ސައުދުގެ ހާލު ރަނގަޅު، ނަމަވެސް ގެއަށް ދޫކޮށް ނުލާ

ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެގެން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެނީ--- ފޮޓޯ/ އާއިލާ

ސިނަމާލެ ބްރިޖުގެ ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ ހާލު ރަނގަޅުކަމަށާއި ނަމަވެސް އަދި ގެއަށް ދޫކޮށް ނުލާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އިއްޔެ ހެނދުނު 10:30 ހާއިރު މި އެކްސިޑެންޓު ހިނގާފައި ވަނީ، ސައުދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވިކޮށް، އޭނާ ދުއްވަން އިން ސައިކަލު ގޮސް ހައިވޭގައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.

މި ހާދިސާ ހިނގިއިރު ސައުދު ހެލްމެޓް އަޅުއްވައިގެން ހުންނެވުމުން ބޮލަށް އަނިޔާތަކެއް ނުލިބުނު ނަމަވެސް ވާއަތުގެ ކުޑަހުޅާއި، ކޮނޑުހުޅު އަދި ކަކުލުހުޅުގެ މަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށް ސައުދުގެ ބޭބެ ޝަހުރާބު ޢަބްދުﷲ "ސަން"އަށް މައުލޫމާތު ދެއްވިއެވެ.

ޝަހުރާބު މިއަދު ވިދާޅުވީ، މިވަގުތު ވެސް ސައުދު އޮންނެވީ އޭޑީކޭގައި ކަމަށެވެ. މިވަގުތު އޭނާގެ ހާލު ރަނގަޅުކަމަށާއި މަސްގަނޑަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ރޭ ސާޖަރީ ހަދާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަހުރާބް ވިދާޅުވީ، ސައުދު ގެއަށް ދޫކޮށްލާނެކަމަށް ބެލެވެނީ ތިން ދުވަހުގެ ތެރޭގައި ކަމަށެވެ.

ސިނަމާލެ ބުރިޖާއި ހައިވޭ މަތީގައި ހިނގާ އެކްސިޑެންޓުތައް ފަހަކަށް އައިސް އިތުރުވެ، ބައެއް މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ.

comment ކޮމެންޓް