ކުޅުދުއްފުށީ ސިޓީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަން ނިންމާފައި ވަނިކޮށް އެ ދަތުރުތައް މަޑުޖައްސާލަން ރީޖަނަލް އެއާޕޯޓްސްއިން އައިލެންޑް އޭވިއޭޝަނަށް މިއަދު އަންގައިފިއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ، ދަތުރުތައް މަޑުޖައްސާލަން ނިންމީ ރީޖަނަލް އެއާޕޯޓްސްއިން ބައެއް ތައްޔާރީތައް ނުވެވުމުގެ ސަބަބުން ކަމަށެވެ.
"އެ ބޭފުޅުންގެ ކޮންމެވެސް ތައްޔާރީތަކެއް ނުނިމެނީކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވިއެވެ.
ދަތުރުތައް މަޑުޖައްސާލާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. ޖެނިފާ ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން ދަތުރުތައް ފަށަން ފުރިހަމައަށް ތައްޔާރުވެފައި ވާކަމަށެވެ. އެހެންކަމުން ރީޖަނަލް އެއާޕޯޓްސް އިން އެންގިހާ އަވަހަކަށް ދަތުރުތައް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކާމިޔާބު ޓެސްޓް ފްލައިޓެއް ކުރުމަށް ފަހު ކުއްލިއަކަށް މި ދަތުރުތައް ފެށުން މަޑުޖައްސާލަން އެންގި ސަބަބާ ގުޅޭ ގޮތުން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މިހާރު ރާއްޖޭގައި ހުރި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން ގިނަ އެއާޕޯޓުތަކަށް ދަތުރުކުރެވެނީ ހަމައެކަނި ދުވާލު ވަގުތުތަކުގައެވެ.