ތައުލީމީ ގޮތުން މޮޅު ނަތީޖާއެއް ނެތި ކުރިއަށް ދެވޭނެތަ؟

ކުއްޖަކު ރިޕޯޓް ފޯމް ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާއިލާގައި ފަސް ބެއިން ތިބޭއިރު، އޭނާއަކީ ދޮއްޓަށް ދެވަނަ ކުއްޖާއެވެ. ފެށުނީއްސުރެ ވެސް އޭނާ ފިޔަވައި، އެންމެންނަކީ ވެސް ކިޔެވުމަށް މޮޅު އަދި އެހާމެ ރަނގަޅު ނަތީޖާ ކޮންމެ އަހަރަކު ވެސް ގެންނަ ބަައެކެވެ. ނަމަވެސް އޭނާ، އެކި ގްރޭޑުތަކުގައި ރިޕީޓުވެގެން އޯލެވެލް ހަދައި ނިންމާލިއެވެ.

އެކި ގްރޭޑުތަކުގައި ރިޕީޓް ވާން ޖެހޭ ޖެހުން ވެސް ހާމަކޮށްދެނީ، ކިޔެވުމަށް އޭނާގެ ކުޑަކޮށް ވެސް ޝައުގުވެރިކަމެއް ނުހުންނަ މިންވަރެވެ. ރާއްޖެއަކީ އަބަދުވެސް އެ އަހަރަކު ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ކުދިންގެ މިސާލު ދައްކައިގެން މޮޅެތި އަދި ކާމިޔާބު މީހުން ސިފަކޮށްދޭ ތަނަކަށްވާއިރު، އޭނާގެ ނަތީޖާއަކީ އޭރު މީހުން ބުނާ ގޮތުން ނަމަ، ހަޔާތުގައި ކާމިޔާބު ނުވާނެ މީހަކަށް ލިބޭނެ ނަތީޖާއެވެ.

ނަމަވެސް އެ ވިސްނުމަށް ގޮންޖަހައި، މިއަދު އޭނާ އެހުރި މަގާމުން ދައްކުވައިދެނީ މުޅިން ތަފާތު މަންޒަރެކެވެ. ރަނގަޅު ނަތީޖާއެއް ނުލިބި ކިޔެވުން ނިންމާލިއިރު، ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް މިހާރު އޭނާ އަކީ ހުނަރުވެރި، މޮޅު އަދި ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާހުރި، ކާމިޔާބު ނޫސްވެރިއެކެވެ.

ނޫސްވެރިންތަކެއް އިވެންޓެއްގައި --- ފޮޓޯ/ އެމްޖޭއޭ

މޮޅެތި ނަތީޖާތަކުން އޭނާއާ އެކު، މަދަރުސީ ތައުލީމް ނިންމި މީހުންނަށް ހަޔާތުގައި ކުރިއަށް ދާނެ ރޮނގެއް ނޭނގި، އެކި ޚިޔާލުތަކުގެ ތެރޭގައިވާއިރު، މިއަދު އޭނާ އަކީ ހުނަރުވެރި ނޫސްވެރިއެއްގެ އިތުރުން، މީހުންގެ ލޯތްބާއި ގަދަރު ލިބިފައިވާ، މޮޅު ލިޔުންތެރިއެކެވެ.

މަދަރުސީ ތައުލީމް ނިންމާ އިމްތިހާނުތަކުން ދަށް ނަތީޖާ ލިބި، ކިޔެވުމަށް ޝައުގު ނުހުންނަ ދަރިވަރުންގެ މުސްތަގުބަލު އަނދިރިވާނެ ކަމަށް މިހާރު ވެސް ގަބޫލުކުރާ މީހުންގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން ސާބިތުކޮށްދޭ ފުރިހަމަ މިސާލަކަށް މިއަދު އޭނާ ވާނެއެވެ.

އޭނާ ބުނާ ގޮތުގައި، ކިޔެވުމުގައި ނާކާމިޔާބު ވުމަކީ މުޅި ހަޔާތް ނާކާމިޔާބު ވާން ޖެހޭ ސަބަބެއް ނޫނެވެ. މިއީ މިހާރު ނޫސްވެރިކަމުގެ ދާއިރާގައި 11 އަހަރު ދުވަހުގެ ތަޖުރިބާ ހުރި 29 އަހަރުގެ ނޫސްވެރިއެއްގެ ވާހަކައެވެ.

އޭނާގެ ވާހަކަތަކާ އިތުރު ކިތަންމެ ބަޔަކަށް އިއްތިފާގު ވެވޭނެއެވެ. އެއީ، ސާނަވީ އާއި މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން ދަށް ނަތީޖާ ލިބޭ ކުދިންނަކީ، މުސްތަގުބަލު އަނދިރި ބައެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރީން ވެސް ރާއްޖޭގައި "ލޭބަލް"ވެފައިވާތީއެވެ.

ބައެއް ދަރިވަރުންނަކީ ލިބޭ މާކްސްގެ ގޮތުން، އަހަރުތަކެއް ވޭތުވެ ދާ ފަހުން ވެސް، އެކަމާ ގުޅިގެން މީހުން ކިޔާ ފާޑުކިޔުންތައް އަޑުއަހަން ޖެހޭ ދަރިވަރުންނެވެ. އެއީ ކިޔެވުމަށް މޮޅު ނޫން ކުދިންނަށް ކުރިއަށް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އެމީހުން ގަބޫލުކުރާތީއެވެ.

ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

ބޮޑެތި ވަޒީފާތަކާއި، ފަހި ފުރުސަތުތަކާއި ބޮޑެތި އާމްދަނީ ލިބޭ ހަމައެކަނި ގޮތަކީ ރަނގަޅަށް ކިޔެވުން ކަމަށް އެމީހުން ދެކޭތީއެވެ. އަދި މުޖުތަމައު ބަލައިގަންނަ ހަމައެކަނި ސިފައަކީ ރަނގަޅަށް ކިޔެވުން ކަމުގައި އެމީހުންނަށް ހީވެފައި އޮތުމެވެ.

ނަމަވެސް މި ވިސްނުމަކީ ރަނގަޅު ވިސްނުމެއްތޯ މިއަދު ސުވާލު އުފައްދަން ޖެހެއެވެ. އެއީ އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް އަބަދުވެސް ކުރާނެތީއެވެ. އަދި އެ ކުދިންނަށް ދިރިއުޅުމުގައި ކުރިއަށް ދިއުމުން ވެސް ހުރަސް އަޅާ ކަމަކަށް ވާތީއެވެ. އޭގެ ބައެއް ވާހަކަތައް މަދަރުސީ ތައުލީމް ނިންމާފައި ތިބި ބައެއް ކުދީން ހިއްސާ ކުރިއެވެ.

އެ ކުދިން ބުނާ ގޮތުގައި، ސްކޫލް ދައުރުގައި ލިބުނު ނަތީޖާގެ ވާހަކަ ކިތަންމެ އަހަރުތަކެއް ވިޔަސް ބައެއް ބެލެނިވެރިން ދައްކައެވެ. އޭގެ ސަބަބުން ކުދީންގެ ހިތްވަރު އެލި، އެ ކުދީންގެ ދިރިއުޅުމުގައި ކުރިއަށް ކުރަން ރާވާފައި ހުންނަ ކަންކަން ކުރާ ހިތްނުވާ ހާލަތްތައް ވެސް އާދެއެވެ.

"އޭރު ފާސްވީ ހަމަ އެކަނި ހަތަރު މާއްދާއިން ކަން އަދިވެސް މަންމަ ހަނދާން ކޮށްދޭ. އެއީ 2015. މިއީ މިހާރު 2023. ކިތަންމެ އަޅާނުލާން ހުއްޓަސް ދެރަވޭ. މިހާރު މި ކުރާ ކަންކަމުގެ މަތިން ވެސް ފޫހިވޭ، ހިތަށް އަރާ ބައެއް ފަހަރަކަށް އަނެއްކާ އޯލެވެލް ހަދަން ވެސް،" 2015 ވަނަ އަހަރު އޯލެވެލް ނިންމި މަރިޔަމް ތުގާ ބުންޏެވެ.

ބައެއް މީހުންގެ ވިސްނުން މިހެން ހުންނާތީ، ދަރިވަރުންގެ ހުނަރުވެރިކަން ހުންނަ، އަދި ކުރިއަށް ދާން ބޭނުންވާ ދާއިރާތަކުން ކުރިއަށް ނުދެވޭ ހާލަތްތައް މެދުވެރިވެއެވެ. އެއީ އެ ކުދިން ބައެއް ފަހަރަށް ބޭނުންވާ ދާއިރާ އަކީ އެހެން މީހުން އުއްމީދުކުރާ ވަރުގެ ދާއިރާއަކަށް ނުވާތީއެވެ. އަދި ކުރިން ހޯދި ނަތީޖާ އޮވެގެން ކުރިއަށް ނުދެވޭނެ ކަމަށް އެ މީހުންނަށް ހީވާތީއެވެ.

ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

ތައުލީމީ ދާއިރާގައި އުޅޭ މީހުން ބުނާ ގޮތުގައި، ފުރަތަމަ ކަމަކަށް ހުރިހާ ކުދިންނަކީ އެއް ފެންވަރެއްގެ ގާބިލުކަން ހުންނާނެ ކުދިންނެއް ނޫނެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖަކަށް ވާތީއެވެ. އަދި އެއް ފަހަރު އިމްތިހާނުތަކުން ދަށް ނަތީޖާ ގެނައުމަކީ ދެވަނަ ފަހަރަށް އެ ކުދިންނަށް ރަނގަޅު ނަތީޖާއެއް ނުލިބެންވި ސަބަބަކަށް ވެސް ނުވާތީއެވެ.

"އަޅުގަނޑު އެއްވެސް ވަރަކަށް ގަބޫލުކުރާ ފަލްސަފާއެއް ނޫން ތީ. އިމްތިހާނުތައް މުހިއްމު. އެހެންނަމަވެސް ދަށުން ނަތީޖާ ލިބުމަކީ އެ ކުދިންގެ ކުރިމަގު ބަނަވުމެއް ނޫން. އަދި ކުރިއަށްދާނެ އިތުރު ދާއިރާއެއް ނުލިބުމެއް ވެސް ނޫން. ކިޔަވާނީ ހަމައެކަނި ފޮތުންނެއް ނޫން. ކިޔެވުމަށް ދަށް ވިޔަސް ހުނަރުވެރި ދާއިރާތަކުން ކުރިއަށް ގޮއްސަ ތިބި ކުދިން އެބަތިބި،" އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ބައެއް ފަހަރު ކިޔެވުމަށް ނުބަހައްޓާ ފަރުވާތެރިކަން، ދަރިވަރުން ކުރަން ޝައުގެވެރިކަން ހުންނަ އެހެން ހުނަރުތަކަށް ބަހައްޓައެވެ. އަދި އޭގެން ކުރިއަށް ގޮސް، އެ ދާއިރާއިން ފާހަގަކޮށްލެވޭ މީހަކަށް ބައެއް ފަހަރު އެ މީހުން އެބަވެެއެވެ.

އޭގެން އަންގައިދެނީ ކޮންމެ ކުއްޖަކީ ވެސް ހުނަރުވެރި ކުއްޖެއް ކަމާއި، ކިޔެވުމަށް މޮޅު ނުވި ނަމަވެސް، އެ ކުއްޖަކީ އޭނާ ޝައުގުވެރިކަން ހުންނަ ދާއިރާއަކުން މޮޅު މީހަކަށް ވެވޭނެކަމެވެ.

"ތައުލީމުގެ އިތުރަށް، ތައުލީމް ހާސިލުކުރަމުންދާއިރު، ދަރިވަރުން ޝައުގެވެރިކަން ހުންނަ ހުނަރުތަކުން ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ. ކޮންމެ ކުއްޖަކަށް ވެސް އެނގޭނެ ބޭނުންވާ ދާއިރާއެއް. އެހެންވީމަ އެ ކުދިންނަށް އެންމެ ކާމިޔާބު ދުވަސްތަކެއް ލިބޭނީ، އެ ހުނަރުވެރިކަމުގެ ތެރެއިން. ކިޔެވުމަށް ވުރެ ބޮޑަށް. އެޑިއުކޭޝަން ސިސްޓަމް އެގޮތަށް ބަދަލުކުރުން މުހިއްމު،" މާލޭ ސްކޫލެއްގެ ޕްރިންސިޕަލް ބުންޏެވެ.

މިގޮތަށް ކަންތައް ކޮށްފިނަމަ، ދަރިވަރުން، މާއްދާތައް ކިޔަވަން ނަގާ މުއްދަތުގެ ތެރޭގައި ލިބޭ ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބީއެއް އެކުދިންގެ ހުނަރު ކުރިއަރުވަން ހޭދަކުރާ މުއްދަތުގެ ތެރޭގައި ލިބޭނެއެވެ.

މަތީ އަރުތަވެެރީންގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އޯލެވެލް އަދި އޭލެވެލް ނަތީޖާއަކީ ހުރިހާ އެއްޗެއް ކަމަށް މީގެ ކުރިން ގަބޫލުކުރި ބައެއް މީހުންގެ ވިސްނުން މިއަދު ތަފާތުވުމަކީ އެކަމަށް ހެކިދޭ ކަމެކެވެ.

"އަޅުގަނޑުގެ ދަރިފުޅު ނޫޅޭނެ ކުރީގަ މާ ކިޔަވާކަށް. އަދި މިހާރު ވެސް. އެކަމު އޭނަ ވަރަށް ކުރާ ހިތްވާ ކަމެއް ކުރެހުމަކީ. އޭރު ވެސް. މިހާރު އެކަމުގައި ކުރިއަރައިގެން ގޮސް، ބުރަ މަސައްކަތުން އޭނާ ކުރަހާ ކުރެހުންތައް ވިއްކަނީ ބޮޑެތި އަގުތަކުގައި. އަނެއްކާ އެ ދާއިރާއިން ވެސް ކުރިއަށްދާ އިތުރު ފުރުސަތު ލިބޭ،" އާމިނަތު ވަހީދާ ކިޔާ މަންމައަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މީގެ ކުރިން ހުރި ވިސްނުން ބަދަލުވީ، އޭނާގެ ދަރިފުޅުގެ ދިރިއުޅުމަށާއި މަސައްކަތަށް އަންނަަފެށި ހެޔޮ ބަަދަލާއި ކުރެހުމަށް އޭނާގެ ހުރި ޝައުގު ފެނި، ދަރިފުޅުގެ ހުނަރުވެރިކަން ފެނިފައެވެ.

މަދަރުސީ ތައުލީމުގެ އިމްތިހާނުތަކުގައި ލިބޭ ނަތީޖާ އަކީ ކުއްޖާގެ މުސްތަގުބަލު ކަނޑައަޅާ އެއްޗެއްގެ ގޮތުގައި ވިސްނާ ހުރިހާ ފަރާތްތަކަށް އެ ވިސްނުން ބަދަލުކުރުމުގެ މުހިއްމުކަން މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަފީފް ހުސައިން ވަނީ ހިއްސާކޮށްފައެވެ.

އޭނާ ބުނި ގޮތުގައި ދަރިންނާ މެދު "އެކްސްޕެކްޓޭޝަން"ތައް ހުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބައެއް މައިންބަފައިންނަކީ ދަރިންނަށް ކާމިޔާބު ހޯދައިދިނުމުގެ ނަމުގައި، ގިނަ ފަހަރަށް އެ ކުދިންނަށް ޕްރެޝާ ކުރާ ބައެއްގެ ގޮތުގައި ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭގެ ބަދަލުގައި އަބަދުވެސް ދަރިންނަށް ކުރިއަށް ދިއުމަށް ހިތްވަރު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ނަތީޖާއަކީ މީހެއްގެ ފޭޓް ނިންމާ އެއްޗެއް ނޫން. ކޮންމެ ހަރުފަތެއްގައި ވެސް މަސައްކަތް ކުރާ މީހުންނަށް ކާމިޔާބު ލިބޭނީ. އެކަން ހަނދާނުގައި ބަހައްޓައިގެން ކުރިއަށް ދިއުން މުހިއްމު އެ ވިސްނުމާ ދުރުވާން ބޭނުންވެއްޖެ ނަމަ،" އޭނާ ވިދާޅުވިއެވެ.

މަތީ އަރުތަވެެރީންގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ތައުލީމީ ރޮނގުން މޮޅު މީހަކަށް ނުވެ ހަޔާތުގައި ލިބޭނެ ކާމިޔާބެއް ނެތް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންވެ، ލިބޭ ނަތީޖާއަކީ ކުއްޖާގެ މުޅި މުސްތަގުބަލު ކަމުގައި ދެކެއެވެ.

ދިރިއުޅުމަކީ ކާމިޔާބާއި ނާކާމިޔާބުގެ ތަނަކަށްވާއިރު، މުސްތަގުބަލަކީ ހަމައެކަނި ތައުލީމުން އަލިކުރެވޭނެ އެއްޗެއް ވެސް ނޫނެވެ. ނާކާމިޔާބީއާ އެކު ވެސް، މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ކުރިމަގު އަލިކޮށް، މުސްތަގުބަލު އުޖާލާ ކުރެވޭނެއެވެ.

comment ކޮމެންޓް