މިޝްގާގެ ގަދަ ހިތްވަރު: ރަށުން ކިޔަވައިގެން ދުނިޔޭގެ ވަނައެއް!

މިޝްގާ

ވަކި ސްކޫލަކުން ކިޔަވައިފި ނަމަ ދަރިވަރުންގެ ކިޔެވުން ރަނގަޅުވެދާނެ ކަމީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގަބޫލުކުރުމެކެވެ. އެހެންކަމުން މޮޅެތި ނުވަތަ އިންޓަނޭޝަލް ސްކޫލުތަކަށް ދަރިން ފޮނުވައިގެން ދަރިންގެ ތައުލީމީ ހަޔާތް ބައްޓަންކުރަން ބޭނުންވާ ބެލެނިވެރިން މި މުޖުތަމައުގައި މަދެއް ނޫނެވެ. ހަމަ އެހެންމެ މާލީގޮތުން ތަނަވަސްކަން ނެތުމުގެ ސަބަބުން ފެންވަރު ރަނގަޅު ސްކޫލުތަކުން ދަރިންނަށް ތައުލީމު ފޯރުކޮށް ނުދެވޭތީ ހިތާމަކުރާ ބެލެނިވެރިން ވެސް މަދެއް ނޫނެވެ.

މިފަދަ ގަބޫލުކުރުންތައް ގެންގުޅޭ މީހުނަށް އއ. ތޮއްޑޫ ސްކޫލުން މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހެދި ދަރިވަރު އައިޝަތު މިޝްގާ ނާސިރު ސާބިތުކޮށްދިނީ ހަމަ އެންމެ ކަމެކެވެ. އެއީ ކޮންމެ ސްކޫލަކުން ތައުލީމު ހާސިލްކުރި ނަމަވެސް ކާމިޔާބީއަކީ އެކަމަށް ގަދައަޅާ މަސައްކަތްކޮށްފި މީހެއްގެ ހައްގެއްކަމެވެ.

މިޝްގާ ވަނީ މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދާ، ޓޮޕް އެޗީވާސްގެ އެއް ވަނަ ހާސިލްކޮށްފައެވެ. އެއީ އޭނާ އެކަމަކަށްޓަކާ ގަދައަޅާ މަސައްކަތްކުރި ނަތީޖާއެވެ. ނަމަވެސް، މިދިޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ލިބުމަކީ މިޝްގާއަށް ވެސް ލިބުނު "ސަޕްރައިޒް"އެކެވެ.

"އަސްލު ހިޔެއް ނުކުރަން އިނގިރޭސިން ދުނިޔެއިން އެއްވަނަ ލިބޭނެ ކަމަކަށް. ވަރަށް ސަޕްރައިޒް ވި ލިބުނީމަ. ވަރަށް އުފާވި،" މިދިޔަ އަހަރު ތޮއްޑޫ ސްކޫލުގެ ކެޕްޓަންކަން ވެސް ކުރި މިޝްގާ ބުންޏެވެ.

މިޝްގާ ގަބޫލުކުރާ ގޮތުގައި މިއީ އޭނާއަށް ހައްގު ކާމިޔާބީއެކެވެ. ސަބަބަކީ މިއީ އޭނާ އެތައް ރެއެއްގެ ނިދި ނަގާލާ ގަދައަޅާ ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

މަތީ އަރިތަވެރިންގެ އިނާމު ދިނުމުގެ ހަފްލާގައި

އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދަން މިޝްގާ ވަކި މަސައްކަތެއް ނުކުރެއެވެ. ހުރިހާ މާއްދާއަކަށް ވެސް އޭނާ މަސައްކަތް ކުރީ ހިތްވަރާއި އަޒުމާއެކުއެވެ. އެގޮތުން އޯލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން މިޝްގާވަނީ އޭ ސްޓާ ހޯދާފައެވެ.

މިޝްގާ މިދިޔަ އަހަރު ގްރޭޑް 10 ގެ ކިޔެވުން ފެށީ ވެސް ޓޮޕް އެޗީވާސްގެ އެއް ވަނައަށް އަމާޒު ހިފައިގެނެވެ. އެގޮތުން އެކަމަށް މަސައްކަތް ކުރުމުގެ ގޮތުން އޭނާގެ ކިޔެވުމާއި އުޅުން ވެސް ވަކި ގޮތަކަށް ބައްޓަން ކުރިއެވެ.

"މިޝްގާ ވަރަށް ބޭރަށް ނުދާނެ. ރަށްޓެހިން ވެސް ގެއަށް އަންނާނީ. ގިނަ ވަގުތު އުޅޭނީ ހަމަ ކިޔެވުމުގަ،" މިޝްގާގެ މަންމަ ބުންޏެވެ.

ކިޔެވުމުގެ އިތުރުން މިޝްގާ ދީނީ ކަންކަމަށް ސަމާލުކަން ދީ ބަރާބަރަށް ނަމާދުކުރެއެވެ.

މިޝްގާ މަންމައާ އެކު

ސްކޫލުގައި މިޝްގާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓީޗަރުން ކިޔަވައިދޭއިރު ކަނުލާ އަޑުއެހުމަށެވެ. އެއަށްފަހު ފިލާވަޅުތައް ވަގުތުން ނިންމައެވެ. ސްކޫލުން ގެއަށް ގޮސް ފިލާވަޅުތައް ދަސްކޮށް ކިޔާއިރު މިޝްގާ ބުނީ ސަމާލުކަން ދެނީ އެވަގުތަކު ކިޔަވާ ހިތްވާ މާއްދާއެއް ކިޔެވުމަށް ކަމަށެވެ.

ކިޔެވުމުގައި ޓިއުޝަނަކީ މާ މުހިންމު އެއްޗެއް ކަމަށް މިޝްގާ ގަބޫލެއް ނުކުރެއެވެ. އޭނާ ޓިއުޝަން ނެގީ އެއްމެ މާއްދާ އަކުންނެވެ. އެއީ އިކޮނޮމިކްސްއެވެ.

"އުނދަގޫ ވެގެނެއް ނޫން ޓިއުޝަން ނެގީއެއް. އެއީ ކުޑަކޮށް ހެލްޕް ބޭނުންވާތީ،" މިޝްގާ ބުންޏެވެ.

މާދަރީ ބަސް ނޫން އެހެން ބަހަކުން ދުނިޔެއިން އެއް ވަނަ ލިބުމުގެ ފަހަތުގައި ވެސް ވަނީ ކާމިޔާބީއަށް އެދި އަތުކުރި އޮޅާލާ މިޝްގާ ކުރި ބުރަ މަސައްކަތެވެ. އެގޮތުން އިނގިރޭސި ވާހަކަ ކިއުމަކީ ޝައުގުވެރިވާ ކަމެއް ނޫން ނަމަވެސް އެނިމޭ ބަލާކަމަށް މިޝްގާ ބުންޏެވެ.

"އިނގިރޭސި އިމްޕްރޫވް ކުރަން ކުރާ ކަމަކީ ދަސްކުރާ އާ ބަސްތައް ލިޔުމުގަ ބޭނުންކުރަނީ. ދެން ލިޔެފަ ސޯރ އަތަށް މާކުކުރަން ދިނީމަ ސޯރ ދޭނެ ފީޑްބެކާ އެކީ. ސޯރ ވަރަށް އެހީތެރި ވާނެ. އެހެން ބޮޑަށް ދަސްކުރީ،" މޮކް އިމްތިހާނުން ވެސް ކްލާހުން އެންމެ ރަނގަޅު ނަތީޖާއެއް ހާސިލްކުރި މިޝްގާ ބުންޏެވެ.

ފިލާވަޅު ދަސްކުރަން މިޝްގާއަށް އެންމެ ފަސޭހައީ ދަންވަރުގެ ހަމަހިމޭން ވަގުތުގައި ކަމަށް މިޝްގާ ބުންޏެވެ. އެހެންކަމުން ދަންވަރުގެ ގިނަ ވަގުތު ވެސް އޭނާ ހޭދަކުރަނީ ކިޔެވުމުގައެވެ. އިމްތިހާން ބޯމަތިވެ ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އޭނާއަށް ވަގުތުތައް ބަހާލައިގެން ކަންކަން ކުރަން ވެސް އުނދަގޫވި ކަމަށް މިޝްގާ ބުންނެވެ. ނަމަވެސް އިމްތިހާނު ނިމެންދެން އެގޮތުގައި އޭނާ ކެތްކުރީ ކާމިޔާބީގެ ރަހަ ފޮނިވާނެކަމަށް ގަބޫލުކޮށްގެނެވެ.

"ތިނެއް ނޫނީ ހަތަރު ގަޑިއިރު ނިދައިގެން އުޅުނީ އިމްތިހާނު ދުވަސްކޮޅު،" މިޝްގާ ބުންޏެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި މިޝްގާ އާއިލާއާއެކު --

ކިޔެވުމަށް ވަގުތު ހޭދަކުރުމަށްފަހު ލިބޭ ހުސް ވަގުތުގައި މިޝްގާ ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ ވަނަތައް ހާސިލްކުރިއެވެ. އެއީ ވެސް އޭނާ ޝައުގުވެރިކަމާ އެކު ކުރާ ކަންކަމެވެ.

"ގުރުއާން މުބާރާތްތަކުގައި ވަރަށް ގިނައިން ބައިވެރިވަން. ގައުމީ މުބާރާތުގަ ވާދަކޮށްގެން ވެސް ހުންނާނެ ވަނަ ލިބިފަ،" މިޝްގާ ބުންޏެވެ.

މިޝްގާ ޤުރުއާން މުބާރާތެއްގައި ކިޔަވަނީ --

އެންމެ ކުޑައިރު ވެސް ޝައުގުވެރިކަމާއެކު ކިޔަވާ ރަން ވަނަތައް ހާސިލްކުރި މިޝްގާ ކިޔެވުމުގައި ނަމޫނާއަކަށް ބަލާ ޝަހުސިއްޔަތަކީ ބޮޑުދައިތައެކެވެ.

"އަޅުގަނޑުގެ އާންޓް އެންމެ ބޮޑަށް ޕުޝް ކުރީ ވެސް ކިޔެވުމުގެ ކަންކަމުގަ،"

މިއަދު މިޝްގާ އަކީވެސް އެރަށުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ނަމޫނާ ދަރިވަރެކެވެ. ހަމަ އެކަނި ކިޔެވުމުގެ ގޮތުންނެއް ނޫނެވެ. އަޚުލާގީ ގޮތުން ވެސް މެއެވެ.

މިޝްގާއަކީ މިއަދު އެނާގެ ކާމިޔާބީގެ ފަހަތުގައިވާ މައިންބަފައިންގެ ފަޚުރެވެ. އޭނާގެ ހިތްވަރާއި މިންނެތް މަސައްކަތުން ސާބިތުކޮށްދިނީ ރަށުން ތައުލީމު ހާސިލްކުރުމަކީ ނަތީޖާ ރަނގަޅު ނުވާންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ރަނގަޅު ނަތީޖާއެއް ހާސިލް ކުރަން އަގުބޮޑު ސުކޫލުތަކަށް ދިއުމަކީ މުހިންމު ކަމެއް ނޫންކަން މިޝްގާ ވަނީ ސާބިތު ކޮށްދީފައެވެ.

comment ކޮމެންޓް