ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ފަށަން ތައްޔާރުވެފައި ވާއިރު، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ނުވަތަ ހައްލުތަކެއްވެއެވެ.
އެގޮތުން މި ފަރުވާތަކުގެ ތެރޭގައި ހިމެނޭ މަގުބޫލު އެއް ފަރުވާއަކީ އިންޓްރާ ޔުޓެރައިން އިންސެމިނޭޝަން (އައިޔޫއައި)އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އައިޔޫއައިގެ މައިގަނޑު މަގްސަދަކީ ފެލޯޕިއަން ޓިއުބްއާ ހަމައަށް ވާސިލްވާ ދަރިފަނީގެ އަދަދު އިތުރުކޮށްދިނުން ކަމަށެވެ. މީގެ ސަބަބުން ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
"އައިޔޫއައި އަކީ އޮވިޔުލޭޓް ވާ ދުވަސްވަރުގައި ކެތިޓާއެއް މެދުވެރިކޮށް އަނބިމީހާގެ ރަހިމުގެ ތެރެއަށް ފިރިމީހާގެ ދަރިފަނިލައިގެން ދަރިމައިވުމަށް ދެވޭ ފަރުވާއެއް. މިއީ ބަލިވެއިނުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި ދެވޭ ފަރުވާއެއް،" ޓްރީޓޮޕް ހޮސްޕިޓަލް
އާންމު ގޮތެއްގައި ޑޮކްޓަރުން އައިޔޫއައި ހެދުމަށް ލަފާދޭނީ އެއްއަހަރަށްވުރެ ގިނަ ދުވަސްވަންދެން ބަލިވެ އިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ދެމަފިރިންނަށާއި އަދި މިނޫންވެސް ދަރިމައިވުމުގެ އެހެނިހެން މައްސަލަތައް ހުންނަ މީހުންނަށެވެ. މީގެތެރޭގައި ދަރިފަނީގެ އަދަދު މަދުވުން ކަހަލަ މައްސަލަތައް ހިމެނެއެވެ.
އައިޔޫއައި ކުރިއަށް ގެންދާ ގޮތް:
- އެންމެ ފުރަތަމަ އަނބިމީހާގެ ހައިޟުގެ މުއްދަތު ރަނގަޅަށް މޮނިޓާކޮށް، ބަލައި އޮވިއުލޭޓް ވާ ދުވަސްކޮޅު ދެނެގަންނާނީއެވެ. އެގޮތުން ބައެއް އަންހެނުންގެ އޯވަރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި، ބޭސް ނުވަތަ އިންޖެކްޝަން ދޭނެއެވެ. މި ޕްރޮސެސް އަށް ކިޔަނީ އޯވަރީ ސްޓިމިއުލޭޝަންއެވެ.
- އެއަށްފަހު އޮވިއުލޭޝަން ފެށޭ ހިސާބުން ފިރިމީހާގެ ދަރިފަނި ލެބޯރަޓަރީގައި ސާފްކޮށް، ކޮންސެންޓްރޭޓް ކުރުމަށްފަހު، ކުޑަ ކެތެޓާއެއް މެދުވެރިކޮށް ސާފުކޮށް ދަރިފަނި އަނބިމީހާގެ ރަހިމުގެ ތެރެއަށް ދޫކޮށްލެވެއެވެ. މި ޕްރޮސީޖާ އަކީ ތަދު ނުވާ އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަދާލެވޭ ޕްރޮސީޖާއެކެވެ.
އައިޔޫއައި އަކީ އާންމު ގޮތެއްގައި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް މެދުވެރިވާ ޕްރޮސީޖާއެއް ނޫނެވެ. އެގޮތުން މި ޕްރޮސީޖާގައި މައިގަނޑު ނުރައްކަލެއްގެ ގޮތުގައި ބެލެވޭ ކަމަކީ އެެއްފަހަރާ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވުމެވެ.
ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި، މިކަން ދިމާވަނީ އައިޔޫއައި ހަދާ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަށެވެ. ހަމަ މިއާއެކު އައިޔޫއައި މެދުވެރިކޮށް ބަލިވެ އިނުމުގެ ފުރުސަތު ކޮންމެ އައިޔޫއައި ސައިކަލެއްގައި 10 ޕަސެންޓާ 20 ޕަސެންޓާ ދެމެދުގައި އޮވެއެވެ. އެހެންކަމުން ހަ ސައިކަލްއަށްފަހު ބަލިވެއިނުމުގެ ފުރުސަތަކީ 60 ޕަސެންޓާ 80 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
އެހެން ނަމަވެސް ބަލިވެ އިނުމުގެ ފުރުސަތައް އެހެނިހެން ކަންކަމުން އަސަރުކުރާނެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި، ހަށިގަނޑަށް ބޭނުންވާ ވިޓަމިން އަދި މިނެރަލްސް ފަދަ ތަކެތި މަދުވުމާއި މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ހިމެނެއެވެ.
"އައިޔޫއައި ކާމިޔާބުވާ ނިސްބަތް އެކި މީހުންގެ މެދުގައި ތަފާތު. އެމީހަކު ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ޑޮކްޓަރަކާއި މަޝްވަރާކުރުން ވަރަށް މުހިންމު. އެހެންކަމުން އައިޔޫއައިގެ ފަރުވާއަށް އެދިލައްވާނަމަ ތަޖުރިބާކާރު ފާޓިލިޓީ ޑޮކްޓަރެއްގެ ލަފާ އާއި އިރުޝާދު ހޯދުން ވަރަށް މުހިންމު،" ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ސެންޓަރުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ނިމި ހުޅުވަން ތައްޔާރުވެފަ ކަމަށެވެ. މި ސެންޓަރު މެދުވެރިކޮށް އައިޔޫއައި އަދި އައިވީއެފްގެ ޚިދުމަތްތައް ލިބޭނެއެވެ.
އެ ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށަނީ، 46،000 ރުފިޔާއަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.