އިހުތިރާމެއް ނުކުރޭ: ދަރިންގެ ކިބައިން ވެސް މައިންބަފައިންނަށް އިހާނެތި އަނިޔާ!

އުމުރުން ދުވަސްވީ އަންހެނަކު ތަނެއްގައި މަޑުކޮށްލައިގެން: އުމުރުން ދުވަސްވީ މައިންބަފައިންނަށް އިހާނެތިކޮށްހިތާ މިންވަރު ވަނީ އިތުރުވެފައި --- ސަން ފައިލް ފޮޓޯ

އިންޓަވިއު ފެށުމުގެ ކުރިން މައިންބަފައިންނަށް ދަރިންގެ ކިބައިން ލިބޭ އަނިޔާތަކުގެ ވާހަކަ ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހްމަދު މައުސޫމް ގާތުގައި އަހައިލީމެވެ. އޭނާ ކިޔައިދެއްވިއެވެ.

އެންމެ ނުރައްކާތެރި މައްސަލައަކަށް މިހާތަނަށް ކުރިމަތިވި މައްސަލައެވެ.

ރުޅި އައިސްގެން ދަރިއަކު ގޮސް އޭނާގެ ބައްޕަގެ ބޮލުގައި މަރުތޭލަކުން ޖަހައި ފަަޅައިލީއެވެ. އޭނާގެ ދަރިފުޅުގެ ކިބައިން ރައްކާތެރިކުރުމުގެ އަމުރަކަށް އެދި މައްސަލަ ހުށަހަޅަން އޭނާ ފެމެލީ ކޯޓަށް ދިޔައީ ވެސް ބޮލުގައި ބެންޑޭޖް އަޅައިގެންނެވެ.

އެހެން މައްސަލައެއް ވެސް އޭނާ ކިޔައިދެއްވިއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކު ކޮންމެ ދުވަހަކު އޭނާގެ މަންމަ އުޅޭ ގޭ ދޮރުމައްޗަށް ދެއެވެ. ފުރަތަމަ ބުރީގައި އުޅޭ މަންމައާ ދިމާލަށް ތިރީގައި ހުރެ ހުތުރު އެއްޗެހި ގޮވާ ހަދައެވެ. މަންމަ ލަދުގަންނަފަދަ ވާހަކަތައް ގޮވައެވެ. ކެތްނުވެގެން މަންމަ ތިރިއަށް ފޭބި ވަގުތު މަންމަގެ ފައިގައި ލަކުޑިބުރިއަކުން ޖެހީއެވެ.

އަދިވެސް އިތުރު ވާހަކައެކެވެ. އުމުރުން 70ގެ އަހަރުތައް ގުނަމުންދިޔަ މީހެއްގެ ކުރިމަތީގައި އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އައިސް ޓީވީ ތަޅައިލީއެވެ. ގޭގެ ދޮރު ހަލާކުކޮށްލީއެވެ. އެ ވަރުން ނުވެގެން އޭނާއަށް މަރުގެ އިންޒާރު ވެސް ދިނީއެވެެ.

މިއީ ދެތިން މައްސަލައެއްގެ ވާހަކައެވެ. މި މުޖުތަމައުގައި ދަރިންގެ ކިބައިން އަނިޔާ ލިބޭ އެތައް މައިންނަކާއި ބަފައިންނެއް އެބައުޅެއެވެ. އެކި ގޮތްގޮތުންނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ.

ފެމެލީ ކޯޓުން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 2022ވަނަ އަހަރު މައިންބަފައިންނަށް ދަރިންގެ ފަރާތުން އަނިޔާ ލިބިގެން 11 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް އޭގެ ފަސް މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ އިސްލާމީ މުޖުތަމައެއްގައި މިއީ ނިސްބަތުން ގިނަ އަދަދެކެވެ. ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

މިފަދަ މައްސަލަތައް ފެމެލީ ކޯޓަށް ހުށަހެޅުމުން ގެވެށި އަނިޔާއިން ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައްކާތެރިިކަމުގެ އަމުރާއި ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެދެއެވެ.

އެއީ އަނިޔާކުރާ މީހާގެ މައްޗަށް ނެރޭ އަމުރެކެވެ. އެ އަމުރާ ޚިލާފުވެއްޖެނަމަ އެއީ ޖިނާއީ ކުށެކެވެ. އެ ހިސާބުން ފުލުހުން އެ މައްސަލަ ތަހުގީގުކުރާނެއެވެ.

ރައްކާތެރިކުރުމުގެ އަމުރު ދެމި އޮންނާނީ އެއް އަހަރަށެވެ. ރައްކާތެރިކުުރުމުގެ އަވަސް އަމުރު ދެމި އޮންނާނީ ތިން މަހަށެވެ. އެހެން ނަމަވެސް، އެ އަމުރު ރައްދުވާ ފަރާތުން ދިފާއުވާން ނައިސްފިނަމަ އެ އަމުރު ވެސް ރައްކާތެެރިކުރުމުގެ އަމުރަކަށް ބަދަލުވެއެވެ.

ރައްކާތެރިކުރުމުގެ އަމުރަށް އެދުނު މީހާއަށް އެއް އަހަރާ ގާތްވާއިރު ވެސް އަނިޔާލިބޭނެކަމުގެ ބިރުވެރިކަން އޮވެއްޖެނަމަ އެއް އަހަރު ފުރުމުގެ ހަތް ދުވަސް ކުރިން އެ އަމުރު އިތުރުކޮށްދިނުމަށް އެދެވޭނެއެވެ.

ގިނަ މައްސަލަތައް މަސްތުވާތަކެއްޗާ ގުޅިފައި!

މައުސޫމް ވިދާޅުވީ ފާއިތުވެދިޔަ އަހަރު ފެމެލީ ކޯޓަށް ހުށަހެޅުނު މިފަދަ 11 މައްސަލައިގެ ތެރެއިން ނުވަ މައްސަލައަކީ މަސްތުވާތަކެތީގެ ވަބާގައި އުޅޭ މީހުންގެ މައްސަލަ ކަމަށެވެ. އަނެއް ދެ މައްސަލައަކީ އާއިލީ މައްސަލައެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެންމެ އާއްމުކޮށް މައިންބަފައިންނަށް އަނިޔާކުރަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. އެ މީހުން އެފަދަ ކަންކަން ކުރަނީ ވެސް މަސްތުގެ ހާލަތުގައި ތިބެގެންނެވެ.

މަސްތުވާތަކެތި ގަންނަން ފައިސާ ނުދިނުމުންނާއި މަސްތުގެ ހާލަތުގައި ތިބެގެން ވެސް، މައިންބަފައިންނަށް އަނިޔާކުރުމާއި ބިރު ދެއްކުމުގެ ބޮޑެތި މައްސަލަތަކެއް މާޒީގައި ހިނގައިފައި އެބަހުއްޓެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޖުތަމައު ތެރޭގައި ހުރި ހުރިހާ މައްސަލައެއް ގުޅިފައިވަނީ މަސްތުވާތަކެއްޗާއެވެ.

ރާއްޖޭގައި މި ފަދަ ކުށްތަކަށް ބިރެއް ނެތި މީހުން އަރައިގަންނަ ސަބަބަކީ ވެސް މިހާ ފުޅާކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްތުވާތަކެތި ފެތުރިފައި އޮތުމެވެ.

"ތިއީ ވެސް [ދަރިންގެ ކިބައިން މައިންބަފައިންނަށް ލިބޭ އަނިޔާއަކީ ވެސް] މިއަށް އިތުރުވާ ބޮޅެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހަކު އެ ގެއެއްގައި ހުރުމަކީ މައިންބަފައިންނަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް ކަމަށެވެ.

"މައިންބަފައިން އުޅޭނެ އެ މީހުން ރަނގަޅު ކުރެވޭތޯ. އެހެންވީމަ އެންމެ ބޮޑު ޕްރެޝާ އަންނާނެ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކަން ހައްލުކުރަން ފުރަތަމަ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކުރަން ޖެހެއެވެ. އަދި އިސްލާމް ދީން ގޮވާލާ ކަންކަން ކުދިންނަށް އުނގަންނައިދޭން ޖެހެއެެވެ. މައިންބަފައިންނަަށް ހެޔޮކޮށް ހިތުމާއި އެފަދަ ކަންކަމަށް ބާރު އަޅައި ކުދިންގެ އަޚްލާގު ރަނގަޅުކުރަން ޖެހެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ މައިންބަފައިންނަށް ކުރާ އަނިޔާގައި އެންމެ ބޮޑު ޓްރެންޑަކަށް އައިސްފައި ހުރީ ނަފްސާނީ މައްސަލަ ހުންނަ ކުދިންނާއި ޑްރަގްގެ ވަބާގައި ޖެހިފައި ތިބޭ ކުދިން ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ކުދިން މައިންބަފައިންގެ އަތުން ފައިސާ ހޯދުމަށް ބިރުދައްކައި އަނިޔާކުރާ ކަމަށް ވިދާޅުވިއެވެ. އެ ކަންކަން ވެސް ގުޅިފައި އޮތީ ދިރިއުޅުމުގެ ހާލަތާއި އިޖުތިމާއީ ފޭރާމާކަމަށް ވިދާޅުވިއެވެ.

އުޅެން ޖެހެނީ ދަތި ހާލުގައި!

ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ ވީދި ހަލާކުވެފައެވެ. އެ ކަން އެންމެންނަށް ވެސް އެނގެއެވެ. ކައިވެންޏެއް ކޮށްގެން ވެސް އުޅެން ޖެހެނީ އާއިލާއާއެކުގައެވެ. ބޯހިޔާވަހިކަން ނެތީއެވެ. މާލީ ހާލަތު ތަން ނުދެނީއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މި ކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކައިވެންޏަށްފަހު ދަރިން ލިބުމުން ވެސް އާއިލާތައް އެކުގައި އުޅެން ޖެހުމެވެ.

"ބައްޕަ އާއި މަންމައާ ވެސް މުނިކާފަ މުނިމާމަ ވާ އިރު ވެސް އެއް ގެއެއްގެ ތެރޭގައި މި އުޅެން ޖެހެނީ،" މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެއިން ބޭރުން އަންނަ، ދަނބިދަރިންނާއި ޅީ ދަރިންނަކީ އެއް ޚިޔާލެއްގެ ބަޔަކަށް ނުވާނެ ކަމަށެވެ. އެއީ މައްސަލަ ޖެހެން ދިމާވާ ހިސާބެކެވެ.

"އެއް ތަނެއްގެ ތެރޭގައި އެ ހުރިހާ ޚިޔާލުތަކެއްގެ މީހުން އުޅެން ޖެހުން ބޮޑަށް ފާހަގަ ކުރެވެނީ އާއިލީ މައްސަލަތަކުގެ ސަބަބުތަކަށް،" މައުސޫމް ވިދާޅުވިއެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި ގޮތުގައި ދިރިއުޅެން ޖެހޭ ހާލަތާއި މާލީ ހާލަތަށް ބަލާއިރު ހާލުގައި އުޅެން ޖެހުމަކީ ކޮންމެ މުޖުތަމައެއްގައި ވެސް ކުށްކުރާ މިންވަރު އިތުރުވާ ކަމެކެވެ. ޚާއްސަކޮށް ރާއްޖެފަދަ ތޮއްޖެހިފައިވާ ތަނެއްގައި އެ ކަން ފާހަގަވާ މިންވަރު އިތުރެވެ.

މުނާ ވިދާޅުވީ ދަތި ހާލުގައި އުޅެން ޖެހުމުން ނަފްސާނީ ގޮތުން ވެސް މީހުންނަށް މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެ ކަމުގެ ސަަބަބުން ވެސް މި ފަދަ ކަންކަމަށް މަގުފަހިވާކަމަށް ވިދާޅުވިއެވެ.

"ދިިރިއުޅުމުގެ ހާލަތުގެ ސަބަބުން ކުދިން ގެއިން ނުކުމެގެން ގޮސް ގޭންގުތަކާ ގުޅި، މަސްތުވާތަކެއްޗަށް އެކްސްޕޯސްވެ. ވައިލޭންސަށް ދާން މަގުފަހިވޭ،" މުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުތަކުން މަސައްކަތްކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ބޯހިޔާވަހިކަން ހެޔޮއަގުގައި ފޯރުކޮށްދިނުމަށާއި މަސައްކަތްކުރެވޭނެ ލޯނުތައް ހަމަޖައްސައިދިނުމަށް މަސައްކަތްކުރާ ކަމަށް މުނާ ވިދާޅުވިއެވެ. އަދި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކައުންސެލިން ދޭ ކަމަށާއި މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެންޑީއޭއިން ފަރުވާ ފޯރުކޮށްދޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން އެންމެ ފުރިހަމައަށް އެވެއިލެބަލްއޭ. އެއީ ވެސް މިފަދަ ކަންކަން ދިމާވާ އެއް ސަބަބު،" މުނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރަން މަސައްކަތްތަކެއް ކުރިޔަސް އެއީ އަދިވެސް ހައްލުނުވާ މައްސަލައެކެވެ. ތޮއްޖެހިގެން އެތައް އާއިލާތަކެއް އެބައުޅެއެވެ. އެކަމުގެ ސަބަބުން ގެވެށި އަނިޔާގެ މައްސަލަތައް ގިނަވުމަކީ އެންމެން ވެސް ދަންނަ ހަގީގަތެވެ.

ތަންމަތިވުމުން އިހާނެތިކޮށް ހަދާ!

މައިންބަފައިން އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން އެ މީހުން ބެލުމުގެ ޒިންމާއަކީ ދަރިންގެ ބޮލުގައި އެޅޭ ޒިންމާއެކެވެ. އެއީ އިސްލާމްދީން އެންމެ ބާރުއަޅާ އެއް ކަންތައް ވެސް މެއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ދީނުގައި އެތައް ގޮތަކަށް ވަނީ ބާރު އަޅުއްވައިފައެވެ.

އެހެެން ނަމަވެސް، މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. މައިންބަފައިން މުސްކުޅިވެ ތަންމަތިވުމުން ދަރިންނަށް އެ މީހުންނަކީ ބުރައަކަށް ވާ މަންޒަރެވެ. ދަރިންގެ ކުރިމަތީގައި މައިންބަފައިންނަކީ އެއްްވެސް އަގެއް ނެތް ބަޔަކަށް ވާ މަންޒަރެވެ.

އާޚިރުގައި މައިންބަފައިންނަށް އަޅާލަން ގެންނަނީ ބޭރުގެ ކޮންމެވެސް މަސައްކަތްތެރިއެކެވެ. އެ ކަން އެވަރުން ނުވުމުން، ދެން ދޫކޮށްލަނީ ދައުލަތުގެ ބެލުމުގެ ދަށަށެވެ. މައިންބަފައިން ދަރިންގެ އެހީތެރިކަމަށް އެންމެ ބޭނުންވާ ދުވަހު އެކަނިވާން ދޫކޮށްލަނީއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ވެސް މި ކަމަށް ހެކި ދެއެވެ. މި އަހަރުގެ މިދިޔަ ތިން މަހުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައެއް ވަނީ ހުށަހަޅައިފައެެވެ.

އޭގެ ތެރެއިން ހަތް މައްސަލައެއް ޖަނަވަރީ މަހު ހުށަހެޅިއެވެ. ފެބްރުވަރީ މަހު ހަތަރު މައްސަލަ ހުށަހެޅި އިރު މާޗު މަހު ހަތް މައްސަލަ ހުށަހެޅިއެވެ.

ޝިދާތާ ވިދާޅުވިގޮތުގައި ގުރައިދޫ މަރުކަޒުގެ ތަފާސްހިސާބުތަކަށް ބަލާއިރު ގިނަވާނީ އާއިލާއިން އަޅައިނުލައިގެން ގެންގޮސްފައި ތިބި މީހުން ކަމަށެވެ. އަދި ޖުމުލަ ގޮތެއްގައި މުޖުތަމައުގެ ހާލަތަށް ބަލާއިރު ދަރިންނަށް ވެސް މައިންބަފައިންގެ ޒިންމާ ނުނެގި ދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ހާލަތްތަކުގައި އިހުމާލުވެ އަނިޔާ ވެސް މައިންބަފައިންނަށް ލިބޭކަމަށް ވިދާޅުވިއެވެ.

"މިހެން މި ކަން ދިމާވަނީ ތަރުބިއްޔަތުގެ ތެރޭގައި ވެސް އެކަހަލަ ވެލިއުސްތައް ނުހުންނާތީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ތައުލީމީ ނިޒާމުގެ ތެރެއިން އެ ކަންކަން ބިލްޑް ކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ.

މި ކަން ހައްލުކުރުމަށް ގާނޫނުތައް ހަރުކަށި ކުރަން ޖެހޭތޯ ސުވާލުކުރުމުން ޝިދާތާ ވިދާޅުވީ މައިންބަފައިންނަށް އަޅައިލުމަކީ ގާނޫނަކުން މަޖުބޫރުކޮށްގެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެއީ ގާނޫނަކުން މަޖުބޫރުކޮށްގެން ކުރަންވީ ކަމަކަށްވިއްޔާ މުޖުތަމައު މިދާ މިސްރާބާ ދޭތެރޭ ވިސްނާލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު ދޫކޮށްލުމަކީ އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ ކަމެކެވެ.

އެއްދުވަހަކު މީހަކު އައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ދެންނެވިއެވެ.

މީސްތަކުންގެ ތެރެއިން އެންމެ ހެޔޮކޮށް ހިތުން ބޮޑީ ކާކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ. “ކަލޭގެ މަންމައެވެ.” ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “ކަލޭގެ މަންމައެވެ.” ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “ކަލޭގެ މަންމައެވެ.” ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “ކަލޭގެ ބައްޕައެވެ.” އަދިވެސް ޙަދީޘްކުރެއްވިއެވެ. “އެމީހެއްގެ މައިންބަފައިން ނުވަތަ އޭގެތެރެއިން އެކަކު މުސްކުޅިވެފައި ހުއްޓާ ބައްދަލުވެ، އެމީހުންނާމެދު ހެޔޮކޮށް ނުހިތުމުގެ ސަބަބުން ސުވަރުގެ ނުވަދެވުނު މީހާއަށް ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ.” މިފަދައިން ތިން ފަހަރު ޙަދީޘްކުރެއްވިއެވެ.

ހައްލަކީ ކޮބާ؟

މައުސޫމް ވިދާޅުވި ގޮތުގައި މި ކަން ހައްލުކުރެވޭނީ މައިންބައިންގެ ދައުރަކީ ކޮބާކަމާއި މައިންބަފައިންނަށް ކުރަން ޖެހޭ އިހުތިރާމް ކުޑައިރުއްސުރެ ކުދިންގެ ހިތްތަކުގައި އަށަގަންނުވައިގެންނެވެ.

"މައިންބަފައިންގެ ކުރިމަތީގައި ހުތުރުބަހުން ވާހަކަ ދެއްކުމަކީ އާއްމުކަމެއް މިހާރު. މައިންބަފައިންނަކީ އެއްވެސް ބައެއް ނޫން. އެ ދަރަޖައިގައި މިހާރު މުޖުތަމައު މި އޮތީ،" އޭނާ ވިދާޅުވިއެވެ.

އެއީ މި ރިޕޯޓަށް ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަންކަމެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ވެސް ރިވެތި އަޚްލާގު ކިޔަވައިދޭން ޖެހެއެވެ. މައިންބަފައިންނަށް އިހުތިރާމްކުރަން ދަސްކޮށްދޭން ޖެހެއެވެ. އެ ކަމުގެ މުހިންމުކަން ދަސްކޮށްދޭން ޖެހެއެވެ.

ޝިދާތާ ވިދާޅުވީ ސަރުކާރުތަކުން ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް ވިސްނަން ޖެހޭ ކަމަށެވެ. އެ ގޮތުން ސަރުކާރަކުން ވެސް ކަނޑައަޅަން ޖެހޭނީ ވަކިވަކި ފަރުދުންނާ ހަމައަށް ފުރޭނޭ ވަރުގެ ސިޔާސަތުތައް ކަމަަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ޕޮލިސީ މޭކިން ފުރޭނިގެން ނާދޭ. ހާއްސަކޮށް އިޖުތިމާއީ މައްސަތަކުގައި،" އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ވަރަށް ސެންސިޓިވް އިޖުތިމާއީ ގާނޫނުތައް އެހުރީ ހެދިފައި. ޖިންސީ ފުރައްސާރަ ވިޔަސް ކުޑަކުދިންނަށް އަނިޔާކުރުން ވިޔަސް ވަރަށް ސްޓްރިކްޓް. އެކަމަކު މައްސަލަތަކަށް ބަލާއިރު ހައްލުވަނީ ކިހާވަރެއްތޯ ސުވާލު އުފައްދަން ޖެހޭ،"

ޝިދާތާ ވިދާޅުވީ އެފަދަ ކަންކަން ހައްލުވާނެ ގޮތަކަށް ގާނޫނު ހަދަން ޖެހޭ ކަމަަށެވެ. އެހެން ނަމަވެސް ކޮންމެ ސަރުކާރެއްގައި ވެސް ދިމާވަނީ އެއް މައްސަލަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަބަދުވެސް މި އަންނަނީ ބަޖެޓިން އިޝޫސް. ރިސޯސް ނެތުން. މީހުން ނެތުންފަދަ މައްސަލަތައް. އަޅުގަނޑުމެން ކެރިއާގެ 25 އަހަރު ތެރޭގައި ވެސް މި ވާހަކަ ދެއްކީ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެފަދަ އިސްލާމީ މުޖުތަމައެއްގައި ނިސްބަތުން މައިންބަފައިންނަށް ދަރިންގެ ކިބައިން ލިބޭ އަނިޔާ ގިނައެވެ. މަހެއްގެ މައްޗަށް އެއް މައްސަލަ ފެމެލީ ކޯޓަށް ހުށަހެޅޭއިރު، އެއީ ހަމައެކަނި މާލެ ސަރަހައްދެވެ. ރަށްރަށުގައި އެފަދަ މައްސަލަތައް އޮތް އަދަދެއް ނޭނގެއެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދީނީގޮތުން ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އެކަން ނުކޮށް ދޫކޮށްލުމަކީ ނުވަތަ އެމީހުންނަށް ހެޔޮކޮށް ނުހިތުމަކީ ހަރާމްކަމެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.” (ސޫރަތުލް އިސްރާ 23)

އަދިވެސް ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރު ކުރެއްވީމެވެ.”

މި ނޫނަސް، ކީރިތި ގުރުއާނާއި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކުގައި ވެސް މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އެތައް ފަހަރަކު ބާރުއަޅުއްވައި އަންގަވައިފައިވެއެވެ.

މިފަދަ ކަންކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަކީ ކުރަން ޖެހިފައި އޮތް ކަމެކެވެ. މައިންބަފައިންނަށް އަނިޔާކުރާ މީހުންނަށް އޭގެ ހައްގު އަަދަބު ވެސް ދޭން ޖެހެއެވެ.

މައިންބަފައިންނަށް ދަރިންގެ ކިބައިން ލިބޭ އަނިޔާތައް ގިނަވާނަމަ، މުޖުތަމައު މި ދަނީ ނުބައި މިސްރާބަކުންނެވެ. އެފަދަ ގިނަ ވާހަކަތަކަކީ ހިތްފަޅައިގެންދާވަރުގެ ހިތްދަތި ވާހަކަތަކެކެވެ.

comment ކޮމެންޓް