ގައިދީއަކަށް އަނިޔާއެއް ލިބޭނެ ކަމެއް ކޮށްގެން ނުވާނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ކަރެކްޝަން

ޖަލު އޮފިސަރެއްގެ ފަރާތުން ގައިދީއަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭނެ ކަމެއް ކޮށްގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް އިން "ކަސްޓޯޑިއަލް މެނޭޖްމެންޓް އެންޑް ސެކިއުރިޓީ"ގެ ނަމުގައި ހިންގާ ސެޓްފިކެޓް ތްރީ ކޯހުގެ ނުވަ ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ޖަލަށް އަންނަ ކޮންމެ ގައިދީއަކު އެނބުރި ދާ ހިނދުގައި އޭނާ އެނބުރި އެ ދިޔައީ ޖަލަށް ވަން ހާލަތަށް ވުރެ ރަނގަޅު ހާލަތުގައި ކަން އިހްސާސް ކުރެވި އެ ގައިދީއެއްގެ އާއިލާއިން އެކަން ފާހަގަ ކުރާ ނަމަ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމެޖެހުމަކާއި އުފަލެއް ކަމަށެވެ.

ކަރެކްޝަންސްއަށް ޓަކައި ދައުލަތުން ކުރާ ހޭދައިގެ ބޭނުމަކީ އެއީކަން ފާހަގަ ކުރައްވާ އިމްރާން ވިދާޅުވީ އެ މަގުސަދު ހާސިލު ކުރެވޭ ގޮތަށް ކަންކަން ގެންދިއުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެނގޭނެ ފަދައިން ރާއްޖޭގެ ކުށުގެ ވެއްޓަށް ހުށަހެޅޭ ނިސްބަތް އަދިވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަން އެއީ އަޅުގަނޑުމެން ހިތާމައާއެކު ފާހަގަ ކުރާ ކަމެއް. މި ހާލަތުން އަރައިގަތުމަށް ޓަކައި މުހިއްމު ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ހާލަތު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށާއި އެގޮތުން މި ސަރުކާރު އައުމާއެކު ފުރަތަމަ ވެސް ޖަލުގެ އޮޑިޓެއް ހެދި ކަމަށެވެ.

އަދި އެ އޮޑިޓުގެ މައްޗަށް ބިނާކޮށް ޖަލުގެ އިންތިޒާމްތައް ރަނގަޅު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ފަށައިގަތީ ވަރަށް ބަލައިގެން ވިސްނުންތެރިކަމާއެކު ކަމަށް އިމްރާން ވިދާޅުވިއެވެ.

ޖަލުގެ އުމްރާނީ ހާލަތު ވަނީ ވަރަށް ދަށު ދަރަޖައިގައި ކަން ފާހަގަ ކުރައްވަމުން އިމްރާން ވަނީ އަދިވެސް އެކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެފައެވެ.

"ނަމަވެސް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 230 ޖާގަ އަޅުގަނޑުމެން ވާނީ ޑިވެލޮޕް ކޮށްފަ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ އަދަދަކީ އަދި އެކަށީގެންވާ އަދަދު ނޫން ކަމަށެވެ. ނަމަވެސް މިހާރު އިތުރަށް ތަރައްގީ ކުރަމުންދާ 180 ޖާގަ ކުރިއަށް މި އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިމުމުން މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުއި ކަމެއް ލިބި އޮފިސަރުންގެ މަސައްކަތަށް ވެސް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"މިކަމުގައި އެންމެ ބޮޑު މައްސަލައަކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ގާއިމު ކުރުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުން. އެކަމަށް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަމުން އެބަ ގެންދަން،" އިމްރާން ވިދާޅުވިއެވެ.

މިއަހަރު ތެރޭގައި އެކަމަށް އަލިމަގެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން އިމްރާން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް