ވެބް ސީރީސް 'ހީރާ މަންޑީ'ގެ ސީންތައް އަލުން ޝޫޓެއް ނުކުރޭ

ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ އަލަތު ވެބް ސީރީސް "ހީރާ މަންޑީ"ގެ ބައެއް މަންޒަރުތަކާމެދު ހިތްހަމަނުޖެހުމުން އަލުން އެ މަންޒަރުތައް ޝޫޓް ކުރުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަ ފިލްމާ ގުޅުންހުރި ފަރާތަކުން ދޮގުކޮށްފިއެވެ.

މި ސީރީސްގެ ބައެއް ސީންތައް އަލުން ޝޫޓް ކުރާނެ ޚަބަރާއެކު ވެބް ސީރީސް ރިލީޒްކުރާނެ ތާރީޚު ވެސް ފަސްވާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ސަންޖޭގެ ވެބް ސީރީސް "ހީރާ މަންޑީ"ގެ ޓީމުގައި މަސައްކަތްކުރާ ފަރާތަކާ ހަވާލާދީ ފިލްމުފެއާ ނިވްސްގައި ބުނެފައިވަނީ ސަންޖޭގެ އުފެއްދުމަކަށް ފާޑުކިޔާނެ ފުރުސަތެއް އެއްވެސް ފަރާތަކަށް ޕްރޮޑިއުސަރު ނުދޭނެ ކަމަށެވެ. "ހީރާ މަންޑީ"ގެ މިހާތަނަށް ޝޫޓްކުރެވިފައިވާ މަންޒަރުތަކާމެދު ސަންޖޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެއްވެސް ސީންއެއް ރީޝޫޓް ކުރުމުގެ ޕްލޭންއެއް ނެތްކަމަށް ވެސް މި ފަރާތުން ވަނީ ބުނެފައެވެ.

މިއީ 1940ގެ އަހަރުތަކުގެތެރޭގައި އިންޑިއާއަށް މިނިވަންކަން ލިބުމުގެ ކުރިން ޖާރިއާއިންގެގޮތުގައި ހަރަކާތްތެރިވި އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ސީރީސްއެކެވެ. ގިނަ އަދަދެއްގެ ލަވަތަކާއި ނެށުންތަކެއް ފެންނާނެ މި ސީރީސްގެ ޝޫޓިންގް ކުރިޔަށް ގެންދަނީ ފިލްމު ސިޓީގައި ތައްޔާރުކުރެވިފައިވާ ވަރަށް ހިތްގައިމު ސެޓެއްގައެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން ނެޓްފްލިކްސްއާ ގުޅިގެން ސަންޖޭ އުފައްދާ މި ސީރީސްގެ ބަތަލާއިންނަކީ، ސޮނާކްޝީ ސިންގްހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ރިއްޗާ ޗައްޑާ އަދި ސަންޖީދާ ޝެއިހްއެވެ. މީގެ އިތުރުން އެކްޓަރު ފަރުދީން ޚާން އަދި ޖެކީ ޝްރޮފް ވެސް މި ސީރީސްއިން ފެންނާނެއެވެ.

އިތުރު ބަތަލާއިންތަކެއް "ހީރާ މަންޑީ"އިން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ސީރީސް ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ. ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ މި ސީރީސްގެ ފުރަތަމަ ޕޯސްޓަރު މިއަހަރުގެ ކުރީކޮޅު ވަނީ ދައްކާލާފައެވެ.

comment ކޮމެންޓް