އެމެރިކާގައި އުފައްދާ ޗިޕްގަތުމަށް އެޕަލްއިން އެތައް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް

އެޕަލްއިން ވަނީ

އެމެރިކާގައި އުފައްދާ ޗިޕްތައް ހޯދުމަށް އެޕަލްއިން އެގައުމުގެ ބްރޯޑްކޮމް ކުންފުންޏާއެކު އެތައް ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޕަލްއިން ބުނީ ޗިޕް އުފައްދާ އެމެރިކާގެ ބްރޯޑްކޮމް އިންކް (އޭވީޖީއޯ)އާ އެކު ހަދާފައިވާ މިއެއްބަސްވުމުގެ ދަށުން ބްރޯޑްކޮމްއިން އެޕަލްއާއެކު 5ޖީ ރޭޑިއޯ ފްރިކުއެންސީ ކޮމްޕޯނެންޓްތައް އުފައްދައި، އެޕަލްއަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެއާއެކު ބްރޯޑްކޮމްއިން އެ ކުންފުނީގެ ބޮޑު ފެކްޓްރީއެއް ހިންގާ ކޮލޮރާޑޯގެ ފޯޓް ކޮލިންސް ފަދަ އެމެރިކާގެ ގިނަ ފެސިލިޓީތަކެއްގައި އެ ކުންފުނީގެ އެފަދަ އުފެއްދުންތައް އިތުރު ކުރަން ނިންމާފައެވެ.

މި އެއްބަސްވުމުގެ ޚަބަރާއެކު ބްރޯޑްކޮމްގެ ހިއްސާވަނީ 2.2 ޕަސެންޓް މައްޗަށް ގޮސް ރެކޯޑް މިންވަރަކަށް އަރައިފައެވެ. ނަމަވެސް އެ އެއްބަސްވުމުގެ ސީދާ އަގެއް ދެ ކުންފުނިން ވެސް ހާމަކޮށްފައެއްނުވެެއެވެ.

ޗިޕް އުފައްދާ އެމެރިކާގެ މިކުންފުންޏަކީ މިހާރުވެސް އެޕަލްއަށް ވަޔަލެސް ކޮމްޕޯނެންޓްސް ސަޕްލައިކުރާ ބޮޑު ކުންފުންޏަކަށް ވާއިރު، އެންމެ ފަހުގެ ދެ މާލީ އަހަރު އެކުންފުންޏަށް ލިބުނު ސާފުފައިދާ، އެޕަލްގެ މާލީ އަހަރެއްގެ މުޅި ޖުމުލަ އާމްދަނީގެ ފަސްބައިކުޅަ އެއްބަޔާ އެއްވަރު ކަމަށް އެ ކުންފުނީގެ އެންމެފަހުގެ މާލީ ބަޔާނުން ދައްކައެވެ.

އެޕަލްއާއި ބްރޯޑްކޮމްގެ މި ބިޔަ އެއްބަސްވުމާއެކުވެސް، އެޕަލްއިން އަންނަނީ ސަޕްލައި ޗެއިންތައް ތަފާތުކޮށް، އިންޑިއާ އާއި ވިއެޓްނާމްގައި އިތުރު އުފެއްދުންތައް ބިނާކޮށް، އެމެރިކާގެ އެރިޒޯނާގައި ހަދަމުންދާ އާ ކާރުހާނާއަކުން ޗިޕްސް ހޯދާނެ ކަމަށް ބުނަމުންނެވެ.

ބްރޯޑްކޮމް އާއި އެޕަލް އާ ދެމެދު މީގެ ކުރިންވެސް ތިން އަހަރު ދުވަހުގެ، 15 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގެ މުއްދަތު ޖޫން މަހު ހަމަވާނެ ކަމަށް އެމެރިކާގެ މަޝްހޫރު އެނަލިސްޓް ސްޓޭސީ ރަސްގޮން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަން ދެ ކުންފުނިން ހާމަކޮށްފައި ނުވި ނަމަވެސް ފަހުން ހެދި އެއްބަސްވުމަކީ ބްރޯޑްކޮމްއަށް ފައިދާބޮޑުވާނެ ރަނގަޅު އެއްބަސްވުމަކަށް ވާނެކަމަށް ގިނަބަޔަކު ދެކެއެވެ.

އެޕަލްއިން ބުނީ ފިލްމް ބަލްކް އެކޯސްޓިކް ރެޒޮނޭޓާ (އެފްބީއޭއާރް) ޗިޕްސްގެ ނަމުން ނަން ދީފައިވާ ޗިޕްތަކަށް ބްރޯޑްކޮމްއިން އިސްކަންދޭނެ ކަމަށެވެ. އެފްބީއޭއާރު ޗިޕްތަކަކީ އައިފޯނާއި އެޕަލްގެ އެހެނިހެން ޑިވައިސްތައް, މޮބައިލް ޑޭޓާ ނެޓްވޯކްތަކާ ގުޅާލުމަށް އެހީތެރިވެދޭ ރޭޑިއޯ ފްރިކުއެންސީ ސިސްޓަމެއްގެ ބައެކެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެޕަލްގެ ހުރިހާ އުފެއްދުންތަކެއް ވެސް ބަރޯސާވަނީ އެމެރިކާގައި ބިނާކޮށްފައިވާ ޓެކްނޮލޮޖީގެ މައްޗަށް ކަމަށާއި އެމެރިކާގެ މުސްތަގުބަލަށް އިތުބާރު ކުރާތީ އެގައުމުގެ އިގްތިސާދަށް ކުރާ އިންވެސްޓްމަންޓްތައް އިތުރަށް ހަރުދަނާ ކުރަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް