މިނިވަން ގައުމެއްގެ ގޮތުގައި ނުދެކޭ ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގެ މައްސަލައިގައި ސަރުކާރުން ޗައިނާގެ ކިބައިން މާފަށް އެދިއްޖެއެވެ.
ޓައިވާނައަކީ ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުތަލަތެއް ކަމަށް ދައުވާ ކުރާ ގައުމެކެވެ. ރައީސް ޞާލިޙް މިދިޔަ ހަފުތާގައި ވަނީ ރާއްޖެއިން 'ރިޕަބްލިކް އޮފް ޗައިނާ' ނުވަތަ ޓައިވާނަށް ސަފީރަކު އައްޔަން ކުރުމަށް އެދި މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.
މި ސިޓީއަކީ ޗައިނާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެކެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފްސީލްކޮށްދެއްވައި މާފަށް އެދިފައިވާ ކަމަށެވެ.
އަދި، ރާއްޖެއިން ޗައިނާގެ 'ވަން ޗައިނާ ޕޮލިސީ' އަށް ތާއީދުކޮށް އެކަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުގައި ޓައިވާނުގެ ޑިޕްލޮމެޓިކް ދަރަޖަ އަކީ ތާރީހުގައި އުފެދިފައިވާ ހިޔާލުތަފާތުވުން ބޮޑު މައްސަލައެކެވެ. ޗައިނާގެ ދާޚިލީ ހަނގުރާމަ 1949ވަނަ އަހަރު ނިމުނު ފަހުން ޗައިނާ އާއި ރިޕަބްލިކް އޮފް ޗައިނާ (ޓައިވާން) އިން ވަނީ އެކަކު އަނެކަކުގެ އިސްތިގުލާލު ހިފަހައްޓައިފައެވެ. ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން އަމަލުކުރަމުން ދަނީ ޓައިވާން ބަލައިގަންނަ ގައުމުތަކާ އެކު ރަސްމީ ގުޅުމެއް ބާއްވަން ފުރުސަތު ނުދޭ ޗައިނާއާ އެކު ސިޔާސީ ގުޅުން ދެމެހެއްޓުމަށް 'ވަން ޗައިނާ' ގެ ސިޔާސަތުގެ ދަށުންނެވެ.