ޓެކްސީތަކުގައި ކެމެރާ ހަރުކުރުން ލާޒިމްކުރާ ގަވައިދަށް އަމަލުކުރަން ފަށައިފި

ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފަސިންޖަރުންތަކެއް ޓެކްސީއެއްގެ ހިދުމަތް ހޯދަނީ -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ޓެކްސީތަކުގައި ޑޭޝް ކެެމެރާ ހަރުކޮށް ޚިދުމަތް ދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭ ގޮތަށް ލާޒިމުކުރާ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރާގޮތަށް ކަނޑައަޅާ ރާއްޖޭގައި ޓެކްސީ ކުރުމުގެ ގަވާއިދު އާއްމުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. އެ ގަވާއިދުގައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެ ގަވާއިދު އިސްލާހުކޮށް، ގަވާއިދަށް އަމަލު ކުރުން ވަނީ މި މަހަށް ފަސްކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި ޑްރައިވަރާއި ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް ޚިދުމަތް ދޭ ހުރިހާ ވަގުތުތަކެއްގައި ކެމެރާއިން މަންޒަރުތައް ރެކޯޑުކުރަން ޖެހެއެވެ. އަދި ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި ވަކި މިންގަނޑުތަކެއް ހުންނަންޖެހެއެވެ.

މީގެ އިތުރުން ޓެކްސީގެ ޚިދުމަތްދޭ ކޮންމެ ވަގުތެއްގައި ވެސް އެ ކެމެރާތަކުން ރެކޯޑްކޮށް ރެކޯޑް ކުރާ މަންޒަރުތައް މަދުވެގެން ހަފުތާއެއް ވަންދެން ރައްކާކޮށްފައި ހުންނަން ޖެހޭނެއެވެ.

އެ ޑާޓާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އެ ޓެކްސީއެއް ރަޖިސްޓްރީކޮށްފައިވާ ޓެކްސީ ސެންޓަރަކުންނެވެ.

ގަވާއިދުގައި ބުނާގޮތުން ޓެކްސީގައި ދަތުރު ކުރާ ފަރާތްތަކަށް މަންޒަރުތައް ރެކޯޑް ކުރަމުންދާކަން ޓެކްސީ ޑްރައިވަރު އަންގަން ޖެހެއެވެ. އަދި ޓެކްސީގެ ބިއްލޫރިތައް ކަޅުކުރެވޭނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަށް ބަލާއިރު އެތެރޭގައި ތިބޭ ފަސިންޖަރުން ފެންނަން ހުންނަ ވަރަށް ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އަމަލުކުރަން ފެށި ޓެކްސީ ގަވާއިދުގައިވާ ގޮތުން ޓެކްސީ ޚިދުމަތް ދިނުމުގެ މިންގަނޑާއި އުސޫލުތަކުގެ ތެރޭގައި ޓެކްސީ ކުރާ ކޮންމެ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓާއި ޓެކްސީ ޑްރައިވަރުގެ ލައިސަންސް، ފަސިންޖަރަށް ފެންނަ ގޮތަށް ބަހައްޓަން ޖެހެއެވެ. އަދި އެކަށީގެންވާ މިންގަނޑަކަށް އުޅަނދު ސާފުތާހިރުކޮށް ބެހެއްޓުމާއި ޓެކްސީ ކާރުތައް އެއާކޮންޑިޝަން ކުރަންޖެހޭ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިގަވާއިދުގައިވާ ގޮތުން ޓެކްސީތަކަށް އަރުވާ ފޮރޮޅުލީ ގޮނޑިފަދަ ތަކެޓި ޑިކީއަށް ލީކަމުގައި ވިޔަސް އިތުރަށް އަގު ނެގުމަކީ މަނާކަމެކެވެ. އޭގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެހެނިހެން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ޓެކްސީއަށް އަރާ ފޭބުމުގައްޔާއި ލަގެޖް ފަދަ ތަކެތި ޑިކީއަށް ލުމަށް ޓެކްސީ ޑްރައިވަރު އެހީތެރެވޭން ޖެހެއެވެ.

މިގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ އިރު އެފަދަ ކުށެއް ކޮށްފި ނަމަ، ޖޫރިމަނާކޮށް އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް