"އެކްޓިވިޓީ ޔުނިފޯމުގައި ވެސް ބަހުން ހިލޭ ދަތުރުކުރެވޭނެ، ނުވާނަމަ ރިޕޯޓް ކުރަން އެދެން"

އެމްޓީސީސީގެ ބަހުގެ ޚިދުމަތް ދައްކުވައިދޭ ކުރެހުމެއް --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ބަސްތަކުން ސްކޫލު ދަރިވަރުންނަށް އެކްޓިވިޓީ ޔުނިފޯމުގައި ދަތުރުކުރެވޭނެ ކަމަށާއި، އެ ދަރިވަރުންނަށް އެފަދަ ޔުނިފޯމުތަކުގައި ބަހަށް ނޭރޭނަމަ އެކަން ރިޕޯޓުކުރުމަށް އެމްޓީސީސީ އިން އެދެފިއެވެ.

އެމްޓީސީސީއިން މިހެން ބުނީ، ފޭސްބުކްގައި ޢާންމު މީހަކު ކުރި ޕޯސްޓަކާ ގުޅިގެން ޢާންމުންގެ ކަންބޮޑުވުން އެކަމުގައި ބޮޑުވެފައިވަނިކޮށެވެ. މިކަމާ ގުޅިގެން އެމްޓީސީސީ އިން ބުނީ ސްކޫލު ދަރިވަރުންނަށް ޔުނިފޯމުގައި ދަތުރުކުރެވޭނެ ފަދައިން، އެކްޓިވިޓީ ޔުނިފޯމުގައި ވެސް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ސްކައުޓް، ލިޓިލް މެއިޑް އަދި ކެޑޭޓް ފަދަ ހަރަކާތްތަކުގައި ޝާމިލުވާ ދަރިވަރުންނަށް ވެސް، އެ ފަދަ ޔުނިފޯމުތަކުގައި ވެސް ބަހުން ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން ދަރިވަރުންނަށް ބަސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެނީ -- ފޮޓޯ/ އެމްޓީސީސީ

މިކަމުގައި އެމްޓީސީސީ އިން ޢާންމުންގެ ފަރާތުން އެދެނީ އެފަދަ ކަންކަން ރިޕޯޓުކުރުމަށެވެ. ވަކިން ޚާއްސަކޮށް، އެފަދަ ކަމެއް ހިނގުމުން، އެމްޓީސީސީގެ ހޮޓްލައިން، 1650 އަށް ގުޅައި އެ ކަމެއް ހިނގި ތާރީޚު، ވަގުތު، އެ ބަސް ދަތުރުކުރާ ރޫޓް އަދި ބަސް ނަންބަރު ފަދަ މައުލޫމާތުތައް ޙިއްސާ ކުރުމަށް އެ ކުންފުނިން އެދެއެވެ.

އެމްޓީސީސީއިން ބުނީ، އެފަދަ މައްސަލަތައް ވަރަށް މަދުން ނަމަވެސް، ދިމާވެގެން އެކަމުގެ ޝަކުވާ އެކުންފުންޏަށް ލިބޭ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތައް އެ ކުންފުންޏަށް ރިޕޯޓު ކުރުމުން ހައްލު ކުރާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީ އަކީ ދަރިވަރުންގެ މިފަދަ ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭ ކުންފުންޏަކަށް ވީއިރު، އެކުންފުނިން ދަރިވަރުންނަށް ބޭނުންވާ ބަސް ޓުއާތައް ވެސް އެކުންފުނީގެ ސީއެސްއާރުގެ ދަށުން ހިލޭ ފޯރުކޮށްދެއެވެ. އަދި އެކުންފުނި ފާހަގަވެފައިވަނީ އެކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ މުހިއްމު ޓްރެއިނިންތައް ފުރިހަމައަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ވެސް ގޮތުގައެވެ.

އެމްޓީސީސީ އިން ދަރިވަރުންނަށް ބަސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެނީ -- ފޮޓޯ/ އެމްޓީސީސީ

މީގެ އިތުރުން، އެކުންފުންޏަކީ ފުލުހުންނާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ދަރިވަރުންނަށް ބަސްތަކުގައި ހަރަކާތްތެރިވާއިރު ހުންނަން ޖެހޭ އަޚްލާގު ފަދަ ކަންކަން އެކުންފުނިން ދަރިވަރުންނަށް ކިޔައިދެއެވެ.

އެމްޓީސީސީގެ ވިސްނުމަކީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް އޯގާތެރި، ހިތްފަސޭހަ އަދި އެއީ ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް ހެދުމެވެ.

comment ކޮމެންޓް