ކްރޮސް ސަބްސިޑީ އުސޫލުން ތިން އެއާޕޯޓެއް ތަރައްގީ ކުރަން ހުޅުވާލައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

ކްރޮސް ސަބްސިޑީ އުސޫލުން ތިން އެއާޕޯޓެއް އިތުރަށް ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރިން ވެސް ހުޅުވާލި ގޮތަށް، ތިން އެއާޕޯޓެއް ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރުމަށް ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން މި ފަހަރު ތަރައްގީ ކުރަން ހުޅުވާލި ތިން އެއާޕޯޓަކީ:

- މަޑިވަރު އެއާޕޯޓު
- ކުޑަހުވަދޫ އެއާޕޯޓު
- މާފަރު އިންޓަނޭޝަނަލް އެއާޕޯޓު

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ މި ތިން އެއާޕޯޓު ހުޅުވާލައިފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވައިދުގެ ދަށުން ކަމަށެވެ.

އެގޮތުން މި ތިން އެއާޕޯޓު ވެސް ފައިނޭންސް ކުރުމަށް އެންމެ ދަށް ވެގެން ހުށަހެޅޭނީ އެންމެ ދަށް ވެގެން ފަސް މިލިއަން ޑޮލަރު ކަމަށް އެ އިއުލާނުގައި ވެއެވެ.

މި އިއުލާނުގައި އެ މަޝްރޫއަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރާ އަދަދުވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވަނީ ކުޑަހުވަދޫ އެއާޕޯޓަށެވެ.

- މަޑިވަރު އެއާޕޯޓު: 15 މިލިއަން ޑޮލަރު
- ކުޑަހުވަދޫ އެއާޕޯޓު: 50 މިލިއަން ޑޮލަރު
- މާފަރު އިންޓަނޭޝަނަލް އެއާޕޯޓު: 30 މިލިއަން ޑޮލަރު

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި މި ތިން އެއާޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމެންޓުގެ އަދަދާ އަޅާބަލައި، ޓޫރިޒަމަށް ކުއްޔަށް ދޫކުރާ ރަށް، ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދު ކަނޑައިދޭނެ ކަމަށެވެ.

އެހެން ކަމުން މި މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހަޅަން އެ މިނިސްޓްރީ އިން އެދެއެވެ.

comment ކޮމެންޓް