މެޓާ 1.3 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

މެޓާ އާއި މެޓާގެ ވެރިޔާ މާކް ޒަކަބާގް --

ފޭސްބުކުގެ ބެލެނިވެރި ކުންފުނި މެޓާ، މީހުންގެ މައުލޫމާތު ރަނގަޅަށް ނުބަލަހައްޓާ ކަމަށް ބުނެ 1.3 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އަޔަލޭންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ)އިން ކުރި އެ ޖޫރިމަނާއަކީ، އީޔޫގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން ޕްރައިވެސީ ގާނޫނުގެ ދަށުން މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާއެވެ.

ޑީޕީސީއިން ނެރުނު ބަޔާނެއްގައި ބުނީ، ޔޫރަޕުން ބޭރަށް ކަސްޓަމަރުންގެ މައުލޫމާތު ޓްރާންސްފާ ކުރުމުގައި ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާ މެޓާއިން ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށާއި، މިއީ ރޭވިގެން ހިނގާ ކަމެއް ކަމަށެވެ.

ޑީޕީސީން ފޭސްބުކުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޔޫރަޕްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ޒާތީ މައުލޫމަތު އެމެރިކާއަށް ގަވާއިދާ ޚިލާފަށް ޓްރާންސްފާ ކޮށްދީފައިވާ ކަމަށެވެ. އަދި މެޓާއިން ޓްރާންސްފާ ކޮށްފައިވާ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ޔޫރަޕްގެ ޕްރައިވެސީ ގާނޫނާ އެއްގޮތަށް އަނބުރާ ގެނައުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އެގޮތުން އީޔޫގެ އެފްބީ ބޭނުންކުރާ މީހުންގެ ޑޭޓާ އެމެރިކާއަށް ޓްރާންސްފާކުރުން ހުއްޓާލައި ފަސް މަސް ދުވަސް ތެރޭގައި އެ މައުލޫމާތުތައް އަނބުރާ އީޔޫއަށް ބަދަލު ކުރުމަށް މުހުލަތު ދީފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މެޓާ އިން ބުނީ އެ ހުކުމް އިސްތިއުނާފު ކުރާނެކަމަށެވެ. އަދި އެއީ "ބޭއިންސާފު، ބޭކާރު" ހުކުމެއް ކަމަށް މެޓާއިން ވަނީ ބުނެފައެވެ.

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިމާޔަތް ކުރުމުގެ ގާނޫނެއް ޔޫރަޕިއަން ކޮމިޝަނުން އެކުލަވާލާފައިވާއިރު، ޕާސަނަލް ޑޭޓާ ހިމާޔަތް ކޮށްދިނުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނާފައިވެއެވެ. އެހެންނަމަވެސް، މި ޤާނޫނާ ފޭސްބުކުން ޚިލާފުވެ އެމެރިކާގެ އިންޓެލިޖެންސަށް ޒާތީ މައުލޫމާތުތައް ފޯރުކޮށްދީފައިވާ ކަމަށް ފޭސްބުކުގެ މައްޗަށް ތުހުމަތު ކުރެއެވެ.

މިއީ މިފަދަ މައްސަލައަކާ ހެދި ފޭސްބުކް ޖުރިމަނާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ކެމްބްރިޖް އެނަލިޓިކާގެ ޚިޔާނާތާ ގުޅިގެން އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިސީއޯ) އިން ދާދި ފަހުން އެ ކުންފުނި 648 މިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފައިވެއެވެ. އޭގެ އިތުރުން އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ)އިން 2019 ވަނަ އަހަރު ފޭސްބުކް ޕްރައިވެސީއާ ހިލާފުވެގެން ރެކޯޑް އަދަދަކަށް (ފަސް ބިލިއަން ޑޮލަރުން) ޖޫރިމަނާކޮށްފައިވާއިރު، މިއީ ޓެކް ކުންފުންޏަކަށް މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު އިޓަލީގެ ކޮމްޕެޓިޝަން އޮތޯރިޓީން ފޭސްބުކް ހަތް މިލިއަން ޔޫރޯއިން ޖޫރިމަނާކުރިއެވެ. އެއީ ފޭސްބުކް ބޭނުންކުރާ މީހުންގެ ޑޭޓާއާ ގުޅުންހުރި އޮޅުވާލުންތަކާއި، ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ނުދިނުމުންނެވެ.

ތަކުރާރުކޮށް ކޮށްފައިވާ މި ފަދަ ޖޫރިމަނާތަކުގެ ސަބަބުން ފޭސްބުކަށް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އަދި މާލީ ދަތިތަކާއި ގެއްލުންތައް ބޮޑުވެ ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ވަޒީފާތަކުން ވަކިކޮށްފައިވެއެވެ.

comment ކޮމެންޓް