ފެން ހިންދާ ނިޒާމެއް ނެތުމުން ބޯކޮށް ވާރޭ ވެހޭ އިރަށް ފެންބޮޑުވޭ: ނައިފަރު ކައުންސިލް

ހޯމަ ދުވަހު ނައިފަރަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެން ބޮޑުވެފައި--- ފޮޓޯ/ ކައުންސިލް

ޅ. ނައިފަރަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހިއްޖެނަމަ މަގުތަކުގައި އަބަދުވެސް ފެން ބޮޑުވާ ކަމަށާ، އެއީ އެ ރަށުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރެވިފައި ނުވާތީ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މި ހަފުތާގެ ކުރީކޮޅު އެ ރަށަށް ކުރި ވިއްސާރައިގެ އެ ރަށުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. އަދި އެއް ގެއަށް ވަރަށް ބޮޑަށް ފެން ވަދެ، ތަކެއްޗަށް ވެސް ގެއްލުން ލިބިފައިވެއެވެ. ރަށުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އެ ރަށު ކައުންސިލް މުވައްޒަފުންނާއި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވިއަން އާއި ފެނަކައިން ވަނީ މަސައްކަތް ކޮށްފައެވެ.

އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް، މުޙައްމަދު ރަޝީދު ވިދާޅުވީ ވާރޭ ވެހިއްޖެ ނަމަ އަބަދުވެސް މަގުތަކުގައި ފެންބޮޑުވެ، ކޮންމެ ފަހަރަކު ވެސް ފެން ހިންދަން ޖެހެނީ ޕަމްޕު ޖަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނައިފަރުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ/ ކައުންސިލް

މުޙައްމަދު ރަޝީދު ވިދާޅުވީ ފެން ހިންދާ ނިޒާމު ގާއިމުވާނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތުގެ މަޝްވަރާ ކުރާތާ ތިން އަހަރު ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ނުނިމުން ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ނިމުން ނަމަވެސް ބައެއް ގޭގެއަށް އެ ޚިދުމަތް އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ. އެހެން ކަމުން ދޭތެރެއަކުން މަގު ކޮންނަން ޖެހޭ ކަމަށެވެ.

ކައުންސިލުން ބުނީ އެ މައްސަލަ ހައްލު ކުރުމަށްޓަކައި ކައުންސިލުން ވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަޅުބުރި ފައްތައިގެން ފެން ހިންދުމުގެ މަސައްކަތް ކުރެވޭތޯ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް