ޑްރަގާއެކު ހައްޔަރުކުރި ނޮޅިވަރަމް ޓީޗަރު ވަޒީފާއަށް ނުކުތުމުން އަލުން ސަސްޕެންޑްކޮށްފި

ހދ. ނޮޅިވަރަމް -- ފޮޓޯ/ ޓްރިޕް އެޑްވައިޒާ

ހދ. ނޮޅިވަރަމްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ރަށު އިސްލާމް ޓީޗަރު އިއްޔެ ވަޒީފާއަށް ނުކުތުމުން އެ ރަށުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އޭނާ އަލުން ސަސްޕެންޑްކޮށްފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެ އޭނާ ވަޒީފާއަށް ނުކުތުމުން އެ ރަށުގެ ބެލެނިވެރިން ނުކުމެ އިހުތިޖާޖު ކުރި ކަމަށެވެ.

އެކަމުގެ ކަންބޮޑުވުން ކައުންސިލުން ސްކޫލްގެ މެނޭޖްމަންޓާ ހިއްސާކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސްކޫލްގެ ޕްރިންސިޕަލާ ހަވާލާދީ ޔޫސުފް ވިދާޅުވީ އޭނާ ގޭގައި މަޑުކޮށްލުމަށް މިހާރު އެޑިއުކޭޝަން މިނިސްޓްރީން އަންގައިފައިވާ ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހު އެ ޓީޗަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

އިސްލާމް ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް