މާލޭގައި ފަޅަށް ހުރި ގެއެއްގައި ކުނި ގިނަވެ، ތަކުލީފަކަށް

މައްޗަންގޯޅި، ނިކަގަސް މަގުގައި ގިނަދުވަސްތަކެއް ވަންދެން ފަޅަށް ހުރި ގެއެއްގައި ކުނި ގިނަވެފައި --- ފޮޓޯ/ ކިޔުންތެރިއެއް

މައްޗަންގޯޅި، ނިކަގަސް މަގުގައި ގިނަދުވަސްތަކެއް ވަންދެން ފަޅަށް ހުރި ގެއެއްގައި ކުނި ގިނަވެ، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އެކަމުން ބޮޑެތި އުނދަގޫތަކާ ކުރިމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން އާންމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ސަރަޙައްދުގައި މަދިރިއާއި މެހި ގިނަވެ އެކަމުގެ އުނދަގޫ ވަރަށް ބޮޑު ކަމަށެވެ. އަދި، މި ދުވަސްވަރަކީ މާލޭގައި ޑެންގޫގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރަކަށް ވެފައި އެކަމުގެ ކަންބޮޑުވުންތަކާ ވެސް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ކުރިމަތިލަމުން އަންނަ ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.

އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތަކުން 'ސަން'އަށް މައުލޫމާތުދެމުން ބުނީ އެ ގެއަކީ މއ. ކޮކޮނަޓް ހައުސް ނަމަކަށް ކިޔާ ގެއެއް ކަމަށެވެ. އަދި، ގޭގެ ވެރި ފަރާތާ ވާހަކަ ދައްކައިގެން ވެސް އެ ކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"އެ ގެއަކީ މިހާރު ހަދަން ފަށާފައި ހުރި ގެއެއް. ވަރަށް ދުވަސް ވެއްޖެ ބުނާތާ ވެސް ކުނިތަކާ ހެދި މަދިރި ގިނަވެ އެފަދަ އުނދަގޫތައްވާތީ ސާފުކުރަން ވެސް. އެކަމަކު އަޅައެއް ނުލާ،" އާންމުންގެ ފަރާތެއް

މަދިރީގެ އުނދަގުލާ ހެދި އެކަމަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ވެސް އެކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އަދި، މިހާތަނަށް އެދެވޭ ހައްލެއް ނުލިބެއެވެ.

"އަޅުގަނޑުމެން ދިރިއުޅެނީ މިބުނާ ގެއާ ޖެހިގެން. އަޅުގަނޑުގެ ކޮއްކޮއެއް ވެސް މި ފަހުން ހަމަ ޑެންގޫއަށް ވަނީ ޕޮޒިޓިވްވެފައި. މިކަމާ މެދު އެންމެ ބޮޑަށް ކަންބޮޑުވަނީ،" އާންމުންގެ މީހެއް

މައްޗަންގޯޅި، ނިކަގަސް މަގުގައި ގިނަދުވަސްތަކެއް ވަންދެން ފަޅަށް ހުރި ގެއެއްގައި ކުނި ގިނަވެފައި---

މި ކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ އިމާރާތްތަކުގެ އެތެރޭގައި ހުންނަ ކުނި އެ ކައުންސިލުން ނުނަގާނެ ކަމަށެވެ. އަދި، އެ ކައުންސިލުން ނަގާނީ އާންމު ތަންތަނާ ޕާކު، މައިޒާން އަދި މަގުމަތި ފަދަ ތަންތަނުގައި ހުންނަ ކުނި ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މީހުންނަށް އާންމު އުނދަގޫ ވާނަމަ ކައުންސިލަށް ރިޕޯޓް ކުރުމުން ގޭގެ ވެރި ފަރާތަށް ލިޔުމުން އެކަން ހައްލުކުރުމަށް އަންގާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

"ގޭގެ ވެރި ފަރާތުން އެކަން ހައްލު ކުރަން އެންގުމުން ވެސް އެކަން ހައްލު ނުކޮށްފިނަމަ ކަމުގެ ބާވަތަށް ބަލައި ކައުންސިލުން އެ ކަމަށް އެޓެންޑު ވާނެ" ސިޓީ ކައުންސިލް

އެކަމަކު، އެ ގެއާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނާޅައިކަން ވެސް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ކަމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީއިން އަމަލުކުރާ އުސޫލުގެ ދަށުން ވެސް ގެއެއްގެ ހަތަރު ފާރުން އެތެރޭގައި ހުންނަ ކުންޏެއް ނުނަގާނެއެވެ. އެހެންނަމަވެސް މައްސަލަ ހުށަހެޅުމުން އެ ކަމަށް ފިޔަވަޅު އަޅާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް