އަމާޒަކީ މުވައްޒަފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން: ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ---

ސްޓެލްކޯގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް އަމާޒަކީ، ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީއާއި ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ހުނަރުވެރި، ގާބިލް މަސައްކަތްތެރިންތަކެއް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ހިންގާ އެފަދަ ކޯސްތަކަކީ އެ ކަމުގައި ސްޓެލްކޯގެ ދައުރު އަދާ ކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ. މި ފުރުސަތުގައި، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ޝަރީފް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާއަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތުގައި ރާއްޖޭގެ ދެވަނައެއް ނެތް ކުންފުންޏެއް ކަމަށެވެ.

ރައްޔިތުންނަށް ކަަރަންޓު ފޯރުކޮށްދިނުމުގައި އެ ކުންފުންޏާ އެއްހަމަ ކުރެވޭނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ. އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ އަޅުގަނޑުމެންނަށް އާ ދެ ޚިދުމަތް. މައުލޫމާތާއި، ތަޖުރިބާ އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާ ދެ ޚިދުމަތް،"

ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ފުރުސަތުތައް އެ ކުންފުނިން ތަނަވަސް ކޮށްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އަސާސަކީ އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށެވެ. އެއީ، ކަރަންޓު ނުވަތަ ފެނާއި ނަރުދަމާގެ ޚިދުމަތް ކަމުގައި ނަމަވެސް އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް މިންވަރެއްގެ އިހުމާލެއް، އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގައި ނުވަތަ އަދި އަމަލުގައި ވެސް އޮވެގެން ނުވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ކުންފުނީގެ ޚިދުމަތުގެ ފެންވަރު ވަޒަން ކުރާނީ، މުވައްޒަފުން ނޫން ކަމަށާއި، އެކަން ކުރާނީ ޚިދުމަތް ލިބޭ މީހުން ކަމަށެވެ. އެއީ، ފެންވަރު ރަނގަޅު، ރައްޔިތުން ގަބޫލު ކުރާ މިންވަރުގެތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ ޚިދުމަތް ލިބޭ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މުވައްޒަފުންގެ ދައުރަކަށް ވާންވާނީ ޚިދުމަތް ހޯދަން އަންނަ ފަރާތްތައް ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ދިނުން،" ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގި ދެ ކޯހުގައި ޖުމްލަ 89 މުވައްޒަފަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 66 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި، ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 23 މުވައްޒަފުންނެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ އަދި ފަންނީ ގޮތުން ގާބިލް އަދި ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރުން ކަމަށެވެ.

comment ކޮމެންޓް