ފަތުރުވެރިކަން ޕްރޮމޯޓްކުރަން 'ވިޒިޓް ފުވައްމުލައް' ވެބްސައިޓް ލޯންޗުކޮށްފި

ތައިލޭންޑުގެ ބެންކޮކުގައި ކުރިއަށްދާ ތައިލޭންޑް ޑައިވް އެކްސްޕޯގައި ވިޒިޓް ފުވައްމުލައް ވެބްސައިޓް ވަނީ ލޯންޗުކޮށްފައި --

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީ މަޝްހޫރުކުރުމަށް ޓަކައި އެ ސިޓީއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ ވިޒިޓް ފުވައްމުލައް ވެބްސައިޓް ލޯންޗުކޮށްފިއެވެ.

މި ވެބްސައިޓް ލޯންޗްކޮށްފައިވަނީ މިހާރު ތައިލޭންޑުގެ ބެންކޮކުގައި ކުރިއަށްދާ ތައިލޭންޑް ޑައިވް އެކްސްޕޯގައެވެ. މިވެބްސައިޓް ލޯންޗްކޮށް ދެއްވައިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި 25 އަހަރު މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް އެދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ފުވައްމުލަކަަށް ނިސްބަތްވާ މުރާދު ހަސަނެވެ.

އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކްރީ "ސަން"އަށް ވިދާޅުވީ އެ ވެބްސައިޓްގެ މައިގަނޑު މަގުސަދަކީ އެ ސިޓީގެ ޓުއަރިޒަމް ތަރައްގީކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.

ވެބްސައިޓްތައް ހެދުމާއި ސޯޝަލްމީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ޑެސްޓިނޭޝަން ޕްރޮމޯޓްކުރުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޒިޓް ފުވައްމުލައް މި ވެބްސައިޓުގައި ފުވައްމުލަކާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލިބެންހުރެއެވެ. އެގޮތުން ފުވައްމުލަކުގެ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ ރީތިކަމުގެ އިތުރުން ފުވައްމުލަކުގައި ހުންނަ ގެސްޓް ހައުސްތަކުގެ މައުލޫމާތު ލިބެން ހުރެއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ކާބޯތަކެތި ލިބެން ހުންނަ ތަންތަނުގެ މައުލޫމާތާއި ފަތުރުވެރިން ގަޔާވާނެފަދަ މައުލޫމާތު މި ވެބްސައިޓުން ލިބެން ހުރެއެވެ.

މިމަހުގެ 18 އިން 21 އަށް ތައިލެންޑުގެ ބެންކޮކުގައި ކުރިއަށްގެންދާ މި އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް ދަތުރުފަތުރާއި އެކު ފުވައްމުލަކުގައި ދެ މީހަކަށް ފަސް ދުވަހުގެ ހުރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ މީހަކަށް 10 ޑައިވް ކުރުމުގެ ފުރުސަތުވެސް މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނާ ގޮތުގައި ގުރުއަތުން ހޮވޭ ފަރާތެއްގެ ދަތުރުފަތުރުގެ ޓިކެޓްތައް ދިނުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގައި އެފަރާތެއްގެ ހުރުމާއި ކެއުންބުއިން ސްޕޮންސާ ކޮށްފައިވަނީ ފުވައްމުލަކުގެ ގެސްޓު ހައުސްއެއް ކަމުގައިވާ އަޓަރެކްސިސް އިންނެވެ. އަދި ޑައިވްތައް ސްޕޮންސާކޮށްފައިވަނީ ފުވައްމުލަކުގެ ޕެލާޖިކް ޑައިވާސްގެ ފަރާތުންނެވެ.

comment ކޮމެންޓް