ކަރަންގެ އުފަންދުވަހު ބެލުންތެރިންނަށް ދޫކޮށްލީ ރޮކީއާއި ރާނީގެ ޕޯސްޓަރުތަކެއް

ދަރްމާ ކުންފުނިން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގެ ފުރަތަމަ ޕޯސްޓަރުތައް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކުރާ މި ފިލްމުގެ ޕޯސްޓަރުތައް ބެލުންތެރިންނާ ހިއްސާކޮށްފައިވަނީ ކަރަންގެ 51ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ. މި ފިލްމަކީ، ފިލްމު "އޭ ދިލްހެ މުޝްކިލް"އަށްފަހު ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.

މި އަހަރުގެ ޖުލައި 28ގައި ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ މި ފިލްމަކީ، މީގެ ދެ އަހަރު ކުރިން އިއުލާނުކުރި ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު ފިލްމުގެ މަސައްކަތްތައް ލަސްކުރެވުމުން ފިލްމު ރިލީޒްކުރާ ތާރީޚުތަކަށް ވެސް އެކިފަހަރު މަތިން ވަނީ ބަދަލު އައިސްފައެވެ.

ބަތަލާ އާލިއާ ބަޓްއާއި ރަންވީރު ސިންގެ، ލީޑް ރޯލްއިން ފެންނަ މި ފިލްމުގެ ވަރަށް ހާއްސަ ރޯލްތަކުން އެކްޓަރު ދަރްމެންދްރަ، ޖަޔާ ބައްޗަން، ޝަބާނާ އަޒްމީ އަދި އަމްރިތާ ޕުރީ ފެންނާނެއެވެ.

މި ފިލްމަކީ، ރަންވީރާއި ބަތަލާ އާލިއާ ބަޓް އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން ދެ ތަރިން އެކީގައި ކުޅެފައިވަނީ ފިލްމު "ގައްލީ ބޯއި"އެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ބަތަލާ ޖަޔާ ބައްޗަން ފިލްމުގައި ފެންނާނީ ވިލެން އެއްގެ ރޯލްއިންނެވެ. މި ޚަބަރު ތެދަކަށް ވެއްޖެނަމަ މިއީ ޖަޔާ ބައްޗަންގެ ފިލްމީ ކެރިއަރުގައި ބަތަލާ ވިލެންއެއްގެ ރޯލްއިން ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

ފިލްމުގައި މިހާތަނަށް ނުނިމިއޮތް ހަމައެކަނި ބައި ކަމަށްވާ އާލިއާ ބަޓްއާއި ރަންވީރް ސިންގްގެ ލަވަވެސް ދާދިފަހުން ވަނީ ކަޝްމީރުގައި ޝޫޓް ކޮށްފައެވެ. މި ފިލްމުގެ ޕޯސްޓަރުތައް ހިއްސާކުރަމުން ކަރަން ބުނެފައިވަނީ ރާނީއާއި ރޮކީގެ ދުނިޔޭގެ ދިރިއުޅުން ތަޖުރިބާކޮށްލަން ތައްޔާރުވެލުމަށެވެ. އަދި ވަރަށް އަވަހަށް ރާނީއާއި ރޮކީގެ އާއިލާއާ ވެސް ބައްދަލުވާނެކަމަށް ކަރަން ވަނީ ބުނެފައެވެ. ކަރަންގެ މި އިޝާރާތާއެކު ފިލްމުގެ ޓްރެއިލާ ފެންނަން މާގިނަ ދުވަހެއް ދެން ނުނަގާނެކަން ވަނީ ދޭހަވެފައެވެ.

comment ކޮމެންޓް