މާފަރު އެއާޕޯޓުގައި އެކްސްކެވޭޓަރެއް ފުރޮޅާލުމުން އަނިޔާވި މީހަކު މަރުވެއްޖެ

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

ނ. މާފަރު އެއާޕޯޓް ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކެވޭޓަރެއް ފުރޮޅާލުމުގެ ސަބަބުން އަނިޔާވި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ މީހާ މާފަރު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މިއަދު 09:27 އެެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ އެކްސްކެވޭޓަރު ދުއްވި ޑްރައިވަރެވެ. އެއީ 35 އަހަރުގެ އިންޑިއާގެ މީހެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެމުން މާފަރު ހެލްތު ސެންޓަރުން ބުނީ އެ ސެންޓަރަށް އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި އޭނާގެ ގައިގައި އެކި ވަރުގެ ޒަޚަމްތައް ހުރި ކަމަށެވެ.

އެ ރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މަރުވި އިންޑިއާ މީހާއަކީ އެމްޓީސީސީގެ މުވައްޒަފެކެވެ.

މާފަރު އެއާޕޯޓް އެކްސްޓެންޝަންގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ރަންވޭ ބޮޑު ކުރުމުގެ މަސައްކަތާ ހަވާލުވެ އެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ.

މިއީ 27.1 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން, އެ އެއާޕޯޓުގެ 2.2 ކިލޯމީޓަރުގެ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް