކުރާ ފަރާތުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭނެއެވެ. މިއާއެކު، އަގު ހެޔޮވެފައި ފަސޭހައިން ލިބޭ އެތީން އެއްބޭނުމަށްވުރެ ގިނަ ބޭނުން ހިފޭ ނަމަ އަދި މާ އުފާވާނެއެވެ. މިފަހަރު ދައްކަން މިއުޅެނީ އެފަދަ އެއްޗެއްގެ ވާހަކައެވެ. އެއީ ފުރެއްދެ ލޮނެވެ! އަޖުމަ ބަލައިލާށެވެ. އަގު ހެޔޮވެފައި ފަސޭހައިން ލިބޭނެއެވެ. އަދި ބޭނުންތައް ވަރަށް ގިނަވާނެއެވެ.

ބަދިގެއާއި ގޭތެރޭގެ ތަންތަނުގައި ހިނި ގިނަވެ އުނދަގޫވާ ފަހަރު އާދެއެވެ. ލޮނަކީ މިކަމަށް އޮތް ހައްލެކެވެ. ހިނި އުޅޭ ސަރަހައްދުތަކަށް ލޮނު ކޮޅެއް ބުރުވާފައި ބަހައްޓާށެވެ. ކާބޯ ތަކެތި ރައްކާކޮށްފައި ހުންނަ ތަންތަނާއި ކޮންޓޭނަރުތަކާއި ކެބިނެޓުތައް ފަދަ އެއްޗެތީގެ ވަށައިގެން ލޮނުކޮޅެއް ބުރުވާފައި ބެހެއްޓުމުން ހިނިތައް ފިލައިދާނެއެވެ. ލޮނުގެ ރޮނގެއް ހުރަސްކޮށްފައި ހިނިތައް ނުދާނެކަމަށް ވެއެވެ.

ޓްރީޓް ނުކޮށް ހުންނަ ރިއްސާއި ލޮއިފަދަ ތަކެތީގައި ދަމިލަ ޖަހައި ކުލަ ގެއްލޭ ގޮތްވެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ލޮނު ބޭނުންކުރެވިދާނެއެވެ. މިއީ ވަރުގަދަ އަދި ސާދާ ހައްލެކެވެ. އެޕަލް ސައިޑާ ވިނިގަރާއި ލޮނު އެއްކޮށް ޕޭސްޓު ހަދައި، ދަމިލަގަނޑު މަތީގައި އެ ޕޭސްޓު އުނގުޅައިލާށެވެ. އެއަށްފަހުގައި ރަނގަޅަށް އޮފު އަރަންދެން ފުހެމުން ގެންދާށެވެ. އެއްފަހަރުން ސާފުނުވިއްޔާ މިކަން ތަކުރާރުކޮށްލާނީއެވެ. ރިއްސާއި ލޮއިގެ އިތުރުން، އިސްޓީލުން ހަދާފައި ހުންނަ ތެލިފަދަ ކަންވާރުތައް ސާފުކޮށްލުމަށްވެސް ލޮނުގެ ބޭނުންކުރެވިދާނެއެވެ. އެގޮތުން ބޭކިން ސޮޑާއާއި ލޮނުކޮޅެއް އެއްކޮށް ޕޭސްޓު ހަދައި އެފަދަ ކަންވާރުތައް ސާފުކޮށް ހުދުކޮށްލުމަށް ބޭނުންކުރާނީއެވެ. ލޮނަކީ ސިންކު ޑްރެއިން ސާފުކޮށްލުމަށްވެސް ރަނގަޅު އެހީއެކެވެ. ހޫނު ފެންފޮދެއްގެ ތެރެއަށް ލޮނު ކޮޅެއް އަޅައި އެއްކޮށްލުމަށްފަހު ސިންކު ޑްރެއިންއަށް އޮއްސައިލާށެވެ. ޑްރެއިންގައި ހަރުލާފައި ހުންނަ ތެލާއި ސަރުބީ އަދި ހަޑިތައް ފިލައިގެންދާނެއެވެ.

ކުޑަދޮރާއި ކާރު ފަދަ ތަކެތީގެ ބިއްލޫރިގަނޑު ސާފުކޮށްލުމަށްވެސް ލޮނު ބޭނުންކުރެވިދާނެއެވެ. ކުޑަ ތައްޓެއްކަހަލަ އެއްޗެއްގެ ހަތަރުބައިކުޅަ އެއްބަޔަށް (ދެތިން ސަމުސާ ހުންނަހައި) ލޮނު އަޅައި އޭގެތެރެއަށް ފެންފޮދެއް އެޅުމަށްފަހު ޕޭސްޓު ހަދައިލާށެވެ. ފޮތިކޮޅެއްގައި މި ޕޭސްޓު އުނގުޅައިލުމަށްފަހު ބިއްލޫރީގައި ކާއްތައިލައިގެން ފަސޭހަކަމާއެކު ސާފުކޮށްލެވޭނެއެވެ. ބޫޓުން ނުބައިވަސް ދުވުމަކީ ވަރަށް އުނދަގޫވާ މައްސަލައެކެވެ. ލޮނަކީ ބޫޓު ކުނިވަސް ފިލުވައިލުމަށްވެސް ރަނގަޅު ހައްލެއްކަން ތަޖުރިބާކުރެވިފައިވެއެވެ. ބޭކިން ސޮޑާއާއި ލޮނުކޮޅެއް ޓިޝޫ ނުވަތަ ކުޑަ ތުވާލިކޮޅެއްގެ ތެރެއަށް އެޅުމަށްފަހު، ބޫޓުތެރޭގައި ބާއްވާށެވެ. ދުވާލުގެ އޮފީސް ގަޑި ނިންމައިލުމަށްފަހު ރޭގަނޑު އެއްކޮށް މިހެން ހަދާފައި ބޫޓު ބޭއްވިދާނެއެވެ. ގިނައިރު ބޭއްވި ވަރަކަށް ނަތީޖާ ރަނގަޅުވާނެއެވެ.

ބިހުގެ ތާޒާކަން ބެލުމަށް ލޮނުގެ އެހީތެރިކަން ހޯދާށެވެ. ފެންތައްޓެއްގެ ތެރެއަށް ދެ ސައިސަމުސަލުގެ ލޮނު އަޅައި އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ބިސްތައް ލާށެވެ. ތާޒާކޮށް ހުންނަ ބިސްތައް މައްޗަށް އަރާއިރު، ދުވަސްވީ ބިސްތައް ދާނީ އަޑިއަށެވެ. ހަމަމިއާއެކު، ބިސް ކައްކާ ފެން އެތީގެ ތެރެއަށް ކުޑަ ލޮނުކޮޅަކާއި ވިނިގަރު ފޮދެއް އެޅުމުން ބިސްތައް ނޮޅަން ފަސޭހަވާނެއެވެ. ކޮށާ ބޯޑު (ކަޓިން ބޯޑު) ސާފުކޮށްލުމަށްޓަކައި ބޯޑުގެ މައްޗަށް ލޮނުކޮޅެއް ބުރުވައިލާށެވެ. އެއަށްފަހުގައި މުޅި ބޯޑުގައި ހޭކޭނެހެން ލުނބޯ ފަޅިއެއް އެ ލޮނުތައް މަތީގައި ކާއްތައިލައި އިރުކޮޅެއް ވަންދެން ބެހެއްޓުމަށްފަހު ރީތިކޮށް ފުހެލާށެވެ. ވަރަށް ރީތިކޮށް ސާފުވާނެއެވެ.

މަތީގައި އެވަނީ ލޮނުން ކުރެވޭ ތަފާތު ބޭނުންތަކުގެ ގޮތުގައި މީހުން ތަޖުރިބާކޮށްފައިވާ ބައެއް ކަންކަމެވެ. މީގެ އިތުރުންވެސް ލޮނުން ކުރެވޭ ތަފާތު ބޭނުންތައް ހުންނާނެއެވެ. ލޮނުގެ ބޭނުން ކިތަންމެ ބޮޑަސް، ސިއްހަތާ ގުޅޭ ކަންކަމުގައި ލޮނު ބޭނުންކުރަންވާނީ ކަމާބެހޭ އިތުބާރު ހުރި ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށެވެ. އެފަދަ އިތުބާރެއްނެތް ލިޔުންތަކަށް ބަރޯސާވެގެން، ސިއްހީ ފައިދާއެއް ހޯދުމަށްޓަކައި މުޅި މޫނުގައި ލޮނު އުނގުޅުންފަދަ ކަންކަން ކުރުން ރަނގަޅެއްނުވާނެއެވެ!

މައުލޫމާތު: ގާޑަނިންގޗެނަލް.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު