ރަށްޓެހިންނާ ދިމާ ނުވާތާ ވަރަށް ދުވަސް ވެއްޖެ ދޯ؟

ރަށްޓެހިންނާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަ ކޮށްލުމަކީ ކޮންމެ މީހަކު ވެސް ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މަސައްކަތަކާއި އެހެން ޒިންމާތައް ހުންނަ ގޮތުން މިއީ މިހާރަކަށް އައިސް ގިނަ މީހުންނަށް ވަރަށް ނުކުރެވޭ ކަމެކެވެ. ނަމަވެސް ރަށްޓެހިންނާ ދިމާކޮށް އެމީހުންނާއެކު ވަގުތު ހޭދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރަށްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަކީ ގިނަ ފަހަރަށް އުމުރާއެކު މަދުވާ އާދައެކެވެ.

"ކުރީން ހަމަ އާންމު ގޮތެއްގައި ރަށްޓެހިންނާ ދިމާވާނެ އަދި އެކި ތަންތަނަށް ގޮސް ހަދާނެ. އެކަމު މިހާރު ހަމައަކަނި ކިޔެނީ ދިމާވާ ވާހަކަ ދުވަހަކުވެސް ދިމާ ވާ ގޮތެއް ނުވޭ،" އުމުރުން 26 އަހަރުގެ އަލީ އިބްރާހީމް ކިޔައިދިނެވެ.

ކައިވެނި ނުކޮށް ހުރި ނަމަވެސް އުމުރާ އެކު ޒިންމާތައް އިތުރުވަމުންދާތީ އަމިއްލަ ނަފުސަށް ލިބޭ ވަގުތު ކުޑަ ވާ ކަމަށް އަލީ ފާހަގަކުރިއެވެ. އަމިއްލައަށް ހޭދަ ކޮށްލަން ވަގުތު ކޮޅެއް ލިބުމުން ގިނަ ފަހަރަށް އެވަގުތުގައި ގެއިން ބޭރަށް ނުގޮސް ގޭގައި ހުންނަ ކަމަށް އޭނާ ބުންޏެވެ.

ގިނަ ބަޔަކަށް ވާ ގޮތަކީ އެއީ އެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ކޮލެޖު ދުވަސްވަރުގެ ތެރޭގައި ގިނަ ވަގުތު އެކުވެރިންނާއެކު ހޭދަ ކުރުމަށް ލިބެއެވެ. ނަމަވެސް ކޮލެޖުން ބޭރުވެ އެކީގައި ބައްދަލުވާން ލިބޭ ފުރުސަތުތައް މަދުވުމުން އެކުވެރިންނާ ދިމާވާ މިންވަރު މަދުވެއެވެ.

ރަށްޓެހިންނާއެކު އެއް އިރެއްގައި ބައްދަލުކޮށް އުޅުނު ނަމަވެސް ދުވަސް ވާ ވަރަކަށް ތިބޭ ރަށްޓެހިން ވެސް މަދުވެއެވެ. ގިނަ ފަހަރަށް މިހާރު އާންމުކޮށް ވާހަކަ ދައްކައި އުޅޭނީ އެކަކާއެވެ. ނަމަވެސް އެމީހުންނާ ވެސް ބައްދަލު ކުރަން ކިޔާތާ އެތައް މަހެއް ވެދާނެއެވެ. އަބަދުވެސް ދެކެވޭނީ ބައްދަލު ކުރަން ރާވާ ވާހަކައެވެ. ނަމަވެސް ދުވަހަކުވެސް އެ ކަމެއް ހަގީގަތަކަށް ވާ މަންޒަރެއް ނުފެންނާނެއެވެ.

އެކަމަކު ރަށްޓެހިންނާ ބައްދަލުކޮށް އެމީހުންނާއެކު ވަގުތު ހޭދަކޮށްލުމަށް ތާވަލުކޮށް އެކަމަށް އަމަލު ކުރުމަކީ ހަގީގަތުގައި އަށަގަންނުވަން ވެފައިވާ އާދައެކެވެ. އެއީ އަމިއްލަ މީހާގެ ސްޓްރެސް ފިލުވާލުމުގެ އިތުރުން ސިއްހަތަށް ވެސް ފައިދާ ހުރި ކަމަކަށް ވާތީއެވެ.

ރަށްޓެހިންނާއެކު ވަގުތު ހޭދަކުރުމަކީ ސިއްހަތަށް އެކި ކަހަލަ ފައިދާތައް ކުރާ ކަަމެކެވެ. އެގޮތުން ރަށްޓެހިންނާ ވާހަކަ ދައްކައި އެމީހުންނާ މައްސަލަތައް ހިއްސާކޮށް ހެދުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ރަނގަޅު "ކޯޕިން މެކޭނިޒަމް" އެކެވެ. ދިރިއުޅުމުގައި ދިމާވާ ދަތި ކަންތައްތަކުގެ ވޭނުން އަރައިގަތުމުގައި ވެސް އެކުވެރިން ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. ގިނަ ފަހަރަށް މައްސަލައާ އަމިއްލައަށް ހަނގުރާމަ ކުރުމުގެ ބަދަލުގައި އެކުވެރިންނާއެކު ވަގުތު ހޭދަކުރުމުން އެފަދަ ޓްރޯމާތަކާ ހަނގުރާމަ ކުރުމަށް އެކުވެރިންގެ ފަރާތުން ހިތްވަރު ލިބެއެވެ.

ސިއްހަތަށް ފައިދާ ކުރާ އާދަތައް އަށަގެންނެވުމުގައި ވެސް އެކުވެރިން ބޮޑު ރޯލެއް ކުޅެއެވެ. ބައްދަލުވެ އުޅޭ އެކުވެރިންގެ ރަނގަޅު އާދަތަކަކީ ފަސޭހައިން އެއަށް ހޭނޭ އާދަތަކެވެ. އޭގެތެރޭގައި ސިއްހަތަށް ފައިދާ ކުރާ ޑައިޓާއި ކަސްރަތު ފަދަ ކަންތައްތައް ހިމެނެއެވެ.

އެހެންވީމާ އެންމެ ގާތް އެކުވެރިއާއަށް ގުޅާލާށެވެ. އަދި ގިނަ ދުވަސް ވަންދެއް މަޑު ނުކޮށް އޭނާ އާ ބައްދަލުކޮށް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ބިޒީ ޝެޑިއުލަކުން ވެސް ކޮންމެހެން ހަދާފައި ކުޑަ ވަގުތު ކޮޅެއް މިކަމަށް ހޯދުން ވަރަށް މުހިންމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު