ރ. އިންނަމާދޫގައި ފެނުގެ ނިޒާމް ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ.
އިންނަމާދޫ ފެނުގެ ނިޒާމުގެ ތަރައްގީކުރުމަކީ ޕްލޭނިން މިނިސްޓްރީން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފެނުގެ ނިޒާމުގެ މަސައްކަތް ނިމުމާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން އިންނަމާދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒުމީން ވިދާޅުވީ އިއްޔެ ޓެސްޓް ކުރުމަށް ފަހު އެނގުނު ގޮތުގައި ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަން އަދި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަން ނިމި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތް ލިބޭނެކަމަށެވެ.
އަޒުމީން ވިދާޅުވީ ރަށުގެ ކުރިމަގަށް ބަލާއިރު ފެން ނުސާވުމުގެ މައްސަލަ ދިމާވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މި ޕްރޮޖެކްޓް ވާނީ ރަށަށް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަށުގެ ފެނަކީ ލޮނު ފެނެއް ނޫން. ރަށުގެ މެޖޯރިޓީ ގިނަ ގެތަކުގައި ފެން ރަނގަޅު. އެހެންނަމަވެސް އަލަށް އާބާދުވާ ރަށުގެ ހުޅަނގު ކޮޅުން ގެތަކުގައި ފެން ނުސާފުވުމުގެ މައްސަލަ ދިވާމޭ" އިންނަމާދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒުމީން
ފެނުގެ ނިޒާމުގެ މަސައްކަތް ނިމުމުން ރައްޔިތުންގެ ހިތްހަމަޖެހިފައި ތިބި ނަމަވެސް އަޒުމީން ވިދާޅުވީ ރަށަށް އެންމެ މުހިންމީ ނަރުދަމާގެ ޚިދުމަތް ކަމަށެވެ. އަދި އެ މަސައްކަތް ސާވިސް އާ ހިސާބަށް ގޮސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އިންނަމާދޫ ފެނުގެ ނިޒާމު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ވަނީ ބެހެއްޓިފައެވެ.
ހަމައެހެންމެ ފެން ރައްކާކުރުމަށްޓަކައި ތާންގިތައް ބަހެއްޓުމުގެ އިތުރުން ފެނުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ވަނީ ތައްޔާރުވެފައެވެ.
މިއީ 50.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.