ޑަބަލް ޓެކްސް ނެގުން ހުއްޓުވަން ރާއްޖެ އާއި މެލޭޝިއާއިން އެއްބަސްވެއްޖެ

ރާއްޖެއިން މެލޭޝިއާއާއެކު ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ރާއްޖެއިން މެލޭޝިއާ އާއެކު އެެއް މުއާމަލާތަކުން ދެ ފަހަރު ޓެކްސް ނެގުން މަނާކުރާ، ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެލޭޝިޔާގެ ޕާލަމެންޓް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ ފިނޭންސް މިނިސްޓަރު އަހްމަދު މަސްލާންއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ، ޑަބަލް ޓެކްސް ނެގުމުގެ ނުރައްކާ ނައްތާލުމާއި، ކޮންމެ ދައުލަތެއްގެ ޓެކްސް ނެގުމުގެ ޙައްޤުތައް ސާފުކޮށްދިނުމެވެ. މިކަމުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކުގެ ޔަޤީންކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖެއިން މެލޭޝިއާއާއެކު ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޗެއާޕާސަން އަޙްމަދު ސަރުވަޝް އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެ ގައުމުގެ ސަރުކާރުން އުއްމީދުކުރަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް