ކުޑަކުއްޖެއްގެ ހާލު ދެރަވުމުން މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ޖައްސަައިފި

މޯލްޑިވިއަނުގެ ބޯޓެއް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ކޮޗިންއަށް ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައި ހުރި ފަސިންޖަރެއްގެ ޙާލު ދެރަވުމުގެ ސަބަބުން އެމަޖެންސީގައި ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

ދަތުރު ފެށިތާ ގާތްގަނޑަކަށް 26 މިނިޓު ފަހުން އަނބުރާ އެއާޕޯޓަށް އަންނަން ޖެހުނީ މިއަދު ހަވީރު 3:00ގައި މާލެއިން ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ބޯޓް 8QIAN އެއާބަސްއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން އަހްމަދު މުޝްއިލް "ސަން"އަށް ވިދާޅުވީ، ފްލައިޓު އަނބުރާ ވެލާނާ އެއާޕޯޓަށް ޖެއްސީ އެ ފްލައިޓުން ދަތުރުކުރި ކުޑަކުއްޖެއްގެ ޙާލު ދެރަވުމުގެ ސަބަބުން ކަމަށެވެ. ފްލައިޓް ޖެއްސުމާއެކު، ސިއްޚީ ފަރާތްތަކުގެ އެހީތެރިކަމާއެކު އެކަމަށް މޯލްޑިވިއަންގެ ފަރާތުން އެޓެންޑްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފްލައިޓް ޖެއްސުމާއެކު އެ ސިޓުއޭޝަންއަށް އަޅުގަނޑުމެންގެ ޓީމުތައް ވާނީ އެޓެންޑްވެފައި،" މުޝްޢިލް ވިދާޅުވިއެވެ.

ފްލައިޓުގައި ތިބި ހަތަރު ފަސިންޖަރަކު ބޭލުމަށް ފަހު މޯލްޑިވިއަންގެ ފްލައިޓު ވަނީ 4:25ގައި އަލުން ކޮޗިންއަށް ފުރާފައެވެ.

comment ކޮމެންޓް