"އަޅުގަނޑު ބައްޕަގެ ގެއަށް ބަދަލުވާން ބޭނުން…"

މައާލް ބުނީ އޭނާއަށް ލަފާކޮށްލަންވެސް ނޭނގުނު ވާހަކައެވެ. މައާލްގެ ވާހަކައިން މުނީރަށް އިންތިހާ ހައިރާންކަން ލިބިގެން ދިޔައެވެ. އެ މޫނުމަތިން ކަމެއް ދެނެގަންނަން މުނީރު މަސައްކަތްކުރިއެވެ. އެފަދަ ވާހަކައެއް މައާލް ބުނަން ޖެހުނު ސަބަބަކީ ކޮބައިތޯ، މުނީރު އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.

"މައާލް! ދަރިފުޅު.... ކަމެއް ދަތިވަނީތަ؟ މިގޭ އެއްވެސް މީހަކަށް މައާލްއާ ދޭތެރޭ ގޯސްކަން ކަންތައް ކުރެވެނީތަ؟" މުނީރަށް ސުވާލުކޮށްލެވުނެވެ. އެ އަޑުން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.

"ނޫން ބައްޕާ! އެހެންނެއް ނޫން. ބައްޕަވެސް، މިގޭ ހުރިހާ ނޯކަރުންވެސް އަޅުގަނޑަށް ވަރަށް ހެޔޮ..." މައާލް ބުނެލިއެވެ. މުނީރަށް ދޭނެ ޖަވާބެއް އޭނާގެ އަތަކުވެސް ނެތެވެ. އެކަމަށް އޭނާއަށް މަޖުބޫރުކުރަނީ ރާދިންކަން މުނީރަށް އަންގައިދޭނީ ކިހިނެއްހެއްޔެވެ؟

"ދެން ކީއްވެ؟ މިގޭގައި ދަތިވާ އެއްވެސް ކަމެއް އޮތިއްޔާ މައާލްއަށް ބައްޕަ ކައިރީގައި ބުނެވޭނެޔޭ..." މުނީރަށް ބުނެވުނެވެ.

"ބައްޕާ! އަޅުގަނޑު...." މައާލްގެ ސިކުނޑިއަށް ހުސްކަމެއް ވެރިވިއެވެ. މުނީރު ގާތުގައި ބުނާނީ ކީކޭކަން އޭނާއަށް ނޭނގުނީއެވެ. މަޑުޖެހެވުނީ އެހެންވެގެންނެވެ.

"ރާދިން... ރާދިންއަށް އެނގޭތަ؟" މުނީރު ފުން ނަޒަރަކުން މައާލްއަށް ބަލައިލިއެވެ. އެ ސުވާލާއެކު، މައާލްގެ މޫނުމަތީގެ ކުލަވަރުތައް ކޮންމެވެސް ވަރަކަށް ބަދަލުވިނަމަވެސް، މައާލް އަވަސް އަވަހަށް އެ އަަރުތައް ފޮރުވައިލިއެވެ.

"ރާދިންއާ ވާހަކަ ދައްކާލާނަން އަޅުގަނޑު..." މައާލް އިސްޖަހައިލިއެވެ. އޭނާ އެހެން ބުނީ ރާދިންއަށް ވިސްނައިދޭން ހިތު ލާފައެވެ. މުނީރު ހީކުރީ މައާލް ރާދިންއާ އެ ވާހަކަ ހިއްސާނުކުރާކަމަށެވެ. އެއީ ރާދިންގެ ކަމެއް ކަމާމެދު، ކޮންމެވެސް ވަރެއްގެ ޝައްކެތް މުނީރަށް ވީނަމަވެސް، މައާލް އެހެން ބުނުމުން އޭނައަށް އެވަގުތު ހީވީ މައާލް، ހަމަ ހަޤީގަތުގައިވެސް ދާން ބޭނުންވާ ހެންނެވެ.

"އެއްވެސް ކަމަކަށް ދަތިވަންޏާ ބައްޕަ މާފަށް އެދެން. އެކަމަކު ތި ޙާލުގައި މައާލް އިންދާ ބައްޕައަށް ނުފެންނަ ހިސާބަށް މައާލް ދާކަށް އެއްބަހެއް ނުވެވޭނެ. އަދި ޚާއްސަކޮށް ރާދިން... ރާދިން އަދިވެސް މި ކައިވެންޏާ މެދު ހިތްހަމަނުޖެހޭކަން ބައްޕައަށް އެނގޭއިރު... ރާދިންގެ ޚިޔާލު ހުންނާނެ ގޮތެއް ބައްޕައަކަށް ނޭނގެ. ވަރަށް ދެރަވެއްޖެ. ތީގެ ތެރެއިން އެއްވެސް ކުއްޖަކު ބައްޕައާ ދުރަށް ދާކަށް ބައްޕަ ބޭނުމެއް ނުވޭ. އޭރުން ބައްޕަ ވަރަށް އެކަނިވާނެ." މުނީރުގެ އަޑުގައި ހުރި މާޔޫސްކަން މައާލްއަށް ފާހަގަވުމާއެކު، އޭނާއަށް ދެއަތް ދެއަތާ މޮޑެވެން ފެށިއެވެ.

މުނީރާ އެ ވާހަކަ ދެއްކުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ބައްޕައާ ދަރިއަކު ވަކިކުރަނީހެން މުނީރަށް ހީވަނީ ހެއްޔެވެ؟ ރާދިން އެގެއިން ގޮސްފިނަަމަ މުނީރު އެކަނިވެރިވާނެ ވަރުވެސް އޭނާއަށް އަންދާޒާކޮށްލެވެއެވެ. އެހެންނަމަވެސް އެކަން ރާދިންއަށް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ ބަދަލު ހިފުުމުގެ ރޫޙުގައި މުނީރަށް އެހާ ބޮޑު އަނިޔާއެއް ނުދިނުމަށް އެދި ރާދިންގެ ގާތުގައި އާދޭސްކުރަން މައާލް ބޭނުންވި ނަމަވެސް، ރާދިންގެ ނިންމުން ބަދަލު ނުވާނޭހެން އޭނާއަށް ހީވަނީއެވެ. ރާދިން އެ އުޅެނީ ކީއްކުރަންހެއްޔެވެ؟ އޭނާއާ މުނީރާ ދެމެދު ނުތަނަވަސްކަން އުފައްދަންހެއްޔެވެ؟ އެންމެ ބޭނުންވި ދުވަހު، އޭނާއަށް އަޅާލާ އޯގާތެރިވި ހަމައެކަނި މީހަކީ މުނީރެވެ. މުނީރުގެ ހިތުގައި ޖައްސާކަށް މައާލް ބޭނުމެއް ނޫނެވެ.

"ބައްޕައަށް އަހާލެވިދާނެތަ މައާލް ދާން ބޭނުންވަނީ ކީއްވެގެންކަން؟" މުނީރުގެ ސުވާލާއެކު މައާލްގެ މޫނުމައްޗަށް ހާސްކަން ވެރިވިއެވެ. މުނީރުގެ އެ ސުވާލަށް ދޭނެ ޖަވާބަކާ މެދު މައާލްއަށް ވިސްނާލެވިފައެއް ނުވެއެވެ. ބަސްހުއްޓި މީހާ ފިނިވުމާއެކު، މައާލްއަށް ފިނިނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގެ ތެޅުން ބާރުވިއެވެ. އެފަދަ އަނިޔާއެއް މުނީރަށް ދޭން ބޭނުންވަނީ ރާދިންކަމުގައި އޭނާ ބުނާނީ ކިހިނެއް ހެއްޔެވެ؟ ރާދިންގެ މަޤްސަދެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ރާދިންގެ ގޯސް ވާހަކަ މުނީރުގެ ކައިރީގައި ދައްކާނެހާ ހިތްވަރެއް މައާލްގެ ނެތެވެ. ކިތަންމެ ހިތަށް ތަދުވިނަމަވެސް، އޭނާއަށް އޮތް ގޮތަކީ އެ ހުރިހާ ހިތާމައެއް ވަންހަނާކޮށްލުމެވެ. ރާދިންގެ ވާހަކަތައް ސިއްރުކުރުމެވެ.

"މައާލް!" މުނީރު މައާލްއަށް ގޮވައިލުމާއެކު، ތަނުގައިވީ ހަމަހިމޭންކަން ނެތިދިޔައެވެ.

"ލައްބަ... ބައްޕާ! އަޅުގަނޑު..." މައާލް އާގަންނަގޮތްވިއެވެ. މުނީރު ފުން ނަޒަރަކުން މައާލްއަށް ބަލަން އިނުމަށްފަހު، ވާހަކަދައްކަން އުޅުނު ވަގުތު ،އޭނާއަށް ފޯނު ކޯލެއް އައެވެ. ފޯނުކޯލާއެކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ.

"އަހަރެން މިދަނީ އިނގޭ!" އެހެން ބުނެލާފައި ފޯނު ބޭއްވި މުނީރު މައާލްއަށް ބަލައިލުމަށްފަހު، ވާހަކަ ދެއްކިއެވެ.

"މި ވާހަކަ ރަނގަޅަށް ދައްކާލަން ބައްޕަ ބޭނުން. ހަމަހުރެހުރެފައި މައާލް ވިސްނާލުމެއްނެތި ތިފަދަ އެއްޗެއް ބުނެފާނެއެކޭ ބައްޕަގެ ހިތެއް ނުުބުނޭ... މިވަގުތު ބައްޕަ ދާން ޖެހިއްޖެ. އެކުވެރިއެއްގެ ބައްޕަ ނިޔާވެއްޖެ. އެހެންވީމަ ސަހަރާއަށް ގޮސްލަން އެބަޖެހޭ.." އެހެން ބުނެލާފައި، މުނީރު ޑްރައިވަރަށް ގޮވާލާފައި ކާރު ތައްޔާރުކުރުމަށް ބުންޏެވެ.

"ކޮބާ އެމާ އާއި ރޯސް. މާ ދަންވަންދެން އެކަނި ނީންނައްޗޭ.... ރާދިން ގޭގަ ނެތީތަ؟" މުނީރަށް ސުވާލުކޮށްލެވުނެވެ.

"ރާދިން... ރާދިން ބޭރުގައި ކަންނޭނގެ..." މައާލް ބުނެލިއެވެ.

"ހޮސްޕިޓަލަށްތަ ދިޔައީ؟" ރާދިންގެ އެކުވެރިއެއް ބާއްވައިގެން އުޅޭކަން އެނގޭތީ މުނީރު ސުވާލުކޮށްލިއެވެ. މައާލް އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. ހަޤީގަތުގައި ރާދިން ދިޔަތަނެއް އޭނާއަކަށް ނުވެސް އެނގެއެވެ. އެހެންނަމަވެސް މުނީރުގެ ގާތުގައި އެހެން ބުނާކަށް މައާލްއަކަށް ނުކެރުނެވެ. އޭނާ ދޮގު ހެދީ އެހެންވެއެވެ. މުނީރު ދިޔުމާއެކު، މައާލްއަށް އަނެއްކާވެސް ވިސްނެން ފެށިއެވެ. ރާދިންއާ މެދުގައެވެ. އޭނާގެ ވީރާނާ ވަމުން ދާ ދިރިއުޅުމާ މެދުގައެވެ.

*****

ސަޖާގެ ކައިރީގައި ހުރެފައި ރާދިން ދިޔައީ އެކުވެރިންތަކަކާ އެކު ކޮފީއަކަށެވެ. ހެންވޭރުގައި ހުރި ހިތްގައިމު ބޮޑު ރެސްޓޯރެންޓުގެ އެތެރެއަށް ވަދެގެން ރާދިން ދިޔައިރު، އެތަނުގައ ތިބި ގިނަ އަންހެން ކުދިންގެ ނަޒަރުތައް ރާދިންއަށް ހުއްޓިފައިވެއެވެ. ލާފައިހުރި ކަޅުކުލައިގެ އަތްކުރު ޓީޝާޓް ގަޔަށް ހިފާލާފައި ހުރިއިރު، އޭނާގެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ވަޒަންކޮށްލެވެއެވެ. އިސްތަށިގަނޑު ސްޓައިލްކޮށްލާފައިވާ ގޮތާއި އަރާފައިވާ ބޫޓުގެ އިތުރުން އަތުގައި އަޅާލާފައިވާ ރޮލެކްސް ގަޑީގެ ސަބަބުން ވެސް ރާދިންގެ މުއްސަނދިކަން ދައްކައިދެއެވެ.

"ކަލޭ އައިސް ވަނީމަ މިތަނުގެ ތިބިއްޔާ ތިބި އަންހެން ކުދިންނެއްގެ ނަޒަރު ކަލޭއަށް ހުއްޓިއްޖެ. މިރޭ ބައެއް އަނބިން އެމީހުންގެ ފިރިން ކައިރިން ވަރިވެސް ވާނެ ތޯއްޗެ..." ރާދިން އައިސް މޭޒު ދޮށުގައި ހުއްޓުމާއެކު، ރާދިންގެ އެކުވެރިއެއް ކަމުގައިވާ އަނޫފް ވާހަކަ ދެއްކިއެވެ.

"އަނުއްޕެ ކަލޭ ކިޔާފާނެ ކޮންމެ އެއްޗެއް ވެސް..." އެހެން ބުނެލާފައި ރާދިން ގޮނޑި ދަމާލާފައި އިށީނދެލި ނަމަވެސް، އޭނާގެ އަޑުން އެކަމާ ފަޚުރުވެރިވެފައިވާވަރު ފާހަގަކުރެވެއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ޖާނުން ފިދާވާނޭ އަންހެން ކުދިންތިބިކަން އޭނާއަށް ވެސް ޔަޤީންވެއެވެ.

"މާ ނޫންކަމަށް ހެދޭނެކަމެއް ނެތޭ..." ރާދިންގެ އެހެން އެކުވެރިއެއްކަމުގައިވާ ނޫމާން ބުނެލިއެވެ. އެނުގައި ދެން ތިބީ ލީވާން އާއި ވިޝާމްއާއި ޒިޔާދެވެ. ޒިޔާދަށް ފޯނެއް އައުމުން އޭނާ ދުރަށް ޖެހިލިއެވެ.

"އަދި އެކަކު މަދޭ..." ވިޝާމް ބުނެލިއެވެ.

"ކާކު؟" ރާދިން ސުވާލުކޮށްލިއެވެ.

"ނަސީފް ވެސް އެބަ އުޅޭ މާލެއައިސް. އެގޮލާ ވެސް އަންނާނަމޭ ބުނި." އަނެއްކާވެސް ނޫމާން ވާހަކަ ދެއްކިއެވެ.

"ކަލޭ ކޮން ވާހަކައެއް ދައްކާކަށް؟ ބަޗަން ތިއުޅެނީ... ކަލޭ ދިޔައީމަ ދެން މަޖާވެސް ނުކުރެވޭނެ." ރާދިން ބުނެލިއެވެ. ނޫމާން އުޅެނީ ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި ކޯހެއްގައި ރާއްޖޭން ބޭރަށް ފުރާށެވެ. ނޫމާން އަކީ ވަކިން އެޕާރޓްމެންޓެއްގައި އުޅޭ ޒުވާނެއްކަމުން އެމީހުން މަޖާކުރަން އަބަދުވެސް އެ އެޕާރޓްމެންޓަށް ދެއެވެ. ނޫމާން ފުރުމުން އެ ފުރުސަތު އެމީހުންނަށް ހަނިވާނެކަން އެންމެނަށްވެސް އެނގެއެވެ. އެހެން އެންމެން އުޅެނީ އާއިލާއާއެކުގައި ކަމަށްވާތީއެވެ.

"ހަހަހަ. ދެން ކަލޭމެން ކޮންމެވެސް އެހެން ގޮތެއް ހޯދާ.." ނޫމާން ހިނިގަނޑެއް ޖަހައިލިއެވެ. އެމީހުން ތިބޭތާ ގިނަ އިރުތަކެއް ނުވެ، ނަސީފްވެސް އައިސް ވަދެއްޖެއެވެ.

"ހޭ ބަޑީ... ކަލޭ ހާދަ ފަލަވެއްޖެޔޭ. އެކޮޅުން އަނެއްކާ ލޯބި ބިޓެއް ލިބުނީތަ؟" ލީވާން ދިމާކޮށްލާ ރާގެއްގައި ބުނެލިއެވެ.

"އުހުމް. އެކޮޅުންވެސް ލައްކަ ކުދިންނާ ދިމާވި. ސައިޑް ބިޓުން ނުގެންގުޅެމެކޭ ނޫން. އެކަމަކު މަށަށް ކަމުދަނީ ހަމަ ރާއްޖެ ކުދިން." ނަސީފް ވެސް ދޫދޭކަށް ބޭނުމެއް ނުވެއެވެ. އޭނާ ރާއްޖެ އައީ ދެ އަހަރު ދުވަހު ލަންޑަންގައި ހުރެފައެވެ.

"ކަލޭ ކޯސް ނިންމާފަތަ ތިއައީ؟ އަންގާވެސް ނުލާ..." ރާދިން ބުނެލިއެވެ.

"އާ. ނިމުނީ... ކޮބާ ކަލޭގެ ސަޖާ..." ރާދިންއަށް ބަަލައިލުމާއެކު، ނަސީފް ދިމާކޮށްލިއެވެ. ރާދިން ކޮފީ ތަށިން އެތިފޮދެއް ބޮއިލަމުން ހަމަޖެހިލިއެވެ.

"ސަޖާ އުޅޭނެއެއްނު، ދޯ ރާދިން. ކަލޭއަށް ނޭނގޭ ދޯ މީނަކޮށްގެން އުޅޭކަމެއް؟" އަނޫފް އެހެން ބުނެލުމުން ނަސީފްގެ ނަޒަރު ރާދިންއަށް ހުއްޓުނެވެ.

"ކަލޭ ކީއްކުރީ މިހާރު އަނެއްކާ؟" ނަސީފު ބުނެލިއެވެ.

"މީހަކާ އިނީއެއްނު. ސަޖާ ބަހައްޓާފަ." ލީވާން ބުނެލިއެވެ.

"އޭތް ކީކޭ؟ ކޮބާ ސަޖާ؟ އޭނަގެ އުޅުން ބަދަލެއް ނުވި ދޯ... އަދިވެސް ހަމަ ފިރިހެނުންނާ އެކީގަ އުޅެނީ؟" ނަފީސު ރާދިންއަށް ބަލައިލިއެވެ.

"ކަލޭ އަނެއްކާ ފެށީއޭ... އޭނަ އެހެން ނޫޅޭނެ." ނަސީފްގެ އެވާހަކައިން ރާދިންއަށް އުނދަގޫވިކަން އެތަނުގައި ތިބި އެންމެނަށްވެސް އެނގުނެވެ.

"އަދިވެސް އޭނަ ޑިފެންޑް ކުރޭ ދޯ... ދެން ބުނޭ ކޮން އިރަކުންތަ އަހަރުންނަށް ފަހަރި ދައްކާލާނީ؟" ނަސީފް ސުވާލުކޮށްލުމާއެކު، އެ ސުވާލަށް ޖަވާބު ދިނީ ނޫމާންއެވެ.

"އޭނަ އޭނާގެ އަންހެނުން ދައްކާނެތަ. ކުޑަ މިނުން އަހަރެމެންނަށްވެސް ދައްކާނުލާ..."

"ވަގު ދޯ..." ނަސީފު ބުނެލިއެވެ. އޭނާ ކަންތައްތައް އެނގެން ބޭނުންވިއެވެ.

"މަށަށް ތަންކޮޅެއް ސާފުކޮށް ކިޔައިދީބަލަ" ނަސީފު ބުނެލިއެެވެ.

"ބައްޕަ ބުނެގެން މީހަކާ އިންއިރު އަހަރެމެންނަށް އަންގާވެސް ނުލާ. ކުޑަމިނުން ކައިވެންޏަށްވެސް ކިޔައެއް ނުލާ!" ލީވާން ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބާ ޒިޔާދު އައިސް އޭނާ ދާންޖެހިއްޖެ ކަމުގައި ބުނެލިއެވެ. ޒިޔާދު ދިޔުމުން އެކުވެރިން އެމީހުންގެ އަމިއްލަ ވާހަކަތަކުގައި މަސްއޫލުވިއެވެ. އެހެން ތިއްބާ ރާދިންގެ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގްވިއެވެ. ފޯނަށް އަރާފައިވާ ނަމުގައި ލަވް ޖަހާފައި ސަޖާގެ ފޮޓޯގަނޑެއް ފެނނަން އިނުމުން ނަސީފު ހައިރާންވިއެވެ.

"ކަލޭ އަދިވެސް އެކަން ކުރަނީ...؟ ރަނގަޅަށް ކިޔައިދީބަލަ!" އޭނަ ބުނެލިއެވެ.

"މިގޮލާ ބަރާބަރަށް ސަޖާއާ ގުޅަން ބާއްވައޭ.،. ކައިވެންޏަކީ ނަަމަކަށް ކުރެވުނު ކަމެއްކަމުގައި ވަނީ..." އަނޫފް ބުނެލިއެވެ. އެ ހުރިހާ އެކުވެރިންގެ ތެރެއިންވެސް އަނޫފްއަކީ ރާދިންއަށް ޙާއްސަ މީހެކެވެ. ޕްރީ ސްކޫލު އިރުއްސުރެ ވެސް މިއަދާ ހިސާބަށް ދެގޮތެއް ނުވެ ހުރި އެކުވެރިއެވެ. އަނޫފް އޭނާއަށް އެނގޭ މިންވަރަށް ބުނެލިއެވެ.

"ވަގު މީހެއް ދޯ..." ނަސީފު ރާދިންގެ ކޮނޑުގައި ޖަހައިލިއެވެ. ރާދިން އެއްޗެއް ނުބުނެއެވެ.

ރާދިން ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ތެދުވެ ދުރަށް ޖެހިލިއެވެ.

"ކޮންތާކު؟" ސަޖާ ސުވާލުކޮށްލިއެވެ.

"އަހަރެން ބުނީމެއްނު އަނުއްޕެމެންނާ އެކީ ކޮފީއަކަށޭ މިދަނީ..." ރާދިން ބުންޏެވެ. ސަޖާ ޔަޤީންކޮށްފައި ފޯނު ބޭއްވުމުން ފުން ނޭވާއެއްލާފައި އައިސް، ރާދިން މޭޒު ދޮށުގައި އިށީނެވެ.

"ކަލޭ ފިޑިއޭ ދޯ. ބައްޕަ ބުނީމަ މީހަކާ އިނީ. މަ ނަމަވެސް ނުވެސް އިންނާނަން..." ނަސީފު ބުނެލިއެވެ. އެންމެން ރާދިންއާ ދިމާކުރަން ފެށުމުން ރާދިންގެ މޫނުމައްޗަށް ވެރިވި ރުޅިވެރި އަސަރުތައް ހަައެކަނި ފަހުމްވީ އަނޫފްއަށެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެ މައުޟޫ އަނބުރައިލިއެވެ. ފެށުނީ ރަނގަޅު މައުޟޫއެއް ނޫންކަން އޭނާއަށް އެނގުނީއެވެ.

*****

މައާލް އެތެރެއަށް ވަނީ ދިހައެއް ޖަހާ ބޮޑުވީ ފަހުންނެވެ. އެހާ އިރު ބޭރުގައި ވިސްނަން އިނދެވުނުކަންވެސް އޭނާއަށް ރާކާލީ އެމާ ބުނީމައެވެ. އެމާ އާއެކު ގޮސް ކޮޓަރިއަށް ވަދެފައި މައާލް އޭނާއަށް ލާނެ އެއްޗެއް ނަގައިދިނުމަށް އެމާގެ ގާތުގައި ބުނެލިއެވެ. ރާދިން ނެތުމުން އިތުރު މީހެއްގެ އެހީތެރިކަން މައާލް ބޭނުންވިއެވެ. އޭނާ އެމާގެ އެހީގައި ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާ ވެލައިގެން ނުކުމެ މައާލް ސޯފާގައި އިށީނދެލިއެވެ. ރާދިން އަދިވެސް ގެއަކަށް ނާދެއެވެ. މައާލްއަށް ވިސްނެމުން ދިޔައީ މުނީރަށް ދޭނެ ޖަވާބަކާ މެދުގައެވެ. މުނީރު އަދި އެ ސުވާލު އޭނާއާ ކުރާނެކަން މައާލްއަށް އެނގެއެވެ.

ރާދިން ގެއަށް އައީ އެކެއް ޖަހާ ބޮޑުވީފަހުންނެވެ. އޭނާ އައިސް ގެއަށް ވަތްއިރު މުނީރު ބޮޑުކޮޓަރީގައި އިނެވެ.

"ދަރިފުޅާ... އާދެބަލަ!" މުނީރު ރާދިންއަށް ގޮވާލިއެވެ. މަޑުމައިތިރި ނަމަވެސް، އެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރުތައް ވެއެވެ. ރާދިން އައިސް މަޑުކޮށްލުމުން ސޯފާގައި އިށީނުމަށް މުނީރު ބުނެލިއެވެ. ރާދިން އިށީނުމާއެކު، މުނީރު ވާހަކަ ދެއްކިއެވެ.

"ރާދިންގެ އަނތްބަކު ހުރިކަން އެނގޭތަ؟" މުނީރު ސުވާލު ކޮށްލުމާއެކު، ރާދިންއަށް ބޯ ޖަހައިލެވުނެވެ. އޭނާއަށް މުނީރަށް ބަަލަން ނުކެރި އިސްޖަހައިލެވުނެވެ.

"އެކުވެރިއަކު ހޮސްޕިޓަލުގައި އެޑްމިޓްކުރީމަ ދާންވެސް ޖެހޭނެ. އެކަމަކު ހަތަރު ދަމު އެކޮޅުގައި އުޅެން ޖެހޭތަ؟ ނޫނީ އަދިވެސް ރާދިން ބޭނުންވަނީ އެކުވެރިންނާއެކު ކުރިން އުޅުނު އުޅުންތަ އުޅެން؟" މުނީރު ފުރަތަމަ ފަހަރަށް ހިތްހަމަނުޖެހިގެން ރާދިންއާ ދިމާލަށް އެއްޗެއް ބުންޏެވެ. ރާދިން މައާލްގެ ހައްޤުތަކަށް އިހުމާލުވާހެން އޭނާއަށް ހީވަނީއެވެ. އޭނާ މިރޭ ގެއަށް އައިސް ކޮޓަރިއަށް ނުވަދެ މަޑުކުރީ ރާދިން ގޭގައި ނެތްކަން ޔަޤީންވެ ރާދިން އަންނަ ވަގުތެއް ބަލައިލުމުގެ ބޭނުމުގައެވެ.

"މައާލްއަށް ރާދިންގެ އެހީތެރިކަން ބޭނުންވެޔޭ. އޭނަ އެކަނިވާނެވަރު ރާދިންއަށް އިޙްސާސްނުވަނީތަ؟" މުނީރު އަނެއްކާވެސް ވާހަކަ ދެއްކީ ރާދިން އިތުރު އެއްޗެއް ނުބުނުމުންނެވެ.

"ސޮރީ...."

"މާފަށް އެދުނީމަ ހުރިހާކަމެއް ނިމުނީތަ ރާދިން؟ ވިސްނާލަބަލަ މައާލްއާ ދޭތެރޭ. އަމިއްލަ ދިރިއުޅުމާ ދޭތެރޭ. ބައްޕަ ލަދުގަންނަން ޖެހޭ ވަރު ކަކެއް ނުކުރާތި. ބައްޕަ ވަރަށް ވަރަށް ވަރަށް ލޯބިވޭ ދެ ކުދިންދެކެ." މުނީރު އެހެން ބުނެލުމަށްފަހު، ތެދުވެލިއެވެ. އަދި އޭނާ ރާދިންގެ ކައިރީގައި ކޮޓަރިއަށް ދާން ބުނެފައި، އެތަނުން ދިޔައެވެ.

ރާދިން ރުޅި އަންނަ ގޮތްވިއެވެ. އޭނާ އެ ދިޔަ ބާރުމިނުގައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ސޯފާގައި ނިދާފައި އޮތް މައާލް ފެނި ރާދިންގެ ކަންފަތުގައި ގުގުމަން ފެށީ މުނީރާ އެކުވެރިންގެ ޖުމްލަތަކެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން ބޭނުންވި ނަމަވެސް އެކަން ކުރާކަށް ރާދިންއަށް ފަސޭހައެއް ނުވިއެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އޭނާ މައާލްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

"ކަލޭ ކީއްވެގެން ތިއުޅެނީ؟"

ރާދިންގެ އެ ހަރުކަށިކަމުން ސިހުނު މައާލްއަށް ބިރުގަތެވެ.

"ކަލޭ ކީކޭ ކިޔައިގެން ތިއުޅެނީ މިހާރު؟ ވަގުތޭ... ހައްޤޭ..." ރާދިންއަށް ހަޅޭއްލަވައިގަނެވުނެވެ.

އަަހަރެން އެއްވެސް އެއްޗެއް ނުކިޔަން... ރާދިން... " މައާލްއަށް ރޮވެން ފެށުނެވެ.

"ހީނުކުރައްޗޭ ކަލޭގެ ކުޅިވަރު އަހަންނަށް ނޭނގޭނެޔޭ... ވީ އެންމެ އަވަހަކަށް ބައްޕައާ ވާހަކަ ދައްކާ. އަހަރެންގެ ޝަރުތު އެނގެއެއްނު." ރާދިން މައާލް ކޮށްޕައިލިއެވެ.

"ރާދިން. ބައްޕަ ހާދަ އެކަނިވާނެޔޭ... ތިހެން އައިސް އަހަންނާ ދިމާލަށް ހަޅޭއްލަވާ ތަދުކުރިމަކީ ވެސް އަނިޔާއެއް. އަހަރެން ބޭނުން ވެއްޖެނަމަ އެއީ ރާދިން ބޭނުންވާ ގޮތޭވެސް ބައްޕަ ކައިރީގައި ބުނެވޭނެ. އެކަމަކު އަހަރެން..." ރޮމުން ރޮމުން މައާލް ވާހަކަ ދެއްކިއެވެ. ރާދިންއަށް ވިސްނައިދިނުމަކީ ކުރެވޭނެކަމެއް ނޫންކަން އޭނާއަށް އެނގުނީއެވެ.

"އެހެންތަ؟ ބުނެބަލަ އެހެންވިއްޔާ..." ރާދިން މައާލްގެ އަތުގައި ހިފާ އޭނާގެ ލޮލާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު، ދޫކޮށްލާފައި ނިކަން އަވަސް އަވަހަށް ނުކުމެއްޖެއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވިދާނެހެން އޭނާއަށް ހީވީއެވެ. ރޮމުން ރޮމުން މައާލްއަށް ސޯފާގައި އިށީނދެވުނެވެ.

*****

ހެނދުނު ހައެއް ޖަހަން އުޅެނިކޮށް މައާލް ކޮޓަރިން ނުކުމެލިއެވެ. ރާދިން އޭރު ނުކުމެގެން ދިޔަ ގޮތަށް ގެއަށް ނާންނަަކަން އޭނާއަށް އެނގެއެެވެ.

"މެޑަމް ކަމެއް ބޭނުންވަނީތޯ؟" މައާލް ސިހުނީ އެމާގެ އަޑަށެވެ.

"އެމާތަ؟" މައާލްއަށް ބުނެވުނެވެ. އެމާ އާއެކޭ ބުނުމުން މައާލް ބުނީ އޭނާ ބޭރަށް ނުކުންނަން ބޭނުންވާ ވާހަކައެވެ.

"މައްޗަށް ޓެރެސްއަށް ދާނަންތަ؟ ވަރަސް ނައިސް ވައިޖެހޭ އެބަ." އެމާ ބުނެލުމާއެކު، މައާލް ބޯޖަހައިލިއެވެ. އެމާ، މައާލް ގޮވައިގެން ގޮސް ޓެރެސްއަށް އެރިއެވެ.

"މައާލް! ދަރިފުޅާ..." މުނީރުގެ އަޑު ޖެހިލުމުންވެސް، މައާލް ފިނިވެލިއެވެ. އޭނާއަށް އަނބުރާ އެތަނުން ދާކަށް ނުކެރުނެވެ. އެހެންކަމުން އެމާ ފޮނުލާވާފައި އޭނާ މުނީރު ކައިރީގައި މަޑުކޮށްލިއެވެ.

ރާދިން ގެއަށް އައިސް ކޮޓަރިއަށް ވަތްއިރު މައާލްއެއް ނެތެވެ. ބޭރުގައިއާ ބޮޑުކޮޓަރީގައިވެސް ނެތެވެ. މައާލް ވީތަނެއް އެނގެން އޭނާ ބޭނުންވިއެވެ. ތިރިއަށް ފައިބަމުން ދިޔަ އެމާ ފެނުމާއެކު، އޭނާ ސުވާލުކޮށްލިއެވެ.

"މެޑަމް މަތީގައި... ޓެރެސްގައި..." އެމާ އެހެން ބުނުމުން ރާދިން ގޮސް ޓެރެސްއަށް އެރިއެވެ. ދޮރުން ނުނިކުމެވި އުޅެނިކޮށް މުނީރުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

"އަނެއްކާ އެގެއަށް ބަދަލުވާން ބޭނުންވެގެން މައާލް ތިއުޅެނީ ރާދިން އެއްޗެކޭ ބުނީމަތަ؟" މުނީރުގެ އަޑާއެކު، ރާދިންއަށް މަޑުޖެހެވުނެވެ. ރޭގައި މައާލް ބުނި ޖުމްލަތައް އޭނާގެ ކަންފަތުގައި ގުގުމައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު